ފަހުގެ ޚަބަރު


އިތުރަށް...

އަދީބު މަގާމުން ވަކިކޮށްފި ނަމަ ރައީސް ވަހީދުގެ ކޯލިޝަނުން ޕީޕީއެމް ވަކިވުމަށް އެ ޕާޓީގެ ކައުންސިލަށް މައްސަލަ ހުށަހަޅާނަން - އަބްދުﷲ އަބްދުއްރަހީމް

ލިޔުނީ: Unknown - Thursday, June 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މަގާމުން ވަކިކޮށްފި ނަމަ ރައީސް މުހައްމަދު ވަހީދުގެ ކޯލިޝަނުން ޕީޕީއެމް ވަކިވުމަށް އެ ޕާޓީގެ ކައުންސިލަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުﷲ އަބްދުއްރަހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި އަބްދުއްރަހީމް ވިދާޅުވީ އަދީބުގެ "ބޮލުގައި ތުހުމަތުތަކެއް އަޅުވައި" ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުން މިޒްނާ ޝަރީފް އިސްތިއުފާ ދެއްވީ ޑީއާރުޕީ އާއި ސަރުކާރުގެ ރޭވުމުގެ ދަށުން ކަމަށް ަގަބޫލުކުރައްވާ ކަމަށެވެ. މިޒްނާ އަކީ ރައީސް ވަހީދާއެކު ކޯލިޝަން ހަދާފައިވާ ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު)ގެ ދަރިކަނބަލެއްކަން ފާހަގަކުރައްވައި، އޭނާ އިސްތިއުފާ ދެއްވީ އަދީބުގެ އަގު ވައްޓާލަން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަދީބުގެ ބޮލުގައި ތުހުމަތުތަކެއް އަޅުވައި މިޒްނާ އިސްތިއުފާ ދެއްވީ ރޭވުމެއްގެ ދަށުން. އެ ރޭވުމުގެ ދަށުން އަދީބު [ވަޒީރުކަމުން] ވަކިކޮށްފިއްޔާ ސަރުކާރު ކޯލިޝަންގައި ޕީޕީއެމް ދެމިތިބުމާ މެދު ގޮތެއް ނިންމަން ކައުންސިލަށް ހުށަހެޅުމަކީ އެކަށީގެންވާ ކަމެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަދީބަކީ ސަރުކާރުގެ ވަޒީރުންގެ ތެރެއިން ޒުވާން އެންމެ ޒިންމާދާރު އެއް ވަޒީރު ކަމަށެވެ. މަގާމާ ހަވާލުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް މުހިއްމު އެވޯޑުތައް ހާސިލްކޮށްދީ، ވިޔަފާރިވެރިންގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭ ރައީސް ވަހީދަށް ޑީއާރުޕީން ޕްރެޝާކޮށްގެން އަދީބު މަގާމުން ވަކިކުރަން ރާވަނީއޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ޕީޕީއެމަށް އަމާޒުކުރަމުންދާ ހަމަލާތަކާއި ފާޑުކިޔުންތަކަށް އެ ޕާޓީން ރައްދު ދޭނެ އެވެ. އެކަމަކު ކޮންމެ ނިންމުމެއްގައި ވެސް އެ ޕާޓީން އިސްކުރާނީ ގައުމީ މަސްލަހަތު ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު މިޒްނާ ވިދާޅުވީ އަދީބު މިހާތަނަށް ވެސް އަމަލު ކުރައްވަމުން ގެންދެވީ ދެފުށް ފެންނަ ސިޔާސަތުތަކާ މުޅިން ހިލާފަށް ކަމަށެވެ. އަދި ސީދާ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް އަދީބު ކަންތައްކުރައްވާ ކަމަށް މިޒްނާ ތުހުމަތު ކުރެއްވި އެވެ. ނަމަވެސް އެ ތުހުމަތުތައް ދޮގުކުރައްވައި އޭނާގެ މައްސަލައެއް އޮތް ނަމަ އޭސީސީ އަށް މައްސަލަ ހުށަހެޅުމަށް އަދީބު ވަނީ އެދިވަޑައިގެންފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް