ފަހުގެ ޚަބަރު


އިތުރަށް...

އޮޅުވާލައިގެން ގިނަ ބައެއްގެ ނަމުގައި ފޯމް ފުރައި ގައުމީ އިއްތިހާދުން އިލެކްޝަނަށް ވަނީ ފޯމް ހުށަހަޅާފައި: އޭސީސީ

ލިޔުނީ: Unknown - Thursday, June 20, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގިނަ ބަޔަކަށް ނޭނގި އެމީހުންގެ ނަމުގައި ގައުމީ އިއްތިހާދު ޕާޓީ އަށް ވަނުމަށް އެދޭ ފޯމްގައި ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު އާންމުކުރި ބަޔާނެއްގައި ބުނެފައި ވަނީ ގައުމީ އިއްތިހާދު ޕާޓީ އަށް މީހުން ވައްދާފައި ވަނީ ދައުލަތުގެ ދެ އިދާރާއެއްގައި ހުރި މައުލޫމާތާއި ރެކޯޑު ބޭނުންކޮށްގެން ކަމަށް ބުނެ އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަ ތަހުގީގު ކުރި އިރު، އެ ތަހުގީގު ކުރި މީހުންގެ 85 ޕަސެންޓް މީހުން އެ ޕާޓީ އަށް ވަނުމަށް ފޯމްގައި ސޮއިކޮށްފައި ނުވާނެ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

ތަހުގީގުގައި އެމީހުންނާ ސުވާލުކުރުމުން އެމީހުންގެ ނަމުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައި އިލެކްޝަނަށް ފޯމް ހުށަހަޅާފައިވާ ނަމަ އެއީ އެފަރާތްތަކަށް ނޭނގި އޮޅުވާލައިގެން ކޮށްފައިވާ ކަމެއް ކަމަށް އެމީހުން ކިޔައިދީފައިވާ ކަމަށެވެ. އަދި އެ މީހުންގެ ތަފްސީލީ މައުލޫމާތު އިލެކްޝަނަށް ފޮނުވާފައިވާ ކަމަށް އޭސީސީން ބުންޏެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފޯމް އެންޓްރީ ނަންބަރަކީ ޕާޓީގެ އޮފީހަށް ފޯމް ލިބޭ ތަރުތީބުން ފޯމުތައް ދެމުންދާ ނަންބަރެއް ކަމަށެވެ. އަދި އެންޓްރީކުރި ތާރީޚާއި ގަޑިއަކީ ޕާޓީ އޮފީހުން ފޯމަށް އެންޓްރީ ނަންބަރެއް ދިނުމަށް ފަހު ފޯމް އެންޓާ ކުރާ ތާރީޚާއި ގަޑި ކަމަށާއި ނަމަވެސް އެންޓްރީ ނަންބަރާއި ފޯމް އެންޓާ ކުރި ތާރީޚާއި ގަޑި ދިމާނުވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ގައުމީ އިއްތިހާދު ޕާޓީގެ ދަފްތަރުގައި ހިމެނުމަށް އިލެކްޝަނަށް ހުށަހެޅި ފޯމްތަކުގެ ތެރެއިން ދެ މީހެއްގެ ފޯމް އިލެކްޝަނަށް ހުށަހެޅިއިރު ވެސް އެ ދެ މީހުން ވަނީ މަރުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

"އެގޮތުން 8 އޯގަސްޓް 2012 ގައި ނިޔާވެފައިވާ މީހަކު، ފޯމްގައި ބަޔާން ކޮށްފައިވާ ގޮތުން 6 މާޗް 2013ގައި ސޮއިކޮށްފައިވާކަން އެނގޭ ކަމާއި، 16 ޖެނުއަރީ 2011 ގައި ނިޔާވެފައިވާ މީހަކު، ފޯމްގައި ބަޔާންކޮށްފައިވާ ގޮތުން 16 ފެބްރުއަރީ 2013 ގައި ސޮއިކޮށްފައިވާކަން އެނގޭ ކަމާއި، މި ދެ ފޯމްގައި ސޮއިކޮށްފައިވާކަމަށް ބަޔާންކޮށްފައިވާ ތާރީޚުތަކަކީ އެ ދެ ފަރާތް ނިޔާވި ތާރީޚުގެ ފަހުގެ ތާރީޚެއްކަން އެނެގެ އެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ގައުމީ އިއްތިހާދު ޕާޓީން ހުށަހަޅާފައިވާ ފޯމްތައް ޕްރޮސެސް ކުރުމުގެ ކުރިން އެއީ އެ ފޯމްގައި ސޮއިކޮށްފައިވާ މީހާ ހުށަހެޅި ފޯމެއްތޯ ކަށަވަރު ކުރުމަށް ވެސް އޭސީސީން ވަނީ އިލެކްޝަނަށް އަންގާފަ އެވެ.

މިކަމާ ބެހޭ ގޮތުން ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ ވިދާޅުވީ އޭސީސީން އެފަދަ ބަޔާނެއް ނެރެފައި ޖީއެމްއާރަށް އެއާޕޯޓު ކުއްޔަށް ދިން މައްސަލައިގައި އާބިޓްރޭޝަނަށް ފައިދާވާ ގޮތަށް އެ ކޮމިޝަނުން ވަރަށް ގިނަ ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތުކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް އެ ޕާޓީން ގޮވާލާފައި ވާތީ ކަމަށެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނުން މި ބަޔާން ނެރުނީ ޖީއެމްއާރަށް އެއާޕޯޓު ވިއްކާލި މައްސަލައިގައި އާބިޓްރޭޝަނަށް ފައިދާވާ ގޮތަށް އެންޓި ކޮރަޕްޝަނުން ވަރަށް ގިނަ ފައިސާ ނަގާފައިވާ ކަމުގެ ތުހުމަތު އަޅުގަނޑުމެންނަށް ލިބެމުން އެބަދޭ. އަޅުގަނޑުމެން ގޮވާލާފައި ވާނެ ޕޮލިސް ކޮމިޝަނަށް އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަންގެ މެންބަރުންގެ މާލިއްޔަތާއި އެމީހުންގެ އާއިލާގެ މާލިއްޔަތު ތަހުގީގު ކޮށްދިނުމަށް. އެހެންވީމާ މިއީ އަޅުގަނޑުމެން މި ވާހަކަ ދައްކާތީ އެކަމާ ދެކޮޅަށް އަޅުގަނޑުމެން ލަދުގަނުވާލަން ނެރެފައިވާ ބަޔާނެއް. އަޅުގަނޑު މިދައްކަނީ 15000 ފޯމްގެ ވާހަކަ. ތިން މީހުންނާ ސުވާލުކޮށްފަ މިއީ 85 ޕަސެންޓޭ ބުނެވިދާނެ އޭގެތެރެއިން ދެ މީހަކު ވަކިގޮތަކަށް އެއްޗެއް ބުނީމަ. އެމީހާ އަކީ ޕާޓީގެ ފޯމްލާފައި އޮތް މީހެއްތޯ ޔަގީން ކުރި ގޮތެއް ވެސް އެ ބޭފުޅުން ބުނެދޭންޖެހޭނެ،" އައްބާސް ވިދާޅުވި އެވެ.

ލ. އަތޮޅުންވެސް ބައެއް ފަރާތްތައް އެލްއޭ ނިއުސް އަށް މީގެ ދުވަސްކޮޅެއް ކުރިން ވަނީ މިފަދަ މަޢުލޫމާތު ތަކެއް ހިއްސާ ކޮށްފައެވެ. އެމީހުން ބުނީ ޤައުމީ އިއްތިހާދު ޕާޓީއަށް ފޯމު ނުފުރާކަމަށާއި ސޮއިވެސް ނުކުރާކަމަށެވެ. ނަމަވެސް ކުއްލިއަކަށް އެނގުނީ އެމީހުން ޤައުމީ އިއްތިހާދު ޕާޓީގައި ރަޖިސްޓަރީ ކޮށްފައިވާކަން ކަމަށް ބައެއް ފަރާތްތަކުން ކިޔައިދީފައި ވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް