ފަހުގެ ޚަބަރު


އިތުރަށް...

ވެރިކަން ވެއްޓުމާއި ބަޣާވާތް!

ލިޔުނީ: Unknown - Thursday, May 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ނަޝިދުގެ ވެރިކަން ވެއްޓުމުން އެކަމާ ބައެއް ފުލުހުން އުފާފާޅުކުރަނީ
ފާއިތުވި އަހަރުގެ މުޅި ސިޔާސީވެށި ހަލަބޮލިކޮށްލި މުހިއްމު ހާދިސާއަކީ ކޮންމެހާލަތަކުން ނަމަވެސް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުކޮށްލި ކޮށްލުމެވެ. މިކޮލަމުގެ ފުރަތަމަ އަދަދުގައި ވާހަކަ ދައްކަން މިއުޅެނީ އެ ހާދިސާގެ މައްޗަކަށް ނޫނެވެ. އެއަށްވުރެ ފަހުން، ނަމަވެސް ދާދި އަވަހަށް ހިނގައިފާނެ ކަމަށް އަޅުގަނޑުގެ ބުއްދިއަށް ފެންނަ ކަމަކުން ނިކުމެދާނެ ނަތީޖާއެއްގެ މައްޗަށެވެ.

ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލުމާގުޅިގެން ސިޔާސީމައިދާނަށް ވެރިވެގަތް ހަލަބޮލިކަން ހައްލަކަށް އެޅުވީ ކޮމަންވެލްތާއެކު ހެދުނު އެއްބަސްވުމަކުންނެވެ. އެއަށް އަޅުގަނޑުމެން ކިޔައި މިއުޅެނީ "ކޯނި"ގެ ރިޕޯޓެވެ. ފާއިތުވި އަހަރު ފެބުރުއަރީ މަހުގެ 7 ވަނަ ދުވަހު ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލީ ބަޣާވާތަކުންތޯ؟ ބެލުމާއި މިހާރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތީ ޤާނޫނާއި ޤާވާޢިދާ އެއްގޮތްވާގޮތުގެ މަތިންތޯ؟ ބެލުމަކީ ރައްޔިތުން އެންމެ ބޭނުންވި މައިގަނޑު ދެކަންތަކެވެ.

ކޮމަންވެލްތު މެދުވެރިކޮށް މިހާރު އޮތް ސަރުކާރާއި، ލުއްސާލި ސަރުކާރާއި ދެމެދުވަނީ އާއްމުނުކުރާ މިނޫން އިތުރު އެއްބަސްވުމަކަށް އާދެވިފައެވެ. މިދެންނެވި އެއްބަސްވުން ބުނާގޮތުން ކޯނީގެ ރިޕޯޓުން ކޮންމެ ނަތީޖާއެއް ނިކުތްނަމަވެސް ހުރިހާފަރާތަކުންވެސް އެ ބަލައިގަނެ، އެއަށް އިހުތިރާމްކުރަން ލާޒިމްކުރެއެވެ.

ހުރިހާކަމެއް ތާވަލުކުރެވިފައިވާގޮތުގެ މަތީން ސުންގަޑިއަށް ނިންމާލިއެވެ. ސަރުތު ތަކަކާލައިގެންނަމަވެސް ރައީސް ނަޝީދު އެ ރިޕޯޓް ބަލައިގަތީ ހުދު އެމަނިކުފާނު އެންމެ ފާޅުކަން ބޮޑުގޮތެއްގައި ވަކާލާތު ކުރައްވަމުން ގެންދެވި ބަޣާވާތުގެ ސުވާލަށް ސާފު ސީދާ ޖަވާބެއް އެ ރިޕޯޓްގެ ހުށަހެޅުންތަކުގައި ނެތީހެވެ. އެހެނަސް އެ ރިޕޯޓުގައި މުޙައްމަދު ވަޙީދު ޙަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ހަވާލުވި ހަވާލުވުން ހަލާލު ކޮށްދީފައި އޮތެވެ. ދެން އަމަލުކުރަންޖެހޭ ކަމަށް ބުނާ ހުށަހެޅުންތަކަކާއެކު އެކުލަވާލި ކޯނީގެ ރިޕޯޓުން ސިޔާސީ މަސްރަހަށް ހިމޭންކަން ގެނުވިއެވެ.

ރައީސް ވަހީދުވަނީ ކޯނީގެ ރިޕޯޓުގައިވާ ހުށަހެޅުންތައް ތަންފީޒުކުރުމަށް މިހާރުވެސް ނުކުޅެދިފައެވެ. ކޯނީގެ ރިޕޯޓަކީ ދިރިދި އޮތް ރިޕޯޓެކެވެ. އެ މަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވީ ކޯނިގެ ރިޕޯޓުން ވަކި ގޮތެއްނިންމާފައިނުވާ މައްސަލައެއް އޭރުވެސް ފެންމަތިވެފަ އޮއްވައެވެ. ބަޣާވާތާއި ގުޅުންހުރި މައްސަލައަށް ވަކި ގޮތެއް ނިންމުމުން، އިތުރަށް ދެކޮޅު ހެދުމެއް އޮވެގެން ވާނެކަމަކަށް ބުއްދި ޤަބޫލެއްނުކުރެއެވެ. އެމަނިކުފާނު އެއްފަހަރަށް ވުރެ ގިނަ މުނާސަބަތުގައި ވިދާޅުވަނީ "ކޯނީގެ ރިޕޯޓުގައި މިއީ ބަޣާވާތެއްކަމަށް ނިންމައިފަނަމަ އަޅުގަނޑު މިހުރީ އިސްތިއުފާ ދޭން ތައްޔާރަށް" ކަމަށެވެ.

މި ދެންނެވީ އެހާރުގެ ވާހަކައެވެ. އާއަހަރަކަށް ފެށިގެން ރައީސް ނަޝީދު ނިކުންނެވީ މިއީ ކާމިޔާބުގެ އަހަރުގެ ގޮތުގައި އެ މަނިކުފާނުގެ ސަޕޯޓަރުންނަށް އުއްމީދު އާކޮށްދެމުންނެވެ.

އެ އުއްމީދުތައް ގުޅިފައިހުރީ ސީދާ ރައްޔިތުން މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާކޮމިޓީގެ މަސައްކަތާއެވެ. ކޯނީގެ ރިޕޯޓުގައި ވަކިގޮތެއް ކަނޑަނާޅާހުރި މައްސަލަތަކަށް، ވަކިގޮތެއް ކަނޑައެޅުމުގެ މަސައްކަތް އެ ރިޕޯޓު ދިރާސާކުރާ ކޮމިޓީން ކުރަމުންދަނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީއާއިވެސް އެކުގައެވެ. އެ ކޮމިޓީން ހޭބޯނާރާ ކޯނީގެ ރިޕޯޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމާލަން ހިފާފައިވާއިރު އިހު ނެރުނު ކޯނީގެ ރިޕޯޓްގައި އޮތް ޖަވާބު ނުލިބޭ ސުވާލަށް އެތައް އަރިމައްޗަކުން އެއް ޖަވާބެއް ފެންމަތި ކުރުވާތަން މިހާރުވެސް ފެންނަމުން އެބަދެއެވެ.

ކޯނީގެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ރައީސް ވަޙީދުގެ އިތުބާރުނެތްކަމުގެ މައްސަލަވަނީ މަޖިލީހަށްވައްދާފައެވެ. މިދެންނެވީ މަޖިލީހުގެ ތަޅުމުން 52 މެންބަރުންގެ އާބަސް އެކަމަށް ބޭނުންވާނޭ ކަމެއްގެ ވާހަކައެވެ. ސިޔާސީ މަސްރަހު މިވަގުތަށް އޮތްގޮތުން މިއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. މިސަބަބާހުރެ ކޯނީ ރިޕޯރޓް ދިރާސާކުރާ ކޮމިޓީގެ އަޣުލަބިއްޔަތު ބޭނުންކޮށްގެން ފަސޭހަ މަގަކުން ރައީސް ވަޙީދު މަޤާމުން ދުރުކުރުމަށް ކުރެވޭ މަސައްކަތެއްގޮތުގައި މިކަންފެނެއެވެ. މަޖިލީހުގެ ކޮމިޓީއަކުން ނިންމާ ނިންމުމެއް މަޖިލީހަށް ބަލައިގަތުމަށް ބޭނުންވަނީ 39 މެންބަރުން އެއްބަސްވުމެވެ. ރައީސް ނަޝީދުގެ މަޖިލީހުގެ ބައިވެރިންނަށް މީއަކީ އުނދަގޫކަމަކަށް ނުވާނެއެވެ. އެހެނަސް މަޖިލީހުގެ ތަޅުން މިއަހަރު އެންމެ ހޫނުވެގެންދާނެ އެއް ދުވަސްކަމުގައި މިދުވަސްވާނެއެވެ.

ރައްޔިތުން މަޖިލީހުގެ ކޮމިޓީން ކޯނީގެ ރިޕޯރޓު ދިރާސާކޮށް އެކުލަވާލާ ރިޕޯޓުގައި ރައީސް ނަޝީދުގެ ސަރުކާރު ލުއްސާލީ ބަޣާވާތަކުންކަމަށް ނިންމާ މަޖިލީހުގެ ތަޅުމުން 39 މެންބަރުންގެ ވޯޓުން ފާސްކޮށްފިނަމަ ދެންވާނެގޮތް ބައްލަވާށެވެ. މަޖިލީހުގެ ތަޅުމުން ނިންމާގޮތަކުން މެނުވީ މިނިސްޓަރަކު ވިޔަސް އަދި މިނިވަން މުއައްސަސާއެއް މެންބަރަކުވިޔަސް އައްޔަން ކުރުމުގެ ބާރެއް ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް ނެތުމަކީ މަޖިލީހުގެ ނިންމުންތަކުގެ ބާރު ދައްކުވައިދޭ ހެކިތަކެވެ. މަޖިލީހުގެ ތަޅުމުން ނިންމާ ނިންމުމެއްގެ މައްޗަށް އެއްވެސް ފަރާތަކުން ފާޑިކިޔުމެއް އަދި އެއްވެސް ކޯޓު މަރުހަލާއެއްގައި ވަކާލާތުކުރުމެއްނެތެވެ.

ސުވާލަކީ މަޖިލީހުގެ ތަޅުމުން ރައީސް ނަޝީދުގެ ވެރިކަން ލުއްސާލީ ބަޣާވާތަކުންކަމަށް ނިންމައިފިނަމަ ރައީސް ނަޝީދު ހުވާކުރައްވާ ސަރުކާރާ ހަވާލުވެވޭނެތޯ؟ ނުވަތަ މަޖިލީހާއި ވެރިކަން ހަވާލުކުރަން ޖެހޭނެތޯއެވެ؟ ރައީސް ވަހީދު ޤާނޫނާއި ޤަވާއީދާ އެއްގޮތްވާގޮތުގެމަތީން ހުވާކުރެއްވިނަމަ އެކުރެއްވި ހުވަޔަށްވާނީ ކިހިނެއްތޯއެވެ؟ ކޮންމެ ހާލަތެއްގައި ނަމަވެސް މުޅި ދައުލަތުގެ ހިނގުން ފާއިތުވި އަހަރުގެ ފެބްރުއަރީމަހުގެ 7 ވަނަދުވަހުގެ މެންދުރު އެއްގަޑި ފަނަރަޔާއި ހިސާބަށް ފަހަތަށް ދާންޖެހެއެވެ.

ބަޣާވާތަކުން ސަރުކާރު ލުއްސާލުމަށް ރޭވި ރޭވުމުގެ ތެރެއިން ރައީސް ނަޝީދު އިސްތިޢުފާ ދެއްވާފައިވާތީ، އެ މަނިކުފާނު އަލުން ހުވާކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އުއްތަމަ ފަނޑިޔާރާއި މަޖިލީހުގެ ރައީސް އެކަން ކޮށްދެއްވަން ޖެހިވަޑައި ގަންނަވާނެއެވެ. ނަމަވެސް މިހާލަތުގައި އުއްތަމަ ފަނޑިޔާރަކަށްވެސް އަދި މަޖިލީހުގެ ރައީސްއަކަށްވެސް ރައީސް ވަހީދުގެ އިސްތިއުފާގެ ސިޓީ ބޭނުންވާނެ ކަމަކަށް އަޅުގަނޑުގެ ބުއްދި ޤަބޫލެއްނުކުރެއެވެ. އެ ހިސާބުން ރައީސް ނަޝީދު ނިންމަވާ ނިންމުމަކުން ރައީސްކަމާއި ހަވާލުވުމާއި ނުވުން އެއީ އެބޭފުޅާގެ އަތްޕުޅުގައި އޮތްކަމެކެވެ.
ހަޖަމުކުރަން އުނދަގޫވެގެން މިއުޅެނީ ޤައުމުގެ މަސްރަހު ބަދަލުވެގެން ދާނެގޮތަކާއިމެދުގައެވެ. ހަމަކަށަވަރުންވެސް ޕީޕީއެމްގެ ޕާރލިމެންޓްރީ ގްރޫޕްގެ ލީޑަރ ޔާމީން އަބްދުލް ގައްޔޫމާއި ރައީސް ނަޝީދަށް، މިކަމުގެ ހައްލަކަށް އާދެވިދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ. މަޖިލީހުގެ ތެރެއިންނެވެ.

ރައީސް ނަޝީދު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ވެރިކަން ހިންގުން މަޖިލީހާއި ހަވާލުކޮށް އިސްތިއުފާ ދެއްވާ ހުރިހާ ޕާޓީތަކުންވެސް ކުރިއަށް އޮތް އިންތިހާބަށް އަވަސްވެގަތުން މާމުހިއްމެވެ. ރައީސް ނަޝީދުގެ ސަޕޯޓަރުން ބުނަމުން އައިފަދައިން އެމްޑީޕީގެ ވެރިކަން އެމީހުން އަނބުރާހޯދިއެވެ. ބަޣާވާތް ނިމުމަކަށް ގެނެވިއްޖެއެވެ. އިންތިހާބަށް ނިކުންނާނީ އަމާން މާހައުލެއްގައެވެ. ޤައުމަށް މިހިނދުން މިހިނދަށް ބޭނުންވާ އަވަސް އިންތިހާބު އެއޮތީ ފޯރުކޮށްދެވިފައެވެ.

ދަންނަވަންތޯ؟ މިއީ ބާޣާވާތެއްކަމަށް ނިންމާ ހިސާބުން މިގޮތް މާރަނގަޅެވެ. ދެން ވެރިކަމަށް އަންނަ ބަޔަކު ބަޣާވާތުގެ ބައިވެރިން ގޮވައިގެން ދައުވާކުރެވިދާނެތާއެވެ. ކޮންމެ ސިޔާސީ ޑީލަކީ ވަގުތީ ހައްލެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް