ފަހުގެ ޚަބަރު


އިތުރަށް...

ސީޕީ ރިޔާޒްއާއި ގުޅޭ އިތުރު މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެ

ލިޔުނީ: Unknown - Tuesday, August 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ގައުމާއިގެން ކުރިއަށް ކޯލިޝަނުގެ ކެމްޕެއިންޓީމާއެކު މަތިންދާ ބޯޓެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ނިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއްގެ މައްސަލަ އެމްޑީޕީން ޝަކުވާއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅައިފިއެވެ.

އެމްޑީޕީން މިއަދު ބުނީ ރިޔާޒް އާއި ގުޅޭގޮތުން މިހާތަނަށް ދެ ޝަކުވާއެއް އެޕާޓީން އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށެވެ. އެގޮތުން ގައުމާއިގެން ކުރިއަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޑރ. ވަހީދުގެ ކެމްޕެއިން ޓީމާއެކު ސީޕީ ރިޔާޒް ދަތުރުކުރައްވަނިކޮށް ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ނަންގަވާފައިވާ ފޮޓޯއެއްގެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާނެކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން ބުނީ އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ފުލުހުންގެ ގާނޫނާއި ހިލާފަށް އަދި އިންތިހާބާއި ބެހޭ ގާނޫނާއި ހިލާފަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ހައްގުތައް ގެއްލޭގޮތަށް ލިޔެފައިވާ ސީޓީއެއް ސިޕީ ރިޔާޒް ޓްވީޓް ކުރެއްވި މައްސަލަކަމަށެވެ، މި މައްސަލައަކީ ޕޮލިސް އިންޓަރ ގްރިޓީ ކޮމިޝަނުންވެސް މިހާރު ބަލަމުންދާ މައްސަލައެކެވެ.

އެމްޑީޕީން މި ދެމައްސަލަ އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާއިރު ފުލުހުންގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވަނީ ވަކި ފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެކަމާއިމެދު އާންމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިވުމަކީ ފުލުހުންނަށް މަނާކަމެއް ކަމަށެވެ. އަދި އެމާއްދާގެ (ހ)ގައި ބުނެފައިވަނީ ފުލުހުންގެ އެއްވެސް މީހަކު އެމީހެއްގެ އަމިއްލަ ހައިސިއްޔަތުން ނަމަވެސް އެ މާއްދާގައި ކަނޑައެޅިފައިވާ އެއްވެސް ކަމެއް ކުރުމަކީ މަނާކަމެއްކަމަށެވެ.

ފުލުހުންގެ ގާނޫނުގައި ވާގޮތުން އެއްވެސް ސިޔާސީ ޕާޓީއެއްގައި ފުލުހުން ބައިވެރިވުމާއި އަދި އެއްވެސް ސިޔާސީ ހަރަކާތެއްގައި ފުލުހުން ބައިވެރިވުމަކީވެސް ގާނޫނީ ގޮތުން މަނާކަމެކެވެ.

ރިޔާޒް ޓްވީޓް ކުރެއްވި ސިޓީއާއި ގުޅޭގޮތުން ސީއެންއެމްއާއި ވާހަކަ ދައްކަވަމުން ކުރީގެ ބަންޑާރަ ނައިބް ހުސްނުއް ސުއޫދު ވިދާޅުވެފައިވަނީ އެއީ ފުލުހުންގެ ގާނޫނާއި ހިލާފަށް ރިޔާޒް ކުރައްވާފައިވާކަމެއްކަމަށެވެ. އަދި އެއީ ސިޔާސީ ހަރަކާތެއްކަމަށާއި އެއީ ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކުރިކަމެއް ނޫންކަމަށް ބެލެވޭނެ ގޮތެއް ނެތްކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.

"މީހަކު މީހަކަށް ފޮނުވާ ސިޓީއެއް އާންމު ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން ސިޔާސީ ކަމަކަށް ވެގެން އެބަދޭ. ސިޔާސީ ކަމަކާއި ގުޅޭ ކަންތައްތަކެއް ޝާމިލްވާ ސިޓީއެއް އެއާންމު ކުރެއްވީ. އެހެންވީމަ އެއީ ސިޔާސީ މަގުސަދެއް އޮވެގެން ނޫނިއްޔާ އެކަހަލަ ކަމެއް ނުކުރާނެ. އަދި މީހަކު މީހަކަށް ވޯޓްލާށޭ ކިޔާފައި ސިޓީއެއް އަޔަސް، އޭތި އާންމުކުރުމަކީ އެއީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށްޓަކާ ކުރާ ކަމެއް ނޫންކަމަށް ބެލެވޭނެ އެއްވެސް ގޮތެއް ނެތް،" ކުރީން ބަންޑާރަ ނައިބް ކަންވެސް ކުރައްވާފައިވާ ސުއޫދު ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް