ފަހުގެ ޚަބަރު


އިތުރަށް...

އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު މިއަދު ރައްޔިތުން މަޖިލީހުގެ ޖަލްސާތައް ފަށާނެ

ލިޔުނީ: Unknown - Monday, June 3, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެއް މަސް ދުވަހުގެ ޗުއްޓީއަކަށްފަހު މިއަހަރުގެ ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނެ ކަމަށް މަޖިލީހުން ބުނެފިއެވެ.

މިއަދު އޮންނަ ޖަލްސާގައި ނޫސްވެރިން ޝާއިއުކުރާ ލިޔުންތަކުގެ މަސްދަރު ހާމަކުރަންޖެހޭ ގޮތަށް ބާރުއަޅާފައިވާ އިމްތިޔާޒު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރުމަށް އެޖެންޑާކޮށްފައިވެ އެވެ.

މިއަދު ޖަލްސާގެ އެޖެންޑާގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އެމްޑީޕީގެ ތިން މެންބަރަކު ހުށަހަޅާފައިވާ ތިން އިސްލާހަށް ބަހުސް ކުރުމަށް ނިންމާފައިވެ އެވެ. އެންމެ ފުރަތަމަ ބަހުސް ކުރުމަށް ނިންމާފައި ވަނީ އިމްތިޔާޒުގެ ގާނޫނަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ހުށަހަޅުއްވާފައިވާ އިސްލާހަށެވެ.

އެ އިސްލާހުގައި ވަނީ ނޫސްވެރިކަން ކުރުމާއި މުވާސަލާތީ ވަސީލަތްތައް ބޭނުން ކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށާއި މީގެ ތެރޭގައި ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ލިބިގެންވާ ކަަމަށެވެ. އެގޮތުން ޝާއިއު ކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅު ކުރާ މައުލޫމާތެއް ހާމަ ކުރުމަކަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެ ކަމަށް އިސްލާހުގައިވެ އެވެ.

މިހާރު އަމަލު ކުރަމުންދާ އިމްތިޔާޒުގެ ގާނޫނުގައި ބުނެފައި ވަނީ މަޖިލީހަށް ހާޒިރުކުރެވޭ މީހާ އާއި ކުރެވޭ ސުވާލުތަކަށް އެ މީހަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމަށާއި ޖަވާބު ނުދީފިނަމަ، ނުވަތަ ލިޔުމެއް ނުދީ ފޮރުވައިފިނަމަ އެ މީހަކީ މަޖިލީހުގެ އަމުރަށް ނުކިޔަމަންތެރިވީ މީހެއް ކަމުގައިވާނެ އެވެ. އެ މީހެއްގެ އަދަބަކީ 1000ރ. އާއި 3000ރ. އަދަދަކުން ޖޫރިމަނާކުރުމާ ކުރުން ނުވަތަ ތިން މަސް ދުވަހާއި ހަ މަހުގެ މުއްދަތަށް ޖަލަށްލުމެވެ.

މިއަދުގެ ޖަލްސާގައި ޕެންޝަނާ ބެހޭ ގާނުނަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ އިސްލާހަށް ބަަހުސް ކުރުން ކުރިއަށް ގެންދާނެ އެވެ. އަދި މާވަށު ދާއިރާގެ މެންބަރު އަބްދުލް އަޒީޒު މަޖާލު އަބޫބަކުރު ހުށަހަޅުއްވާފައިވާ ގައުމީ ކުތުބުޚާނާގެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާނެ އެވެ. އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާބެހޭ ގާނުނަށް އިސްލާހު ހުށަހެޅުމުގެ ބިލުގެ ފުރަތަމަ ކިޔުން މަޖިލީހަށް އިއްވާނެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް