ފަހުގެ ޚަބަރު


އިތުރަށް...

ޖޭއެސްސީގެ ރައީސްގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނުނެގޭނެ ކަމަށް އަންގައިފި

ލިޔުނީ: Unknown - Monday, August 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ރައީސް އާދަމް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ގަނަން ހުށަހެޅި މައްސަލައަކީ އެ ކޮމިޝަންގެ ގާނޫނީ ހިލާފު ހުށަހެޅުމެއް ކަމަށް ބުނެ، އެ މައްސަލަ ޖޭއެސްސީގެ ބައްދަލުވުމަށް އެޖެންޑާ ނުކުރެވެން ނެތް ކަމަށް އަންގައިފި އެވެ.

ޖޭއެސްސީ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ހުށަހެޅުއްވި ޝެއިޚް ޝުޢައިބް ޢަބްދުރަޙްމާނަށް، އެ މައްސަލަ އެ ކޮމިޝަންގެ ބައްދަލުވުމަށް އެޖެންޑާ ކުރެވެން ނެތް ވާހަކަ ދެންނެވީ ވެސް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދެވެ.

އާދަން މުހައްމަދު ފޮނުއްވެވި ސިޓީފުޅުގައި ވަނީ އޭނާގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައަކީ ގާނޫނު އަސާސީން ބާރު ލިބިގެން ހަދާފައިވާ ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ ކަނޑައެޅިގެން ހިލާފު ހުށަހެޅުމެއް ކަމަށްވުމުން އެ ހުށަހެޅުމަށް އިޖާބު ދެވެން ނެތް ކަމަށެވެ.

"ކޮމިޝަންގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ކޮމިޝަނުގެ މެންބަރުން ކޮމިޝަނުގެ ރައީސްކަމުގެ މަޤާމުން ވަކިކުރުމަށް ނިންމުން ހިމެނިފައިނުވާކަން ވަރަށް ސާފުކޮށް އެނގެން އޮތުމުން، ތިޔަފަރާތުގެ ހުށަހެޅުމަކީ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ (ށ) އާއި (ނ) ގައި ބަޔާންކުރާ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ޞަރީހަ ނައްޞާ ކަނޑައެޅިގެން ޚިލާފު ހުށަހެޅުމެއްކަމަށް ސާފުކޮށް އެނގޭތީ، ތިޔަ ފަރާތުގެ އެ ހުށަހެޅުއްވުމަށް އިޖާބަދެވެން ނެތްކަމަށް ދެންނެވީމެވެ،" ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވަމުން ގެންދަވާ އާދަމް މުހައްމަދު، ޝުއިބަށް ފޮނުވި ސިޓީފުޅުގައިވެ އެވެ.

ދިހަ މެންބަރުންގެ މައްޗަށް އެކުލެވޭ ޖޭއެސްސީގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ހޮވާ ރައީސާއި ނައިބު ރައީސްގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގޭނެ ކަމަކަށް ކޮމިޝަންގެ ގާނޫނުގައި ބުނެފައި ނުވެ އެވެ. އެކަމާ ގުޅިގެން އާދަމް މުހައްމަދުގެ ސިޓީފުޅުގައި ވަނީ ޖޭއެސްސީގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ށ) ގައި ކޮމިޝަންގެ ރައީސްގެ މަޤާމް ނުވަތަ ނާއިބު ރައީސްގެ މަޤާމު ހުސްވެއްޖެކަމަށް ބެލޭނީ، ކޮމިޝަންގެ މެންބަރުކަމުގެ މަޤާމު ހުސްވެއްޖެ ކަމަށް ބެލެވޭ ޙާލަތެއް ކުރިމަތިވުމެވެ. ޖޭއެސްސީގެ މެންބަރުކަން ގެއްލުވާލުމަށް ކޮމިޝަންގައި އިތުބާރު ނެތްކަމުގެ ވޯޓެއް ވެސް ނެގޭނެ ކަމަކަށް ވެސް ނުބުނެ އެވެ.

ޖޭއެސްސީގެ ރައީސާއި ނާއިބު ރައީސްގެ މަގާމު ހުސްވާނީ ދެމީހުންކުރެ މީހަކު އެމީހެއްގެ މަޤާމުން އިސްތިއުފާ ދިނުމުން ކަމަށް ސާފު ޞަރީޙަ ބަހުން ކަނޑައަޅައި ޖޭއެސްސީގެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް އާދަމް މުހައްމަދުގެ ސިޓީފުޅުގައިވެ އެވެ.

އާދަމް މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށްފަހު ޝުއިބް "ސަން"އަށް ވިދާޅުވީ އާދަމް މުހައްމަދު އެ ކޮމިޝަންގެ ރައީސް ކަމުން ދުރުކުރުމަށް ޖޭއެސްސީގެ ހިންގާ ގަވާއިދު ބާރުލިބިދޭ ކަމަށެވެ. އަދި ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން އާދަމް މުހައްމަދު ވަކިކުރަން ހުށަހެޅީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިންސާފުވެރިކަމާއި ހަމަހަމަ ކާމާއެކު އާދަމް މުހައްމަދު މަސައްކަތް ނުކުރައްވާތީ ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް