ފަހުގެ ޚަބަރު


އިތުރަށް...

މާރާމާރީ އާއި ދެކޮޅަށް އަޑުއުފުލުމަށް މިމަހު 27 ގައި ގަމުން ނުކުންނަނީ

ލިޔުނީ: Unknown - Tuesday, July 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
މި ޖުލައި މަހުގެ 27 ވާ ހޮނިހިރި ދުވަހު މާރާމާރީ އާއި ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ކުލަބު ޖަމިއްޔާ ތަކާއި ގަމު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމުކޮށް ބާއްވާ ބޮޑު ޙަރަކާތެއް އޮންނާނެ ކަމަށް މިކަން އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

މި ޙަރަކާތަކީ މާރާމާރީ އާއި ދެކޮޅަށް އަޑުއުފުލުމަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ޙަރަކާތެއް ކަމަށް ޙަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ޙަރަކާތްތެރިވަމުން އަންނަ ގަމު ޒުވާނެއްކަމަށްވާ 'ހިޔާ' ޖަމިއްޔާގެ ރައީސް ވިޝާމް މަޢުލޫމާތު ދެއެވެ.

މާރާމާރީ އާއި ދެކޮޅަށް ޒުވާނުން އިސްވެތިބެ ނުކުންނަން ނިންމާފައިވަނީ މާރާމާރީގެ ސަބަބުން ހައްދުންމަތީ ގަމުގެ ނަން ކިލަނބުވަމުން ދާތީ ކަމަށް މިކަމުގައި ޙަރަމާތްތެރިވާ ޒުވާނުން ބުނެއެވެ. މީގެ އިތުރުން ގަމުގައި މިހާރު މަތީ ޘާނަވީއަށް ކިޔެވުމުގެ ފުރުޞަތު ތަނަވަސް ވެފައި، ކޮލެޖް ކެމްޕަސް ޤާއިމުވެފައި ވާއިރު މި މާރާމާރީތަކުގެ ސަބަބުން ރަށުން ބޭރުން ކިޔެވުމަށް ގަމަށް އަންނަންތިބި ކުދިން ގަމަށް ތަޢުލީމު ޙާޞިލްކުރަން އަންނަން ފަސްޖެހޭގޮތް ވާކަމަށްވެސް ޒުވާނުން ބުނެއެވެ. މީގެ އިތުރުން މިއަދު ހިނަގަމުންދާ މާރާމާރީ ތަކުގެ ސަބަބުން ގަމުގެ ތަރައްޤީއަށްވެސް ގިނަގުނަ ހުރަސްތަކާ ކުރިމަތިވާކަން މި ޙަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން ގަމުގައި އިންވެސްޓް ކުރުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތަކުން އިންވެސްޓް ކުރުމަށް ފަސްޖެހެމުން އަންނަކަމަށާއި ގަމަކީ ފަތުރުވެރިކަމުގެ ގޮތުން މިހާރު ގެސްޓްހައުސްގެ ވިޔަފާރި ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު، ފަތުރުވެރިން ގަމަށް ދިއުމަށް ފަސްޖެހޭކަމަށްވެސް ބުނެއެވެ.

ގުރޫޕް މާރާމާރީއާއި، އަވަށު ވާދަވެރިކަމުން އުފެދޭ މާރާމާރީ ތަކުގެ ސަބަބުން ގަމުގެ ފަސްގަނޑަށް އުފަން ނުވަތަ ފަސްގަނޑުގައި ދިރިއުޅޭ އެތަކެއް ބަޔަކަށް އަނިޔާލިބި މިހާތަނަށް 2 މީހަކު ނިޔާވެފައި ވާކަން ޒުވާނުން ފާހަގަކުރަނީ ހިތާމައާއި އެކުގައެވެ. އެހެންކަމުން ގަމުގެ ޙާލަތު ރަނގަޅުކުރުމަށް، ގަމަކީ އަމާން ތަނަކަށް ހެދުމުގެ ގޮތުން މާރާމާރީތައް ހުއްޓުވުމަށް މިއަދު ގަމުގެ ކުލަބު ޖަމިއްޔާތަކާއި ގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން މިމަހުގެ 27 ވާ ހޮނިހިރު ދުވަހު ހަވީރު 4:15 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވެހިކަލް ބުރުގައި ވީހާވެސް ގިނަ ޢަދަދެއްގެ ބަޔަކު ނިކުމެ މާރާމާރީ އާއ ދެކޮޅަށް އަޑުއުފުލުމަކީ ގަމު ކައުންސިލުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މި ހަރަކާތް ރާވާ ޒުވާނުން ވަރަށް ބޮޑަށް އެދޭ ކަމެއްކަމަށް ވިޝާމް ހާމަކުރެއްވިއެވެ.

މި ވެހިކަލް ބުރުގެ ސަބަބުން ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް ހައްދުންމަތީ ގަމުގައި މާރާމާރީއާއި ދެކޮޅަށް ގިނަ ބަޔަކު ތިބިކަން ހާމަވެގެން ދާނެކަމަށް ޒުވާނުން ބުނެއެވެ. އަދި މާރާމާރީގެ ސަބަބުން ގަމަށް ދިއުމަށް ޖެހިލުންވެ ފަސްޖެހިފައިވާ އިންވެސްޓަރުންނާއި މަތީ ތަޢުލީމަށް ކިޔެވުމަށް ގަމަށް ދާން ތިބި ކުދިންނަށް ހިތްވަރުލިބި އެކުދިންނާއިއެކު ގިނަ ބަޔަކު ތިބިކަން ހާމަވެގެން ދާނެ ކަމަށްވެސް ޒުވާނުން ބުނެއެވެ.

މި ހަރަކާތުގައި ބައިވެރިވުމަށް ހަރަކާތް ފެށުމަށް ހަމަޖެހިފައިވާ ސަރަޙައްދު ކަމަށްވާ ގަމު ތުނޑީ ބަނދަރަށް 04:30 އަށް ވީހާވެސް ގިނަ ބަޔަކު ދިއުމަށް ގަމު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި މި ހަރަކާތް އިންތިޒާމުކުރާ ޒުވާނުން އެދެއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް