ފަހުގެ ޚަބަރު


އިތުރަށް...

ދީނާ ހިލާފު ފޮތެއް ލިޔުނު ހަސަނަށް ތާއީދުކޮށް އުމަރު ވާހަކަ ދައްކައިފި

ލިޔުނީ: Unknown - Tuesday, July 30, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

"ދީނީ މިނިވަންކަމާއި މުރުތައްދުވުން އިސްލާމް ދީނުގައި” ނަމުގައި އިސްލާމް ދީނާއި ހިލާފު ފޮޮތެއް ނެރުނު ޖުމްހޫރީ ގުޅުމުގެ ރަނިންގ މޭޓު ޑރ. ހަސަން ސައީދަށް ތާއީދުކޮށް އުމަރު ނަސީރު ވާހަކަ ދައްކަވައިފިއެވެ.

މީގެ ފަސް އަހަރު ކުރިން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޑރ. ހަސަން ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައި ގިނަގުނަ ހަރަކާތްތަކެއް ހިންގެވި އުމަރު ނަސީރު ހަސަން ސައީދަށް ތާއީދުކޮށް ވާހަކަދައްކަވާފައިވަނީ ރޭ ޖުމްހޫރީ ޤުޅުމުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައެވެ. މިޖަލްސާގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވެފައިވަނީ، މިޤައުމަށް މިއަދު ބޭނުންވާ ތަރައްޤީއާ ކުރިއެރުން ގެނެސްދެވޭނެ އެއް ބޭފުޅަކީ ޑރ. ހަސަން ސައީދު ކަމަށެވެ.

މީގެ އިތުރުން އިންތިހާބުގެ ކުރިން ހަސަންއާއި ޤާސިމްގެ އަބުރު ނަގާލުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރާނެ ކަމަށާއި، ކުރީގެ ރައީސް ނަޝީދު ބަލި ކުރެވޭނެ ހިތްވަރާއި ފަންވަރު ހުރި ހަމައެކަނި ބޭފުޅުންނަކީ ގާސިމާއި ހަސަން ކަމަށް އުމަރު ވިދާޅުވި އެވެ. އަދި އިންތިހާބުގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންނަށް ބަލާއިރު ގައުމުގެ ތިޖޫރީ ހުސްކޮށް ނުލާނެ އަދި ގައުމު ހަމަ މަގަށް އަޅުވާނެ ހަމައެކަނި ދެބޭފުޅުންނަކީ ގާސިމާއި އޭނާގެ ރަނިން މޭޓް ހަސަން ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.


ރޭގެ ޖަލްސާގައި އުމަރު ހަސަނަށް ތާއީދުކޮށް ވާހަކަ ދައްކަވާފައިވާއިރު، 2008 ވަނަ އަހަރު އުމަރު ވަނީ ހަސަނާ ދެކޮޅަށް ވަރަށް ގިނަ ހަރަކާތް ހިންގާފައެވެ. އެގޮތުން އޭރު “ނިއު މޯލްޑިވްސް މޫވްމަންޓް”ގެ ނަމުގައި ހަރަކާތެއް ހަދައިގެން އުޅުނު ޑރ. ހަސަން ސައީދާއި އެމަނިކުފާނު ބޭބެ ޑރ. އަބްދުﷲ ސައީދު ލިޔުއްވި “ދީނީ މިނިވަންކަމާއި މުރުތައްދުވުން އިސްލާމް ދީނުގައި” މި ފޮތުގައި އިސްލާމް ދީނާއި ހިލާފު ވާހަކަތަކެއް ލިޔެފައިވާކަމަށާއި، އެކަމުގެ ސަބަބުން ދިވެހިންގެ ތެރޭގައި ތިބި އީމާންކަން ބަލިކަށި މީހުން ދީން ދޫކޮށް ނިކުތުމަށް ހިތްވަރު ލިބިގެންދާކަމަށް ވިދާޅުވެފައެވެ.

2003 ވަނަ އަހަރު ހަސަން ސައީދާއި އަބްދުﷲ ސައީދު ލިޔުނު ފޮތުގައި ފާޅުކޮށްފައިވާ ހިޔާލުތަކަކީ މި ރާއްޖެއާއި އެހެން ޤައުމުތަކަށްވެސް އަދި އީމާންތެރިކަން ދަށްމީހުން އެހެން ދީންތަކަށް ލެނބުމަށް ފުރުސަތު ލިބިދޭ ފޮތެއް ކަމަށް 2008 ވަނަ އަހަރު އުމަރު ވަނީ ވިދާޅުވެފައެވެ.

“އެތައް މުސްލިމުންނެއް މިއަދު ވަނީ މުރުތައްދުވުމާ ބެހޭ ޤާނޫނާ މެދު ހިތްހަމަ ނުޖެހިފައެވެ. އަދި އެމީހުން ވަކާލާތު ކުރަނީ އެޤާނޫނަކީ މިޒަމާނަށް ފެތޭ އެއްޗެއް ނޫން ކަމަށާއި އަދި އެޤާނޫނު އުވާލުމަށެވެ. އެ މީހުން (ހަސަން ސައީދާއި އަބްދުﷲ ސައީދު) ވަނީ މިކަމާ ބެހޭ ލިޔުންތައް އަލުން މާނަ ކުރުމަށް މަސައްކަތް ކޮށްފައެވެ. އެއީ މަރުގެ އަދަބު ދިނުމަށް ކީރިތި ޤުރުއާނުގައި އައިސްފައި ނުވާތީއާއި ރަސޫލާގެ ސުންނަތުގަ އެކަން ނެތުމުންނެވެ. އަދި ކިއެއްތަ މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދެވިފައިވަނީ ހަމައެކަނި ދީން ދޫކޮށްގެން ނޫން ކަމާ އެ އަދަބު ދެވިފައިވަނީ ޤައުމަށް ހިޔާނާތްތެރި ނެތެރިވުން ފަދަ ބޮޑެތި ސިޔާސީ ކުށްތައް ކޮށްގެންނެވެ. އެހެން ބޭފުޅުންނާ ހިލާފަށް މިދެންނެވި ބޭފުޅުން ވަކާލާތުކުރަނީ މުސްލިމުންނަށާއި ޣައިރު މުސްލިމުންނަށްވެސް އެމީހަކު އުޅޭނެ ދީނަކަށް އުޅުމުގެ މިނިވަންކަން އޮތުމަކީ އިސްލާމް ދީނުގެ އަސާސީ އުސޫލެއް ކަމަށާއި ދީން ދޫކުރާ މީހުންނަށް އޮންނަ އަދަބަކީ މިދެންނެވި އުސޫލާއި ހިލާފު ކަމެއް ކަމަށާއި ދީން ދޫކުރާ މީހުންނަށް އަދަބު މުޅިން އުވާލަން ޖެހޭނެ ކަމަށެވެ. މި ފޮތަކީ ދީނީ މިނިވަން ކަމަކީ އިސްލާމް ދީނުގައި އަސާސީ ސިފައެއް ކަމަށާއި މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ދިނުމަކީ ދީނުގެ މި އުސޫލާ ހިލާފުކަމެއްކަމަށް ވިސްނާ ވިސްނުންތަކަށް މަދަދު ދިނުމުގެ ގޮތުން ލިޔެފައިވާ ފޮތެކެވެ. މިފޮތުގައި މި ވަކާލާތުކުރަނީ މަރުގެ އަދަބަކީ ކީރިތި ގުރުއާނާއި ރަސޫލާގެ ސުންނަތާއި އިސްލާމް ދީނުގެ އަސްލު އުސޫލުތަކާ ހިލާފު އަދި މިޒަމާނުގެ އިންސާނީ ހައްގުތަކާއި އަދި ހާއްސަކޮށް އެމީހަކު އުޅޭނެ ދީނަކަށް އުޅުމުގެ މިިނިވަންކަމާ ހިލާފު އެއްޗެއްކަމަށެވެ.” އެ ފޮތުގެ ތައާރަފްގައި ހަސަން ސައީދު ލިޔެފައިވެއެވެ.
ހަސަން ސައީދާއި އަބްދުﷲ ސައީދު ލިޔުނު މިފޮތް ނެރެފައިވަނީ 2003 ވަނަ އަހަރުއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް