ފަހުގެ ޚަބަރު


އިތުރަށް...

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ނޫނެކޭ ބުނުމަށް ފުލުހުންނަށް ސީޕީ ގޮވާލާފައިވާކަމަށް ކޮމިޝަނުން ނިންމައިފި

ލިޔުނީ: Unknown - Tuesday, September 10, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނޝީދަށް ވޯޓު ނުދިނުމަށް ގޮވާލައި އެހެން މީހަކު ފޮނުވި ސިޓީއެއް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ޓުވީޓްކުރައްވައި ފުލުހުންގެ ގާނޫނާ ހިލާފުވެފައިވާ ކަމުގައި ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ) އިން ނިންމައިފިއެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ބުނީ އެސިޓީ ރިޔާޒް ޓްވީޓް ކުރެއްވުމަކީ އެސިޓީގައިވާ ވާހަކަތަކަށް އޭނާ ތާއީދުކުރާކަމަށް ބެލެވޭނެކަމެއްކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް ނޫނެކޭ ބުނުމަށް ފުލުހުންނަށް އެސިޓީގައި ގޮވާލާފައިވާކަން ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.

ޕީއައިސީގެ މެމްބަރުންގެ ތަހުގީގަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ޕޮލިސް ކޮމިޝަނަރު ފުލުހުންގެ ގާނޫނުގެ ހަތް ވަނަ މާއްދާގެ (ހ) ގެ ތިނެއް އަދި 69 ވަނަ މާއްދާގެ (ށ) އާ ހިލާފު އަމަލެއް ކުރައްވާފައިވާ ކަމަށެވެ.

ޕީއައިސީން މައްސަލަ ބެލުމަށް ފަހު ނިންމާފައިވަނީ ފުލުހުންގެ ގާނޫނުގެ 67 ވަނަ މާއްދާގެ (ހ) ގެ ދަށުން އަބްދުﷲ ރިޔާޒަށް އިދާރީ އަދަބެއް ދެއްވުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒަށް ލަފާއެރުވުމަށެވެ.

ފުލުހުންގެ ގާނޫނުގައި ކަނޑައަޅާފައިވާ ފުލުހުންގެ ވާޖިބުތައް ބަޔާންކުރާ މާއްދާގެ (ހ) ގެ ތިނެއްގައި ބުނެފައި ވަނީ ފުލުހުންގެ ދައުރު އަދާކުރަން ޖެހެނީ ވަކި ފަރާތަކަށް ނުޖެހި، އަދި ވަކި މީހަކަށް ތައައްސުބެއް ނެތި އަދުލުވެރި ގޮތުގައި ފުލުހުންނަށް ލިބިދީފައިވާ އެންމެހާ ބާރާއި އިހްތިޔާރު ބޭނުންކޮށްގެން ކަމަށެވެ. އަދި ފުލުހުން ކުރުން މަނާ ކަންތައް ކަނޑައަޅާފައިވާ 69 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ވަކި ފަރާތަކަށް ނުޖެހި އޭނާގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާނެ ކަމާ މެދު އާއްމު ރައްޔިތުންގެ ހިތުގައި ޝައްކެއް އުފެދިދާނެ އެއްވެސް އަމަލެއް ކުރުން ނުވަތަ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވެވޭނެ ކަމަށެވެ.

ކޮމިޝަނުގެ ނިންމުމުގައި ހިޔާލު ތަފާތުވި މެންބަރު އަލްއުސްތާޛު އަލީ ނަދީމްގެ ރައުޔުގައި ބުނެފައިވަނީ މިހާރު ކޮމިޝަނުން ނިންމާފައިވާ ނިންމުމުގެ އިތުރުން ފުލުހުންގެ ގާނޫނުގެ 69 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި ހިލާފްވެފައިވާކަމަށް، ކޮމިޝަނުގެ ތަހްގީގަށް އެނގެން އޮންނާތީ، ސީޕީގެ މައްޗަށް ފުލުހުގެ ގާނޫނުގެ 75 ވަނަ މާއްދާގެ ދަށުން ޖިނާއީ ކުށުގެ ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް މައްސަލަ ހުށަހަޅަން ފެންނަކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް