ފަހުގެ ޚަބަރު


އިތުރަށް...

ޤާސިމް ފަޟީހަތްކޮށް އުމަރު ވާހަކަ ދައްކައިފި

ލިޔުނީ: Unknown - Sunday, August 18, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ފެބްރުއަރީ 2012 ގައި ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަން ފުލުހުންނާއި އަސްކަރިއްޔާ މެދުވެރިކޮށް ފުރޮޅާލުމަށް ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމް ޖާނާ މާލުން ޚަރަދު ކުރައްވާފައިވާ ކަމަށް ދޭހާވާ މޭރުމަކުން އުމަރު ނަސީރު ވާހަކަފުޅު ދައްކަވައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުން ބޮޑެތި އޮޑިދޯނި ފަހަރުގައި މާލެއަށް މީހުން ގެނެސްގެން ޖުމްހޫރީ ކޯލިޝަންގެ ފަރާތުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ޤާސިމް ފަޟީޙަތްވާ ގޮތަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ ޖުމްހޫރީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ފިޔަވައި ދެންތިއްބެވި ކެންޑިޑޭޓުންނަކީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެއްވެސް ރޯލެއް އަދާކުރި ބައެއް ނޫން ކަމަށެވެ.

އެކިރަށްރަށުން ގިނަ އަދަދެއްގެ ބަޔަކު މާލެ ގެނެސްގެންވެސް ފަނަރަ ހާސް މީހުން ހަމަނުވި ޖަލްސާގެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންނަށް އިޝާރާތް ކުރައްވާ އުމަރުގެ ވާހަކާގައި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް އިސްކޮށް މަސައްކަތްކުރެއްވި ހުރިހާ ބޭފުޅުންވެސް ތިއްބެވީ ޖުމްހޫރީ ގުޅުމުގެ ކުރީސަފުގައި ކަމަށެވެ.

ވެރިކަން ބަދަލުކުރި ފަރާތްތައްވަނީ ޖުމްހޫރީ ގުޅުމާއިއެކުގައި ކަމަށް އުމަރު ވިދާޅުވި އިރު ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި އިސްދައުރެއް އަދާކުރެއްވި ކަމަށް ރައްޔިތުންގެ ގިނަ ބަޔަކު ޤަބޫލުކުރާ އޭރުގެ ޑިފެންސް މިނިސްޓަރު ތަލްހަތު އިބްރާހިމް ކަލޭގެފާނާއި ޤާނޫނީ ހައިސިއްޔަތެއްނެތި ފުލުހުންނާއި ސިފައިންގެ މައްޗަށް އަމުރު ކުރަމުން ގެންދިޔަ މިހާރުގެ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނަވާ މުހަންމަދު ފަޔާޒް ޖޭޕީގެ ޖަލްސާގެ ކުރީ ސަފުގައި ތިއްބެވިއެވެ.

އުމަރު ނަސީރު ވިދާޅުވީ މިއަދު މާމޮޅެތި ވާހަކަތަކެއް ދެއްކެވި ނަމަވެސް ޤާސިމް ފިޔަވާ ދެން ތިއްބެވި ކެންޑިޑޭޓުންނަކީ ގޭގައި ނިދިކުރައްވަން ތިއްބެވި ބޭފުޅުން ކަމަށާއި، އެދުވަހު ގައުމުގެ މަސްލަހަތުގައި ނުކުންނެވި ފަހުލަވާނަކީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރު ވައްޓާލުމަށްޓަކައި ފުލުހުންނާއި ސިފައިން އާންމުގެ ބަޔަކާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ސަރުކާރާއި ދެކޮޅަށް އަޑު އުފުލަމުން ދިޔައިރު އެކަންކަން ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިޔުމަށް ޤާސިމް އިބްރާހިމް އެތަނަށް ސަޔާއި އެހެން ކަންކަން ފޯރުކޮށްދެމުން ގެންދިޔަ ކަމަށް އުމަރުގެ ވާހަކަ ތަކުގައިވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ ހަވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި، ހުރިހާ ކަމެއް ހިނގަމުންދިޔައިރު އުމަރު ނަސީރު ކޮމާންޑިން ސެންޓަރުގައި އިންނަވަނިކޮށް ޤާސިމް ފިޔަވާ އެހެން އެއްވެސް ސިޔާސީ ލީޑަރަކު ގުޅުއްވާފައި ނުވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ކޮމާންޑިންގ ސެންޓަރުގައި ހުރިހާ ކަމެއް ކުރިއަށް ދަނިކޮށް ޤާސިމް ގުޅުއްވުމަށްފަހު ބޭނުންވަނީ ކޮން ކަމެއްތޯ އައްސަވާފައިވާ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން މިސަރުކާރު ނުވެއްޓިޖެއްޔާ މަނިކުފާނު ވަރަށް ބޮޑު ޣައްދާރަކަށްވާނޭ މިތަނަށް ސައިފޮނުވައިފިއްޔާ، އެހެން ދެންނެވުމުން ކީކޭތޯ ޤާސިމް ވިދާޅުވީ،؟ ވިދާޅުވީ ފުލުހުންނާއި ރައްޔިތުން އެތަނުގައި ސައިނުބޮއި ތިބޭކަށް ނުޖެހޭނެޔޭ، ތިމަންނަ ޖަލަށް ގެންދިޔަސް ހެވޭ ތިތަނަށް ސައި ފޮނުވާނަމޭ" އުމަރު ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލުމަށް ބަޔަކު މަސައްކަތް ކުރަމުންދިޔައިރު އެކަމަށް ޤާސިމް ހޭދަކުރެއްވި ގޮތް ވިދާޅުވަމުން ސިޔާސީ ގޮތުން އެއްވެސް ޕްލެޓް ފޯމެއްގައި ހަރުނުލާ ހުންނެވި އުމަރު ވިދާޅުވީ ގައުމަށް ބޮޑު ކަމެއް ޖެހުނުއިރު ޤާސިމް ފިޔަވައި އެހެން ލީޑަރަކު ނެތް ކަމަށެވެ.

އުމަރު މިހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމުގައި ޤާސިމް އިބްރާހިމްގެ ދައުރެއް އޮތް ކަމަށް އެމްޑީޕީން ބުނާ ބުނުމާއިމެދު ޓީވީއެމްގެ ސިޔާސަތު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވެފައިވަނީ އެހެން އެބުނަނީ ގޯހަކަށް ކަމަށްވެސް ނުވަތަ ރަގަޅަކަށް ކަމަށްވެސް ވެދާނެ ކަމަށާއި ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލު ކުރެއްވި ކުރެއްވުމުގައި ގޯހެއް ހެއްދެވުނު ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް