ފަހުގެ ޚަބަރު


އިތުރަށް...

ދިޔާނާގެ ދުލުން ހަތަރު ކެނޑިޑޭޓުން

ލިޔުނީ: Unknown - Tuesday, August 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
 ރައީސް މުހައްމަދު ވަހީދުގެ ކުރީގެ ޖެންޑަ،ފެމިލީ އެންޑް ހިއުމަން ރައިޓްސް މިނިސްޓަރުމުން ވަކިކުރެއްވި ފާތުމަތު ދިޔާނާ ސައީދު ގިނަދުވަސްތަކެއް "ހަނު ހުންނެވުމަށްފަހު" އޭނާ މިރޭވަނީ އޭނާގެ ދުލުން ރާއްޖޭގެ ސިޔާސީ މަޝްރަހާމެދު ދެކިލައްވާގޮތް ފާޅުކުރައްވާފަ އެވެ.

ފުވައްމުލަކުގައި މިރޭ އެމްޑީޕީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރައީސް ނަޝީދާއި ވާދަކުރައްވާ ދެ ކެނޑިޑޭޓުންކަމަށްވާ، އަބްދުﷲ ޔާމީނާއި، ގާސިމް އިބްރާހިމަކީ، ރައީސް ކަމުގެ ތަޖުރިބާ ކުރައްވާފައިވާ ދެ ބޭފުޅުން ނޫންކަމަށެވެ. ނަމަވެސް ދިވެހިން ތިބީ އެ ދެބޭފުޅުންގެ ސިޔާސަތައް އެ ބޭފުޅުން ދައުލަތުގެ ވަޒީރު ކަމާއި، މަޖިލީސް މެމްބަރު ކަން ކުރެއްވި ދުވަސްވަރު ތަޖުރިބާ ކޮށްފައި ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި، ރައީސް މުހައްމަދު ވަހީދުގެ ވެރިކަން ވެސް ދިވެހި ރައްޔިތުން ތަޖުރިބާ ކޮށްފައިވާ ކަން ދިޔާނާ ފާހަގަ ކުރެއްވި، އެވެ.

"އެހެންވީމާ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި އެބޭފުޅުންގެ ގާބިލުކަން ހުރި ފެންވަރު ރައްޔިތުންނަށް އެބަ އެނގޭ. މިހަތަރު ބޭފުޅުން ގެ ގާބިލުކަމާއި، އެ ބޭފުޅުންގެ ކިބައިގައި ބަލިކަމެއް ހުރެއްޖެކަމަށްވަނީނަމަ އެ ހުރިހާ ކަމެއް އަޅުގަނޑުމެން މިތިބީ ތަޖުރިބާ ކޮށްފަ،" ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާ ކެނޑިޑޭޓުންނާ ގުޅޭގޮތުން ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ، ރިޔާސީ ކެނޑިޑޭޓުންގެ ސިޔާސީ ކަންކަން ތަޖުރިބާ ކުރެވިފައި ހުރުމުން، ހަތަރު ކެނޑިޑޭޓުން "އަޅާކިއާ ވަޒަންކޮށްލުމަކީ ވަރަށް ފަސޭހަކަމެއް،" ކަމަށެވެ.

ދިޔާނާގެ ދުލުން އަބްދުﷲ ޔާމީން

ގައުމު ނުރައްކާތެރި ހާލަަތަކަށް ހުށަހެޅިއްޖެ ނަމަ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އޮންނަގޮތަކީ ދިވެހި ރައްޔިތުންގެ ގަޔަށް ބަޑިޖެހުން ކަމަށް ދިޔާނާ ވިދާޅުވި އެވެ. އަދި އޭނާ ވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ޔާމީން ކަމުގައި ވިއަސް އެކަމުގެ މުގުލުގައި ހުންނެވީ ރައީސް މައުމޫނުކަމަށް ދޭހަވާފަދަ އިބާރާތުން ވާހަކަ ދައްކަވާފަ އެވެ.

ދިޔާނާ ވަނީ ރައީސް މައުމޫނު "ޖައްވައް ފަޒާއަށް ވައިގެތެރެއަށް" ކަމަށް ވިދާޅުވެ ފަަސް ދިވެހި ދަރިންގެ ފުރާނަ ދުއްވާލިކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"މި ދެފިކުރުގެ (އެމްޑީޕީއާއި ޕީޕީއެމްގެ) ތަފާތު ތިބޭފުޅުންނަށް ވަޒަންކުރެވޭނެ. ބައެއް ބޭފުޅުން ވިދާޅުވެދެއްވާނެ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް މައުމޫނެއް ނޫނޭ. ޕީޕީއެމްގެ މިއޮތް އަނިޔާވެރި ސަގާފަތުގެ ވަލީއަހުދު އަޅުގަނޑުމެންނަށް އިހްތިޔާރެއް ނުކުރެވޭނެ،" ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކީ ޔާމީން ކަމަށްވިއަސް އެކަމުގައި އިސްކޮށް އުޅުއްވަނީ ރައީސް މައުމޫނުކަމަށް ތުހުމަތުކުރައްވަމުން ދިޔާނާ ވިދާޅުވި އެވެ.

ޕީޕީއެމައި ގުޅުމަށް ވެސް ދިޔާނާއަށް ފުރުސަތު ލިބިލެއްވި ކަމަށާއި، އެ ފުރުސަތު ލިބުން "ޕީޕީއެމްގެ ތެރެއިން އާންމު ރައްޔިތަކަށް ފުރުސަތެއް އޮތްތޯ؟" ސުވާލުކުރައްވާފައިވާނޭކަން ވެސް އޭނާ ހާމަކުރެއްވި އެވެ. އަދި އެނާ ވިދާޅުވީ ޕީޕީއެމަކީ ރައީސް މައުމޫނުގެ އާއިލީ ނުފޫޒު ހިނގާ ޕާޓީއެއް ކަމަށެވެ.

"ޕީޕީއެމްގެ ޒައީމަކަށް ހުންނެވީ މައުމޫނު އަބްދުލްގައްޔޫމް. އެވަގުތު ޕާޓީގެ ސެކެރެޓަރީ ޖެނެރަލަކަށް ހުންނެވީ ޔުމްނާ އަބްދުލްގައްޔޫމް. އެވަގުތު އެ ޕާޓީގެ އަންހެނުންގެ ގޮފީގެ ރައީސް ކަމަށް ހުންނެވީ ދުންޔާ އަބްދުލްގައްޔޫމް. އެވަގުތު އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރަކަށް ހުންނެވީ ޔާމީން އަބްދުލްގައްޔޫމް،" ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާގެ ދުލުން ގާސިމް އިބްރާހިމް

ދިޔާނާ ވިދާޅުވީ، ގާސިމް އިބްރާހިމަކީ ގައުމަށް ހިދުމަތްތަކެއް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް ނަމަވެސް، ގާސިމަށް ވެސް ނޫނެކޭ ބުނަންވީ ސަބަބުތައް ވަރަށް ގިނަ ކަމަށެވެ.

ފުރަތަމަ ސަބަބަކީ ގާސިމް އިބުރާހިމަކީ 2008 ވަނަ އަހަރު ރައީސްކަމަށް ކުރިމަތިލެއްވުމުން އެމަނިކުފާނަށް ރައްޔިތުން ނޫނެކޭ ވިދިދާޅުވެފައިވާ ބޭފުޅެއް ކަމަށެވެ.

"އެމަނިކުފާނަށް ރައްޔިތުންގެ އިތުބާރުނެތް ބޭފުޅެއް. އެމަނިކުފާނު ކޮށްެދެއްވާފަ ހުރި ކަންތައްތައް ރައްޔިތުންގެ ކުރިމަތީގައި ހުރި. އެހެން ނަމަވެސް ރައްޔިތުން ނިންމިގޮތަކީ ވެރިއެއްގެ ޝަހުޝިއްޔަތު އެމަނިކުފާނުގެ ގާތުގައި ނެތްކަމަށް."

ޖުމްހޫރީ ގުޅުމުން ބޭއްވި ބޮޑު ޖަލްސާގައި ހަތިމެއް ނަންގަވައި ހުވާކުރެއްވުމުން ގާސިމްގެ އިތުބާރާމެދު ދިޔާނާ ވަނީ ސުވާލު އުފައްދަވާފަ އެވެ.

"ހަތިމެއް ނަންގަވާފަ ޕޯޑިއަމްގައި ހުންނަވައިގެން ވަރަށްބޮޑު ހުވައެއް މިކުރައްވަނީ. އަޅުގަނޑު ހިތައް އަރައިފި އަދި ރިޔާސީ އިންތިހާބު ވެސް ނުބާއްވައޭ ދެން ކޮން ހުވައެއްބާ އޭ މި ކުރައްވަނީ. ބަލާލިއިރު މި ވިދާޅުވަނީ ދިވެހިރައްޔިތުންގެ މުދަލުގެ ޒައްރެއްގެ މިންވަރުގައިވެސް ޖެހިވަޑައިނުގްނަވާނަމޭ،" ދިޔާނާ ވިދާޅުވީ ހަތިމެއް ނަންގަވައިގެން ހުވާކުރައްވާ ހިސާބަށް ދިއުމުން، ގާސިމްގެ ބަސްފުޅުގެ އިތުބާރު ރައްޔިތުންގެ ކިބައިގައި ނެތްކަމަށް ގާސިމަށް އިއުތިރާފުވެ ވަޑައިގެންނެފައިވާ ކަމަށެވެ.

"ގާސިމްގެ ބަހުގެ އިތުބާރު ނެތީމަ ދެއްތޯ ހަތިމުގަ ހިއްޕަވައިގެން ހުވާކުރެއްވީ؟ އެހެންވީމާ މިވަރުގެ ބަހުގެ އިތުބާރު ނެތް ބޭފުޅުކު ކިހިނެއްތޯ އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިސްކުރާނީ،" ދިޔަނާ ސުވާލު އުފެއްދެވި އެވެ.

ދިޔާނެގެ ދުލުން ރައީސް ވަހީދު

ރައީސް މުހައްމަދު ވަހީދާއި ގުޅޭގޮތުން ދިޔާނާ ވިދާޅުވީ، އެމަނިކުފާނުގެ ވާހަކަ ދިވެހި ތާރީހުގައި ލިޔެވިގެން ދާނީ "އިބުރަތެއްގެ ގޮތުގައި" ކަމަށެވެ. ރައީސް ވަހީދު ހުވާކުރެއްވި ދުވަހު އަމިއްލަފުޅަށް އެމަނިކުފާނުގެ ނަންފުޅު ވެސް ވިދާޅު ނުވެވުނު ކަމަށް ދިޔާނާ ވިދާޅުވި އެވެ.

"އެމަނިކުފާނު ރައީސްކަމުގެ ހުވާކުރެއްވި ދުވަހު ވެސް އެ އިބުރަތް އަޅުގަނޑުމެންގެ ކުރިމަތީގައި ނިއުޅެންފަށައިފި. ހަގީގަތުގައި ރައީސް ވަހީދު ހުވާކުރައްވަން އުޅުއްވީ. އަހުރެން މުހައްމަދު ވަހީދު ހަސަން މަނިކޭ ވިދާޅުނުވެވުނު."

ރައީސް ވަހީދުގެ ކޯލިޝަށް ފާޑު ވިދާޅުވަމުން ދިޔާނާ ވިދާޅުވީ އެމަނިކުފާނު އުފެއްދެވި "ފުޅާ ކޯލިޝަން" ހަނިވަމުން ވަމުން ގޮސް "ރޮދިފަށަކަށް ވުރެ" ހަނިވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އެމަނިކުފާނު ވަރަށް ނިކަމެތިވެފައި ހުންނެވިތަން. ހަގީގަތުގައި އެމަނިކުފާނަކީ ސީރިއަސް ކެނޑިޑޭޓެއް ނޫން،" ރައީސްވަހީދަށް ފާޑުވިދާޅުވަމުން ދިޔަނާ ވިދާޅުވި އެވެ.

ދިޔާނާގެ ދުލުން ރައީސް ނަޝީދު

 ހަތަރުކެނޑިޑޭޓުންނާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ދިޔާނާ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އޭނާ ވޯޓު ލައްވާނީ ރައީސް ނަޝީދަށް ކަމަށެވެ. ރައީސް ނަޝީދަށް ވޯޓު ލައްވާނެކަމަށް ދިޔާނާ ވިދާޅުވަނީ ވަރަށް ފުންކޮށް ވިސްނުމަށްފަހުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ދަތިތަކާ ހިޔާލުތަފާތުވުން ތަކާއެކުގައި ވެސް ދިވެހިރާއްޖޭގައި ދުސްތޫރީ ވެރިކަމެއްގެ ސަގާފަތް ގާއިމް ކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އެންމެ ބޮޑު ގުރުބާނީތަކެއް ވެލެއްވީ ރައީސް ނަޝީދު. ދިވެހިރާއްޖޭގައި އިންސާނީހައްގުތަކަށް އިސްކަން ދެއްވުމެއްގެ ސަގާފަތެއް ގާއިމް ކުރެއްވީ ރައީސް ނަޝީދު. ދިވެހިރާއްޖޭގައި ގާނޫނީ ވެރިކަމެއްގެ ނިޒާމު ގާނޫނީ ވެރިކަމެއްގެ ސަގާފަތް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވީ އަޅުގަނޑުމެންގެ ރައީސް ނަޝީދު،" ދިޔާނާ ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ "އިންސާނެއްގެ ފަރާތުން އިންސާނަކު އިމްތިހާނު ކުރެވިގެން ނުވާދަރަޖައަށް އިމްތިހާނު ކުރެވިފައިވާ ބޭފުޅެއް" ކަމަށް ވެސް ދިޔާނާ ވިދާޅުވި އެވެ.

"ރައީސުލްޖުމްހޫރިއްޔާއަކު ޓެސްޓު ކުރެވިގެން ނުވާނެ މިންވަރަށް ރައީސް ނަޝީދު ވަނީ ޓެސްޓު ކުރެވިފަ. ފެބުރުއަރީ ހަތް ވަނަ ދުވަހު، ދިވެހިރާއްޖޭގައި ބޮޑު ބަގާވާތެއް ނިއުޅެމުން ދިޔައިރުގައި ރައީސް ނަޝީދު އަމަލުކުރެއްވި ގޮތާމެދު އަޅުގަނޑުމެން ވިސްނާ ފިކުރުކުރަންޖެހޭ. ބަގާވާތް ކުރެވެމުން ދިޔައިރުގައި ބަގާވާތުގެ ކޮންމެވެސް ހިސާބަކުން ރައީސް ނަޝީދަށް ތަސައްވަރު ކުރެވުނު، މީގައި ފުން ކުރިމަތިލުމަކަށް ދާންކެހިއްޖެ ކަމަށްވަންޔާ، އިހުތިޔާރުގައި ވިއަސް ނުވަތާ ބޭއިހްތިޔާރުގައި ވިއަސް ސިފައިންގެ ތެރެއިން ހަތިޔާރު ބޭނުންކުރެވިދާނެކަން. އެދަނޑިވަޅުގައި ރައީސް ނަޝީދު ވަނީ ސިފައިންގެ އަތުން ހަތިޔާރުތައް އަތުލައި ހަތިޔާރުތައް ބަޑިގުދަނަށް ވައްދައި ތަޅުލައްވާފައި،" ރައީސް ނަޝީދަށް ވޯޓުލާންވީ އެންމެ މުހިންމު ސަބަބުގެ ގޮތުގައި ދިޔަނާ ފާހަކުރައްވާ ނުކުތާ ހިއްސާކުރެއްވި އެވެ.

 ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް "ބަގާވާތް" ކުރަމުން ގެންދިޔަ މީހުންނާއި ދެކޮޅަށް ހަތިޔާރުގެ ބޭނުންކުރުމަގެ އަމުރަށް ސިފައިންގެ އިސްވެރިން އެދުމުން ވެސް، އެ އަމުރު ރައީސް ނަޝީދު ނުދެއްވީ، "ދިވެހިރައްޔިތެއްގެ އެންމެ ލޭތިއްކެއްވެސް ބިންމައްޗަށް ވައްޓާލަން" ރައީސް ނަޝީދު ބޭނުންފުޅު ނުވާތީކަން ވެސް ދިޔާނާ ފާހަގަ ކުރެއްވި އެވެ. އަދި ބޭރުގެ ބާރުތަކުން ރައީސް ނަޝީދުގެ ވެރިކަން ދިފާއުކޮށްދިނުމަށް ހުށަހެޅުމުން ވެސް އެއީ ދާހިލީކަމެއް ކަމަށް ވިދާޅުވެ ރައީސް ނަޝީދު އެކަމަށް ދެކޮޅުހައްދަވާފައިވާކަން ދިޔާނާ ފާހަގަ ކުރެއްވި އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް