ފަހުގެ ޚަބަރު


އިތުރަށް...

ޖޭޕީން އަދާލަތަށް 25 މިލިއަން ރުފިޔާ ހުށަހެޅިކަން ކޯޓުގައި ސާބިތުކޮށްދޭނަން – ޕީޕިއެމް

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކޯލިޝަން ހެދުމަށްޓަކައި އަދާލަތު ޕާޓީ (އޭޕީ) އަށް 25 މިލިއަން ރުފިޔާ ހުށަހެޅިކަން ކޯޓުގައި ސާބިތު ކޮށްދޭނެ ކަމަށް ޕީޕީއެމްއިން މިއަދު ބުނެފިއެވެ.

ޕީޕީއެމްއިން އަދާލަތު ޕާޓީއަށް ފައިސާ ހުށަހެޅިކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ވިދާޅުވެފައިވާތީ އެކަމަށް ރައްދުދިނުމަށް މިއަދު ޕީޕީއެމްގެ އޮފީހުގައި ހަވީރު ބޭއްވި ނޫސްކޮންފަރެންސެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުރަހީމް އަބުދުﷲ (އަދުރޭ) ވިދާޅުވީ ޕީޕީއެމްއިން އަދާލަތަށް ފައިސާ ހުށަހަޅާފައި ނުވާނެ ކަމަށާއި އެކަން ސާބިތުވެސް ނުކޮށްދެވޭނެ ކަމަށާއި ނަމަވެސް ޖޭޕީއިން އަދާލަތައް ފައިސާ ހުށަހެޅިކަން ކޯޓުގައި ސާބިތުކޮށް ދެވޭނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ކޯލިޝަން ހެދުމަށްޓަކައި ޖޭޕީ އިން ފައިސާ ހުށަހެޅި ވާހަކަ ޕީޕީއެމް މީހުން ކައިރީގައި ވިދާޅުވީ އަދާލަތު ޕާޓީގެ އިސްބޭފުޅުން ކަމަށެވެ.

“އަޅުގަނޑު ގޮވާލަން ޝަރީއަތައްދާށޭ އަޅުގަނޑު ސާބިތުކޮށްދޭނަން ޖޭޕީ އިން އަދާލަތާއި ކޯލިޝަން ހެދުމަށްޓަކައި 25 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށް އަދާލަތުގެ އިސް ބޭފުޅުން އަޅުގަނޑުމެން ގާތު ވިދާޅުވި ކަމަށް ސާބިތުކޮށްދޭނަން. ދެން ވަޑައިގަންނަވާ ޝަރީއަތައް. އެކަމަކު އިމްރާން އަކަށް ސާބިތުކޮށެއް ނުދެވޭނެ ޕީޕީއެމްއިން ފައިސާ ހުށަހެޅިކަމެއް. ޕީޕީއެމްއަކުން އެއްވެސް ޕާޓީއަކަށް ފައިސާއެއް ހުށަހެއްނާޅާ.” އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ފައިސާ ހުށަހެޅުމަކީ ޕީޕީއެމްގެ އުސޫލެއް ނޫންކަމަށާއި އެއީ ޕީޕީއެމްއިން ގަބޫލުކުރާ ހަމައެއްވެސް ނޫން ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ވެސް އަދި ޕާޓީ އެއްވެސް ފައިސާއަށް ޕީޕީއެމްއަށް ނުގެންނާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

“އެއްފަހަރު މިވިދާޅުވަނީ ޕީޕީއެމް އާއި ވާހަކަދައްކާފައެއް ނޯންނާނެ ކަމަށް. އެކަމަކު އަނެއްކޮޅުން މިވިދާޅުވަނީ އަދާލަތައް ޕީޕީއެމްއިން ފައިސާ ހުށަހެޅިކަމަށް. ޝެއިހް އިމްރާން އަކީ ވަރަށް ދައްކާވާހަކަ ދިމާނުވާ ބޭފުޅެއް ކަން މިއޮތީ އެނގެން. ފުރަތަމަ ވިދާޅުވެފައި އޮންނަނީ ތިމަންނަމެން ކޯލިޝަން ހަދާނެ ބަޔަކު އިނގޭނީ އިލެކްޝަން ކޮމިޝަނުން ރަސްމީކޮށް ނަން އިއުލާން ކުރީމައޭ. އަނެއްކޮޅުން މިވިދާޅުވަނީ ތިމަންނަމެން ގައުމައިގެން ކުރިއަށް ކޯލިޝަނުން ނިކުތް އިރުވެސް ތިބީ ޖޭޕީ އާއި ކޯލިޝަން ހަދަން ނިންމައިގެންނޭ. މިހަމަ އެއްބޭފުޅަކު ދައްކާ ވާހަކަ. ދެން މިވިދާޅުވަނީ ތިމަންނަމެން ޕީޕީއެމްއަކާއި ރަސްމީ ވާހަކަތައެއް ދައްކާފައެއް ނޯންނާނެއޭ. އަނެއް ދުވަހު މިވިދާޅުވަނީ ޕީޕީއެމްއިން ފައިސާ ހުށަހެޅިއޭ.” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޝެއިހް އިމްރާން ދައްކާ ވާހަކަފުޅުތަކާއި މެދު ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ފާރަވެރިވެގެން ތިބެން ޖެހޭކަމަށާއި މުސްލިމުން ކުރިމަތީގައި ދެދުވަހު ދެއަނގައިން ވާހަކަދެއްކުމަކީ ވަރަށް ދެރަ ކަމެއްކަމަށެވެ.

އަދި ސިޔާސީ ލީޑަރުން ރައްޔިތުންނަށް އޮޅުވާލަމުން ގެންދާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

“ދޮގުހަދާކަން ކަށަވަރީ ﷲ އަށް އީމާންނުވާ މީހުން” ޤުރުއާނުގެ އާޔަތެއް ވިދާޅުވެ މިސާލު ދައްކަވަމުން އަދުރޭ ވިދާޅުވިއެވެ.

ޖުމްހޫރީ ގުޅުމުގެ ފަރާތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ ވިދާޅުވީ ޕީޕީއެމްއިން އަދާލަތައް ފައިސާ ހުށަހެޅި ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް އިމްރާން ދެއްވާފައެއް ނުވެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް