ފަސްއަހަރުގެ ތެރޭގައި ޑިގްރީ ފެންވަރުގެ 300 ޤުރުއާން ޓީޗަރުން
ތަމްރީނު ކުރުން ހިމެނޭ ތަޢުލީމާބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި
ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް”
އިފްތިތާޙް ކުރުން އަންނަ ހުކުރު ދުވަހު (14 ޖޫން 2013- ހުކުރު) ބާއްވާ
ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީ އޮފީހުގައި އިއްޔެ ބޭއްވި ނޫސް ކޮންފަރެންސްގައި އެމްޑީޕީގެ
ކެމްޕޭން ކޮމެޓީގެ ނައިބު މުޤައްރިރު ޢަބްދުލް މާޖިދު ވިދާޅުވީ އެމްޑީޕީގެ
ތަޢުލީމާ ބެހޭސިޔާސަތު “ދިވެހި ޢިލްމުވެރިން – ދިވެހިންގެ ވިސްނުން
ރާއްޖޭގެ އަސްދަނޑިން ބޭރަށްް” އިފްތިތާޙް ކުރުން ރަސްމީކޮށް ބާއްވަން
ހަމަޖެހިފައިވަނީ ޅ އަތޮޅު ނައިފަރުގައި ކަމަށާއި އަދި އެހެން ފަހަރު
ތަކެކޭވެސް އެއްފަދައިން ހަމަ އެދުވަހު ރާއްޖޭގެ 19 އަތޮޅާއި މާލޭ ސިޓީގައި
މި ސިޔާސަތު އިފްތިތާޙް ކުރުން އޮންނާނެ ކަމަށެވެ.
މާޖިދު ވިދާޅުވީ ތަޢުލީމާ ބެހޭ އެމްޑީޕީގެ ސިޔާސަތު “ދިވެހި
ޢިލްމުވެރިން – ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށްް”
ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް
ނަޝީދު ކަމަށެވެ. އަދި ނައިފަރުގައި ރައީސް ނަޝީދު މި ސިޔާސަތު އިފްތިތާޙް
ކޮށްދެއްވުމާއި އެކު ރާއްޖޭގެ 19 އަތޮޅާއި މާލޭ ސިޓީގައި އެއްފަހަރާ ބޭއްވޭ
ހަފްލާތަކެއްގައި މި ސިޔާސަތު އިފްތިތާޙް ކޮށްދެއްވާނީ އެމްޑީޕީއަށް
ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި
އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ކަމަށެވެ.
އެމްޑީޕީ އޮފީހުގައި އިއްޔެެެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން
އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް
ލަބީބް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގައި ދެވޭ ތައުލީމުގައި
އިސްލާމްދީނާއި ކީރިތި ޤުރުއާން އަދި ޢަރަބި ތަޢުލީމަށް ވަރަށް ބޮޑު
އިސްކަމެއް ދީފައިވާނޭ ކަމަށެވެ. އެގޮތުން ވެރިކަމުގެ ދައުރުގެ ތެރޭގައި
ޑިގްރީ ފެންވަރުގެ 300 ޓީޗަރުން މަދުވެގެން ތަމްރީނު ކުރުމަށާއި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްލާމިކް ފެކަލްޓީ އިތުރަށް
ހަރުދަނާކޮށް ފެންވަރު ރަނގަޅު ކުރުމަށް ތައުލީމާ ބެހޭ ސިޔާސަތުގައި
ކަނޑައަޅާފައިވާނޭ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ރާއްޖެއިން މަތީތައުލީމަށްދާ ދަރިވަރުންގެ މިހާރުގެ
ނިސްބަތަކީ 6 އިންސައްތަ ކަމަށާއި ނަމަވެސް އެއިންސައްތަ 40 އަށް ބަދަލު
ކުރުމަކީ ރައީސް ނަޝީދުގެ ވަރަށްބޮޑު އެދުންފުޅެއް ކަމަށެވެ. އެހެންކަމުން
ކުއްޖާ އުފަންވީއްސުރެ ބެލެނިވެރިންނާއި ސަރުކާރުން ފައިސާލާގޮތައް ހަޔަރ
އެޑިއުކޭޝަން ސޭވިންގ ސްކީމެއް ތަޢާރަފް ކުރައްވާނެ ކަމަށެވެ. “ކުއްޖާގެ
އެކައުންޓެއް ހުޅުވާ ބެލެނިވެރިޔާ ލާ ޢަދަދަކަށް ސަރުކާރުންވެސް ފައިސާ
ލާނީ. އެއީ ކުއްޖާ ނިމިގެން މަތީ ތަޢުލީމަށްދާން ޤާއިމް ކޮށްދެވޭ ފަންޑެއް.
ސަރުކާރުން މިސްކީމަށް 5 އަހަރު ތެރޭ 120 މިލިއަން ރުފިޔާ ހަމަޖައްސާނެ”
އިލްޔާސް ވިދާޅުވިއެވެ.
މީގެ އިތުރުން 6150 ޒުވާނުންނަށް މަތީތައުލީމް ހޯދުމަށް ލޯނާއި ސްކޮލަރޝިޕް
ދިނުމަށް 500 މިލިއަން ރުފިޔާ ކަނޑައަޅާނެ ކަމަށްވެސް އިލްޔާސް
ވިދާޅުވިއެވެ. “ކިޔެވުމަށް ދޭ ލޯނު އަނބުރާ ދައްކާއިރު އެޒުވާނަކު ދައްކަން
ޖެހޭނީ ވަޒީފާ އަދާކުރާ ޒުވާނާގެ މަސްދުވަހުގެ އާމްދަނީގެ 8
އިންސައްތައަށްވުރެ މަތިނުވާ ޢަދަދަކުނ މަހަކު” އިލްޔާސް ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ އެމްޑީޕީން ކަނޑައަޅާފައިވާ ވަޒީފާގެ ސިޔާސަތާއި
ތައުލީމީ ސިޔާސަތު ވަރަށް ބޮޑަށް ގުޅިފައިވާނޭ ކަމަށާއި ބޭނުމަކީ ތައުލީމީ
ޒުވާނުންނަށް މަސައްކަތައް ނެރުން ކަމަށެވެ. އެގޮތުން ބޯޓު ބަނުމުގެ ޚާއްޞަ
ސެންޓަރަކާއި މެރިޓައިމް ޓްރޭނިންގ މަރުކަޒެއްގެ އިތުރުން މެޑިކަލް
ކޮލެޖަކާއި ސްޕޯޓްސް ކޮލެޖެއް ޤާއިމް ކުރުމަށްވެސް އެސިޔާސަތުގައި
ކަނޑައަޅާފައިވާނޭ ކަމަށް މާޖިދު ވިދާޅުވިއެވެ.
އަދި އެމްޑީޕީ ސަރުކާރުގެ މި ސިޔާސަތު އެކުލަވައިލުމުގައި މިފަހަރު
ބޮޑަށް ބަލާފައިވަނީ ތައުލީމީ ފެންވަރު އިތުރަށް ރަނގަޅު ކުރުމަށާއި
މަސައްކަތައް ޒުވާނުން އަހުލުވެރިކުރުމަށް ބާރު އެޅުވުމުގެ ގޮތުން
ތައުލީމާއި ތަމްރީނު ދިނުމަށް ކަމަށް ހާމަކުރިއެވެ. އަދި އެމްޑީޕީގެ
ސަރުކާރުގައި ފަށާފައިވާ ހުނަރު ޕްރޮގްރާމާއި ތައުލީމީ ޒުވާނުން
އުފެއްދުމާވެސް ވަރަށް ބޮޑަށް ގުޅުވާލާފައިވާނޭކަމަށްވެސް ވިދާޅުވިއެވެ.
ކުއްލި ޚަބަރު
Recent Post
">
No comments: