ފަހުގެ ޚަބަރު


އިތުރަށް...

ސަލްޓަން ޕާކް ބޮމުގެ ހާދިސާ އަށް ފަހު ފިލައިގެން އުޅުނު އަބްދުއްލަތީފްގެ މައްޗަށް ދައުވާކޮށްފި

ލިޔުނީ: Unknown - Tuesday, July 16, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ސަލްޓަންޕާކުގައި ބޮން ގޮއްވުމުގައި ބައިވެރި ކަމުގެ ތުހުމަތު ކުރެވޭ އަބްދުއްލަތީފް އިބްރާހިމްގެ މައްޗަށް ދައުލަތުން މިއަދު ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
ލ. ގަމު ތުނޑީ އަވަށު، ލަވްސައިޑް އަބްދުއްލަތީފް 2007 ވަނަ އަހަރު ސަލްޓަން ޕާކްގައި ބޮން ގޮއްވިފަހުން އެހެން މީހެއްގެ ނަމުގައި ރާއްޖެއިން ބޭރަށް ފިލައިގެން ގޮސްފަ އި ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ. ނަމަވެސް އޭނާގެ ޢާއިލާ މެންބަރަކު އެލްއޭ ނިއުސް އަށް މަޢުލޫމާތު ދެމުން މިއަދު ބުނީ ޢަބްދުލްލަޠީފް ރާއްޖެއިން ބޭރަށް ދިޔައީ ދިވެހި ސަރުކާރުން އޭނާއަށް ހަދަައިދީފައިވާ ޕާސްޕޯޓްގައި ކަމަށެވެ.  އޭގެފަހުން އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އައުމުން އެއާޕޯޓުންނެވެ.

ޝަރީއަތުގައި ދައުވާ އިއްވަވަމުން ޕީޖީ އޮފީހުގެ ވަކީލް އަބްދުﷲ ރާބިއު ވިދާޅުވީ ޓޫރިސްޓުންނަށް އަމާޒުކޮށް ބޮން ގޮއްވުމުގައި އަބްދުއްލަތީފް ބައިވެރިވެފައިވާތީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާ ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ގެންގޮސްފައި އިން އަބްދުއްލަތީފްގެ މައްޗަށް ދައުވާ އިއްވުމުން ބުނީ އެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ. ހާދިސާ ހިނގިތާ ފަސް އަހަރު ކުރާ ދައުވާ އިއްވުމާ އަބްދުއްލަތީފް ބުނީ ވަކީލަކު ހަމަޖައްސަން ބޭނުންވާ ކަމަށެވެ. އަދި ބަންދުގައި ހުންނަތާ ގިނަދުވަސްތަކެއް ވެސް ވެފައިވުމުން، އޭނާގެ މައްޗަށް ދައުވާ ކުރެވޭވަރުގެ ހެކި ހުރިތޯ ބަލައިދިނުމަށް ވެސް ޝަރީއަތުގައި މަޑުމަތިއިރިކޮށް ވާހަކަ ދެއްކި އަބްދުއްލަތީފް ގާޒީގެ ކިބައިން އެދުނެވެ.

މައްސަލަ ބައްލަވާ ގާޒީ މުހުތާޒް ފަހުމީ ވިދާޅުވީ އަބްދުއްލަތީފާ ދެކޮޅަށް ހުރި ހެކިތައް ހުށަހެޅުމަށް ދައުލަތުގެ ވަކީލަށް ނޭންގެވީ ދިފާއީ ވަކީލަކު ހަމަޖެހިފައިނުވާތީ ކަމަށެވެ. އަދި ވަކީލަކު ހަމަޖެހުމާއެކު ދެން އޮންނަ އަޑުއެހުމެއްގައި ހެކި ހުށަހެޅުމުގެ ބައި ކުރިއަށްދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އެހެންކަމުން ދެން އޮންނަ އަޑުއެހުމަކަށް ވަކީލަކު ހަމަޖެއްސުމަށް އަބްދުއްލަތީފަށް ގާޒީ އެންގެވި އެވެ. މައްސަލައިގެ ބާވަތުން ވަކީލަކާ ނުލައި މައްސަލަ ކުރިއަށް ނުގެންދެވޭނެތީ އަބްދުއްލަތީފަށް ވަކީލަކު ހަމަޖެއްސުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނަށް ވެސް އަންގަވާނެ ކަމަށް ވެސް ގާޒީ މުހުތާޒް ވިދާޅުވި އެވެ.

އަބްދުއްލަތީފްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ނުވަތަ އަރުވާލުމަށް ހުކުމްކުރާނެ އެވެ.

ސަލްޓަންޕާކުގައި ބޮން ގޮއްވި ހާދިސާ އަށް ފަހު ރާއްޖެއިން ބޭރުގައި ފިލައިގެން އުޅޭ މީހުންނާއެކު ޖުމްލަ 16 މީހެއްގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާކޮށްފަ އެވެ. އޭގެ ތެރެއިން ތިން މީހެއްގެ މައްޗަށް ކުށް ސާބިތުވާތީ 15 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ކުރިން ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން ފިލައިގެން ބޭރުގައި އުޅޭ މީހުން ހޯދުމަށް ފުލުހުން ވަނީ އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ވެސް ނެރެފަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް