ފަހުގެ ޚަބަރު


އިތުރަށް...

ގަމުގެ މަގުތައް ނުރައްކާތެރި ހާލަތެއްގައި

ލިޔުނީ: Unknown - Wednesday, September 11, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
"މިއީ މި ރަށުގެ އެންމެ ބޮޑު މައްސަލައަކީ. އިނބަމެން ވެސް މި ވާހަކަ ލިޔެބަލަ. ސަރުކާރުން ވެސް މިކަން ހައްލުކުރާކަށް ނޫޅޭ،" މިދިޔަ ބުރާސްފަތި ދުވަހު ކައްދޫ އެއާޕޯޓަށް އަޅުގަނޑު ބަލައިދިޔަ، އެކުވެރިޔާ ގާތުގައި ރަށުގެ އެންމެ ބޮޑު މައްސަލަތަކަކީ ކޮބައިތޯ އަހާލުމުން، ދުއްވަމުން ދިޔަ މަގަށް އިޝާރަތްކޮށްފައި ބުންޏެވެ.

ގަމުގެ މައިމަގު )ސިނާއީ މަގު( މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގަ އެވެ. ގަމުން ފޮނަދު އަށް ގުޅިފައިވާ 17 ކިލޯމީޓަރުގެ ދިގު އެ މަގުގައި މީގެ ކުރިން ފަސޭހަކަމާއެކު ބޭނުންވާ ބާރުމިނެއްގައި ދުއްވިޔަސް މިހާރު އެ މަގުގައި ދުއްވުމަކީ ބޮޑު ވޭނެކެވެ. އެ މަގުގައި ދެ ފޫޓަށް ވުރެ ފުން، ބޮޑެތި ވަޅުގަނޑުތައް އުދިފައި އެބަހުއްޓެވެ. އޭގެ ސަބަބުން އެތައް ބަޔަކަށާއި ވެހިކަލްތަކަށް ވެސް ވަނީ ގެއްލުން ލިބިފަ އެވެ.

"އަހަރެންގެ ރައްޓައްސެއް ސައިކަލް ދުއްވާފައި ދަނިކޮށް ވަޅުގަނޑަކަށް ޖެހި ސައިކަލުން ވެއްޓި އަރިކަށީ ކަށިތަކުގައި ރެނދުލާފައި އެބަހުރި. އަދި އެފަދަ ކިތަންމެ ކަމެއް މިރަށުގެ އެތައް ބަޔަކަށް ވެއްޖެ،" ރިޔާސީ އިންތިހާބުގެ ހަވީރުގެ ވޮލަންޓިއަރު ހުސައިން މުބާރިކް ބުންޏެވެ.

ގަމުގެ މަގުގެ ނުރައްކާތެރިކަމުގެ ސަބަބުން ލ. އަތޮޅު ކައުންސިލް ރައީސް މުހައްމަދު ރަޝީދަށް ބޮޑު އަނިޔާއެއް ވަނީ ލިބިވަޑައިގެންފަ އެވެ. މިދިޔަ މަހު އޭނާ ސައިކަލްގައި ދުއްވާފައި ދަނިކޮށް ވަޅުގަނޑަކަށް ޖެހި ސައިކަލުން ވެއްޓި ވާތު ފައިގެ ކަށިގަނޑަށް ވަނީ ގެއްލުން ލިބިފަ އެވެ. އޭނާގެ ފައިގެ ދުޅަކަން އަދިވެސް މުޅިން ފިލައި ނުދެ އެވެ. އޭގެ ކުރިން ޖުލައި މަހުގެ އޭނާގެ ފިރިހެން ދަރިފުޅަކު ވެސް ސައިކަލުން ވެއްޓި އަތް ބިންދައިގެން ދިޔަ އެވެ.

ހަމައެކަނި ބޮޑެތި ވަޅުގަނޑުތައް ހެދިފައިވަނީ ސިނާއީ މަގުގައެއް ނޫނެވެ. އެއްގަމުގެ ބައެއް މަގުތަކުގައި ވެސް ބިޔަ ވަޅުގަނޑުތައް އެބަހުއްޓެވެ. ވާރޭ ވެހިއްޖެ ނަމަ މަގުތަކުގައި ހިނގާބިގާވެ އުޅުމަކީ ވެސް އަދި ވެހިކަލް ދުއްވުމަކީ ވެސް އުނދަގޫ އަދި ނުރައްކާތެރިކަން ވަކިން ބޮޑުވާ ކަމެކެވެ.

"މި ރަށުގެ މަގުތައް މިއޮތީ ބޭނުންކުރާ މިންވަރަށް ވުރެ ގޯސް ހާލަތެއްގައި، ވަރަށް ނުރައްކާތެރި ހާލަތެއްގައި،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ގަމާއި ފޮނަދޫ އަދި އިސްދޫގެ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަތޮޅު ކައުންސިލާ އެވެ. އޭގެ ކުރިން އެ މަސައްކަތް ކުރީ އެ ޕްރޮވިންސްގެ ގައުމީ އިދާރާއިންނެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބްރުއަރީގައި ސަރުކާރު ބަދަލުވުމަށް ފަހު ގައުމީ އިދާރާތައް އުވާލައި އެ އިދާރާތަކުގެ މަސްއޫލިއްޔަތު އަތޮޅު ކައުންސިލްތަކުގެ ދަށަށް ބަދަލުކުރި އެވެ. ނަމަވެސް މަގުހެދުމުގެ މަސައްކަތެއް ކުރިއަކަށް ނުދެ އެވެ.

"[އެއީ] މި އަހަރުގެ ބަޖެޓް ކައުންސިލަށް ދެއްވިއިރު، މަގު ހެދުމަށް އެއް ލާރި ވެސް ލިބިފައެއް ނެތް،" މަގު ނުހެދި އޮތީ ކީއްވެގެންތޯ ދެންނެވުމުން މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އެ ރަށުގެ މަގުތަކުގެ ފަސްގަނޑު އެއްވަރުކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ރޯޑް ކޯޕަރޭޝަނުން މަގުގެ ހެދުމުގެ މަސައްކަތް ފަށާފައިވަނީ އަތޮޅު ކައުންސިލްގެ މަގު ހަދާ ޔުނިޓްގެ ވެހިކަލްތައް ބޭނުންކޮށްގެނެވެ. އަދި އެކަމަށް ފައިސާ ދޭން ޖެހިއްޖެ ނަމަ ފައިސާ ދޭގޮތަށް ވެސް އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިނާއީ މަގުގައިގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ހުރުމުގެ އިތުރުން އެ މަގުގެ ދެ ފަރާތުގައި ހުރި ރުއްތައް ސާފުނުކުރާ ކުރިމަތިވާ ނުރައްކާ ވެސް ކުޑައެއް ނޫނެވެ. ވެއްޓޭ ހިކި ފަނާއި ކާށިން ބައެއް ވެކިކަލްތަކަށް ގެއްލުން ލިބިފައި އެބަހުއްޓެވެ. އަދި އެ މަގަށް ވެރޭ ފަންތައް ނުނަގައި ހުރުމުގެ ސަބަބުން މުޅި މަގުގެ ވަނީ ގޮނޑުވެފަ އެވެ.

"އެ އެއްޗެހި ވެސް ދެން ނަގާނީ މަގުގެ ފަސްގަނޑު އެއްވަރުކުރާ އިރަކު،" މުބާރިކް ބުންޏެވެ.

ގަމުގެ ސިނާއީ މަގު ތާރު އަޅައިގެން ހެދުމަށް ވެސް ސަރުކާރުން ވަނީ ރާވައިފަ އެވެ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ އެވެ.

"ވަރަށް ފަހުން ރައީސް ވެސް ކެމްޕޭނު ދަތުރުފުޅެއްގައި މި ރަށަށް ވަޑައިގެން ވިދާޅުވި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި [މަގުހެދުމުގެ] އަމަލީ މަސައްކަތް ފެށޭނެ ކަމަށް. އެއީ ޗައިނާ ސަރުކާރުން ކޮށްދޭ ކަމެއް. އެ މަގުގެ ކުރެހުންތައް ވެސް ވަނީ ނިންމާފައި. ބިޑަށް ހުޅުވާލަން ޖެހޭ މިންވަރަށް މަޝްރޫއުގެ މަސައްކަތް ކުރިއަށް ގޮސްފައި ކަމަށް އަޅުގަނޑަށް މައުލޫމާތު ލިބިފައިވަނީ،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ގަމުގެ މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމަކީ މުޅި ގަމުގެ ރައްޔިތުންގެ އިތުރުން އެ އަތޮޅާއި މުޅި އެ ސަރަހައްދުގެ ރައްޔިތުންގެ ވެސް އުއްމީދެކެވެ. އަދި އެ ސަރަހައްދުގެ ތަރައްގީއާ ވެސް ގުޅިފައިވާ މުހިންމު މަޝްރޫއެކެވެ.
ރާއްޖޭގެ އެންމެ ބޮޑު ރަށް، ލ. ގަމަށް އަޅުގަނޑަށް މި އާދެވުނީ 10 އަހަރު ފަހުންނެވެ. އޭރާއި މިހާރާ އަޅާބަލާއިރު، މި ރަށާއި މި ރަށާ ގުޅިފައިވާ ފޮނަދު އަށް އުމްރާނީ ތަރައްގީތަކެއް ވަނީ އައިސްފަ އެވެ. ނަމަވެސް އެންމެ ހައިރާންވި ކަމަކީ މި ދެރަށުގެ ވެސް އަދި ހާއްސަކޮށް ގަމުގެ މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި އޮތުމެވެ.

މަސްދަރު: ހަވީރު އޮންލައިން
ލިޔުނީ: ހުސައިން ފިޔާޒް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް