ފަހުގެ ޚަބަރު


އިތުރަށް...

އެވިޑް ކޮލެޖް: އަމާޒަކީ އަގުހެޔޮކޮށް ކިޔަވައިދިނުން

ލިޔުނީ: Unknown - Monday, September 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ވިދާޅުވި ގޮތުގައި މިހާރު 200 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުން އަންނަ އެތަނުން އާ ކޯސްތަކެއް ފެށުމަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި ލ. ފޮނަދޫގައި ހުންނަ އެ ކޮލެޖުގެ ކެމްޕަސް ވެސް ފުޅާ ކުރުމަށް ވަނީ ނިންމައިފަ އެވެ.

މުސްތާގް ވިދާޅުވީ އެވިޑް ޓްރޭނިން ސެންޓަރު، ކޮލެޖަކަށް ބަދަލު ކުރުމަށް 2011 ވަނަ އަހަރުން ފެށިގެން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދަރިވަރުންގެ އަދަދު އިތުރުކޮށް، ފުލްޓައިމްކޮށް މަސައްކަތްކުރާ ގާބިލް ލެކްޗަރާއިންނަށް އެތަނުން ފުރުސަތު ދީ، ކޯސްތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، ގިނަ މަސައްކަތްތަކަކަށް ފަހު އެ ސެންޓަރު ކޮލެޖަކަށް ބަދަލުވުމުން އެތަނަށް ބޮޑެތި ކުރިއެރުންތަކެއް ގެންނާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އެވިޑް ކޮލެޖުގައި އަލަށް ފެށުމަށް ނިންމާފައިވާ ޕްރައިމަރީ ޓީޗިން އާއި ކްރެޑިޓް މެނޭޖްމެންޓާއި އެޑެކްސެލް ގްރެޖުއޭޓް ޑިޕްލޮމާއިން މެނޭޖްމެންޓް ކޯސް ހިމެނެ އެވެ. މީގެ ކުރިން އެތަނުން އައީ ހިއުމަން ރިސޯސަސް މެނޭޖްމެންޓާއި އާއި ޕްރީ ސްކޫލު ޓީޗިން އާއި މާކެޓިން އާއި ބިޒްނަސް އެޑްމިނިސްޓްރޭޝަނާއި ލީޑާޝިޕް އޮފީސް މެނޭޖްމެންޓް ފަދަ ގިނަ ކޯސްތަކެއް ހިންގަމުންނެވެ.

މުސްތާގް ވިދާޅުވީ ރާއްޖޭގައި އަލަށް ފަށާ ކްރެޑިޓް މެނޭޖްމެންޓް ކޯސް ފުރިހަމަ ކުރުމުން ސްރީލަންކާ އަދި އިނގިރޭސިވިލާތް ފަދަ ގައުމުތަކުން ފައިނޭންޝަލް މެމްބަޝިޕް ލިބޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ގައުމުގެ ޔުނިވަސިޓީއަކާ ގުޅިގެން އެމްބީއޭގެ އާ ކޯސްތަކެއް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮލެޖަކަށް ބަދަލު ކުރުމުން އަޅުގަނޑުމެން ގިނަ ކޯސްތަކެއް އަލަށް ފަށާނަން. އެކަމަކު އަޅުގަނޑުމެންގެ އަމާޒަކީ އެންމެ އަގުހެޔޮކޮށް ކިޔަވައިދޭ ތަނަކަށް މިތަން ހެދުން،" މުސްތާގް ވިދާޅުވި އެވެ.

އެތަނުން ހިންގާ ބައެއް ކޯސްތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ބްލޮކް މޯޑަށް ނުވަތަ ހަފުތާގެ ބަންދު ދުވަސްތަކުގައި ކިޔަވައިދޭ ގޮތަށެވެ. އޭގެ ސަބަބަކަށް މުސްތާގް ވިދާޅުވީ ވަޒީފާގައި އުޅޭ މީހުންނަށް ފަސޭހަގޮތަކަށް ކޯސްތައް ކުރިއަށް ގެންދިޔުން ކަމަށެވެ.

ކޮލެޖަކަށް ބަދަލުވުމާ އެކު އެވިޑުން ވަނީ ދެ ސްކޮލަޝިޕެއް ވެސް ތައާރަފްކޮށްފަ އެވެ. އެއީ ޓީޗާސް އެސޯސިއޭޝަނާ ގުޅިގެން ކޮންމެ އަހަރަކު ވެސް ދެ ޓީޗަރަކަށް އެތަނުގައި ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމާއި މުސްތާގް ނިސްބަތްވާ ގދ. ތިނަދޫގެ ޒުވާނުންނަށް އެތަނުން ހިލޭ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ދިނުމެވެ.

ތިނަދޫގެ ޒުވާނުންނަށް ސްކޮލަޝިޕް ދިނުމަށް ނިންމާފައިވަނީ އޭނާގެ ބައްޕަ ނައިބު ރަޝާދުގެ ނަމުގަ އެވެ. މުސްތާގް ވިދާޅުވިގޮތުގައި އޭނާއަކީ ހުވަދު އަތޮޅުގެ ތައުލީމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ އިތުރުން ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ފައިސާގެ ހާއްސަ އިނާމެއް ވެސް ދިނުމަށް އެ ކޮލެޖުން ވަނީ ނިންމާފަ އެވެ.

އެވިޑާ އެކު ރާއްޖޭގައި ހުރި ކޮލެޖްތަކުގެ އަދަދު ފަހަކަށް ވުރެ ގިނަވީ އެވެ. މަތީ ތައުލީމު ދޭ ފަރާތްތަކުގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާ އިރު މުސްތާގް ވިދާޅުވީ އެހެން ކޮލެޖްތަކާ އެތަނާ ހުރި އެންމެ ބޮޑު އަނެއް ތަފާތަކީ މެނޭޖްމެންޓުން ދަރިވަރުންނާ މެދު ބާއްވާ ގާތް ގުޅުމެވެ. އަދި ދަރިވަރުންގެ ޝަކުވާތައް އަޑުއަހައި، އެއަށް އަމަލު ކުރާ އެއް ތަނަކަށް އެވިޑް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ އެހެން ކޮލެޖްތަކެކޭ އެއް ގޮތަށް އެވިޑަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެތަން ތަރައްގީ ކުރުމަށް ޖާގައިގެ ދަތިކަމެވެ. ދަރިވަރުންނަށް ކުޅިވަރުކުޅެވޭނެ ގޮތަށް ހުސްތަނަކާއެކު ކޮލެޖް އިމާރާތްކުރުމަށް އެތަނުން ބޭނުންވެ އެވެ. އެކަމަކު ޖާގަ ނެތުމުގެ ސަބަބުން ކުރިއަށް ގެންދަން ހުރި ޕްލޭންތަކަށް ހުރަސްއެޅިފައިވާ ކަމަށާއި އެހެންވެ، ސަރުކާރުން ޖާގައިގެ މައްސަލަ ކޮންމެވެސް ހައްލެއް ގެނެސްދިނުމަށް އެ ކޮލެޖުން އެދެ އެވެ. 
މީގެ އަށް އަހަރު ކުރިން ފެށިގެން އެވިޑް ޓްރޭނިން ސެންޓަރުން އަންނަނީ ރާއްޖޭގެ ގިނަ ކުދިންތަކަކަށް މަތީ ތައުލީމުގެ ފުރުސަތު ދެމުންނެވެ. އެތަނުން ކިޔަވައިދެމުން އައި ކޯސްތައް ވޭތުވެދިޔަ އަހަރުތަކުގައި ގިނަކޮށް، ފެންވަރު ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ މިދިޔަ ހަފުތާގައި ސަރުކާރުން އެތަން ކޮލެޖަށް ބަދަލުކޮށް، ފެންވަރު މަތިކުރުމެވެ. ކޮލެޖަކަށް ބަދަލު ކުރުމަށް ފަހު އެތަނުން އެންމެ އިސްކަމެއް ދޭން ނިންމާފައިވަނީ ދަރިވަރުންނަށް އަގުހެޔޮކޮށް ތައުލީމު ފޯރުކޮށްދިނުމެވެ.

މަސްދަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް