ފަހުގެ ޚަބަރު


އިތުރަށް...

މޫސުން ގޯސްވުމުގެ ސަބަބުން ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފި

ލިޔުނީ: Unknown - Friday, May 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ކައްދުއަށް ބޯކޮށް ވާރޭ ވެހެމުންދަނީ - ފޮޓޯ: އެލްއޭ ނިއުސް
މާލެއަށާއި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް، ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ކަނޑު ގަދަވެފައިވާތީ މަގުމަތި ބޭނުންކުރާ ފަރާތްތަކުންނާއި ކަނޑުދަތުރުކުރާ ފަރާތްތަކުން އެކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

ޕޮލިސް ސަރވިސް އިން އިއްޔެ ކޮށްފައިވާ އިލްތިމާސްގައި ވަނީ ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑު ވުމުގެ ސަބަބުން އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކަށާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ބޮޑެތި ދަތިތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ވަކިން ޚާއްޞަކޮށް ދަތުރުފަތުރު ކުރާ ފަރާތްތަކުން މަގު ހިނގާ މީހުންނަށް ސަމާލުކަން ނުދެއްވާނަމަ ހިތާމަވެރި ޙާދިސާއެއް ހިގުމަކީވެސް އެކަށީގެންވާ ކަމެއްކަން ފުލުހުން ފާހަގަ ކުރައްވައެވެ.

މިއާއެކު ކަނޑު ދަތުރު ކުރާ ފަރާތްތަކުންވެސް މޫސުން ގޯސްވެ ވައިގަދަ ވަގުތުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައި ދަތުރުކުރމަކީ މިދެންނެވިފަދަ ހިމާވެރި ޙާދިސާއެއް ހިނގާފާނެ ކަމެއް ކަމަށް ފުލުހުންގެ އިލްތިމާސްގައި ވެއެވެ. "އެހެންކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާބެހޭ އެންމެ ފަހުގެ މަޢޫލޫމާތު ހޯއްދަވައިގެން ދަތުރުތައް ރޭއްވުމަށާއި، ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިލްތިމާސް ކުރަމެވެ. އަދި ހަމަ އެހެންމެ ފަޅު ރަށްރަށަށާއި އެހެނިހެން އެކަހެރި ރަށްރަށަށް ފުރައިގެންދާނަމަ އެކަން ފުލުހުންނަށާއި ކޯސްޓް ގާޑަށް އަންގައި ފުރިހަމަ މަޢުލޫމާތުދީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވަރަށް މުހިއްމު ކަމެކެވެ."

އިއްޔެއިން ފެށިގެން ލ. އަތޮޅަށްވެސް ބޯކޮށްވާރޭވެހި ކޮޅިގަނޑުގައި ވައި ބާރަށް ވައިޖެހެމުން ދެއެވެ. މިއަދު ވަނީމޫސުމާއި ބެހޭ ޤައުމީ އިދާރާއިން މޫސުމް ގޯސްވަމުންދާތީ ދޭ އިންޒާރުގެ 'ވައިޓް އެލަރޓް' ދީފައެވެ. މިއަދުވެސް ގަދައަށް ވިއްސާރަ ކުރާނެ ކަމަށާއި ކޮޅިގަނޑުގައި ގަޑިއަކު 13 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ނިމުތު ކޮށްފައި ވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނާގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެކަމަށާއި  އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމް ލަފާކުރެއެވެ. މީގެ އިތުރުން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ
ދެމެދުގެބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކުގައި ހުޅަގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާ 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލާ 50 މޭލުދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެކަމަށްވެސް ލަފާކުރެއެވެ.

މެދުރާއްޖެތެރެއާއި ދެކުނުއަތޮޅުތަކުގެ ކަނޑުތައް ޢާންމުގޮތެއްގައި ގަދަވާނެކަމަށާއި އަދި އުތުރު އަތޮޅުތަކުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެއެވެ.

ބޯކޮށްވާރޭވެހި ، ވައިގަދަވެ އަދި ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީވެ ޢާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިންވެސް އިލްތިމާސް ކުރެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް