ފަހުގެ ޚަބަރު


އިތުރަށް...

ނޮވެމްބަރު 2ގައި އިންތިހާބު ބާއްވަން އިލެކްޝަނުން އެއްބަހެއް ނުވި: ކެންޑިޑޭޓުން

ލިޔުނީ: Unknown - Monday, October 28, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް އިންތިހާބާ ގުޅޭ ގޮތުން ރޭ ޓްރޭޑާސް ހޮޓަލުގައި މަޝްވަރާކުރައްވައި އެއްބަސްވެވަޑައިގެންނެވީ އިންތިހާބުގެ ފުރަތަމަ ބުރު ނޮވެމްބަރު 2ގައި ބާއްވައި ދެ ވަނަ ބުރު ނުވައެއްގައި ބޭއްވުމަށެވެ. އެ ނިންމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުއްވުމަށް ތިން ކެންޑިޑޭޓުން މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ބައްދަލުވުމަށް ފަހު ތިން ކެންޑިޑޭޓުން ނޫސްވެރިންނަށް ވިދާޅުވީ އިންތިހާބު ބާއްވަން ހުރި ދަތިތައް ފާހަގަކޮށް، އަންނަ ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން އިލެކްޝަންސް އިން ތައްޔާރު ނޫން ކަމަށެވެ. އިލެކްޝަނުން މިހާރު ކަނޑައަޅާފައި އޮތް ތާރީހު އަވަސްކޮށްގެން އިންތިހާބު ބާއްވައިފިނަމަ އެތަކެއް ރައްޔިތުންގެ ހައްގު ގެއްލޭނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން އިލެކްޝަންސަށް އެއްބަސްނުވެވުނު ނަމަވެސް "ނޮވެމްބަރު 11 އަށް މިކަން ކުރެވެން އޮތް އެހެން ގޮތަކީ ކޮބައިތޯ" ބެލުމަށް ކެންޑިޑޭޓުން އަދިވެސް ބައްދަލުވުމެއް ބާއްވައި މަޝްވަރާކުރަން ނިންމާފައިވާ ކަމަށެވެ. ކެންޑިޑޭޓުން ހުށަހެޅި ތާރީހަށް އިލެކްޝަނުން އެއްބަސްނުވާއިރު "އެހެން ގޮތަކީ" ކޮބައިތޯ ދެންނެވުމުން ނަޝީދު ވިދާޅުވީ އެކަން އެނގޭނީ ތިން ބޭފުޅުންގެ މަޝްވަރާ އަށް ފަހު ކަމަށެވެ.

ޔާމީން ވިދާޅުވީ އިންތިހާބު އަވަސްކުރަން އިލެކްޝަންސް ކޮމިޝަނުން ވެސް ބޭނުންވާ ކަމަށާއި އެކަމަކު އެ ކޮމިޝަނުން ވަސީލަތްތަކުގެ ދަތިކަން ފާހަގަކޮށްފައިވާ ކަމަށެވެ. ކެންޑިޑޭޓުން ހުށަހެޅި ތާރީހަށް އެއްބަސްނުވެވުނު ނަމަވެސް ނުވައެއްގެ ކުރިން އިންތިހާބު ބޭއްވޭނެ ގޮތެއް އޮތްތޯ ބެލުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔާމީން ވެސް ވިދާޅުވި އެވެ.

"ނުވައެއްގެ ކުރިން ބުރެއް ބޭއްވޭތޯ ބެލުމުގެ މަސައްކަތް ޕީޕީއެމް އަދި އަޅުގަނޑާ ހަމައަކުން ދުލެއްނުކޮށްލަން. އެކަމުގެ ތެރޭގައި ދަތިތަކެއް ހުރި ކަމަށް އިލެކްޝަނުން ވިދާޅުވަނީ. އޭގެ ތެރޭގައި އެ ބޭފުޅުންގެ ރިސޯސްގެ ދަތިތަކުގެ ވާހަކަ، އެއީ ހައްލުކުރަން އުޅެފި ނަމަ ކުރެވިދާނެ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

ޖީސީއީ އޯލެވެލް އިމްތިހާނު ކުރިއަށްދާތީ ވޯޓު ފޮށި ބަހައްޓާނެ ތަންތަނުގެ ދަތިކަން ކުރިމަތިވާނެ ކަމަށް އިލެކްޝަނުން ބުނެފައިވާ ކަމަށާއި އެއީ ވެސް ހައްލު ހޯދޭނެ ކަމެއް ކަމަށް ޔާމީން ދެކެވަޑައިގަންނަވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކެންޑިޑޭޓުން އިތުރަށް މަޝްވަރާކޮށްފި ނަމަ ނުވައެއްގެ ކުރިން ފުރަތަމަ ބުރު ނުބޭއްވެންވީ ސަބަބެއް ނެތެވެ. މިހާރު ހުރި ތާރީހަށް ބަލާއިރު، އިލެކްޝަންސް އަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދީގެން އަންނަ މަހުގެ 7،6،5 ގެ ތެރެއިން ދުވަހެއްގައި ވެސް އިންތިހާބު ބޭއްވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން މި މަހު 9 ގައި އިންތިހާބު ބާއްވަން އިއުލާންކުރުމުގެ ކުރިން ތިން ކެންޑިޑޭޓުން މަޝްވަރާކޮށް އަވަސް ތާރީހެއް ކަނޑައެޅުމުގެ ފުރުސަތު އޮއްވައި އެކަން ނުކުރެއްވީތޯ ދެންނެވުމުން ޔާމީން ވިދާޅުވީ އިންތިހާބުގެ ތާރީހު ކަނޑައެޅުމަށް ވާހަކަތައް ފުރަތަމަ ފެށުނީ ސަރުކާރުގެ އިސްނެގުމަކާ އެކުގައި ކަމަށެވެ. އަވަސް ތާރީހެއްގައި އިންތިހާބު ބާއްވަން ވާހަކަތައް ފެށުނީ އިންތިހާބު އަވަސްކުރަން ތިން ކެންޑިޑޭޓުންނަށް އެއްބަސްވެވުނު ހިސާބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފުރުސަތު ލިބުނު. އެކަމަކު ފުރަތަމަ ބުރުގެ ކަންތައްތައް ދިޔަގޮތާއި ކަން ހިނގައިދިޔަ ގޮތުން ވަގުތުކޮޅެއް ނެގީ އިލެކްޝަނަށް އައިސް ވާހަކަ ދައްކައިގެން އިންތިހާބު އަވަސްކުރެވޭތޯ ބެލުމަށް،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިހާބު އަވަސްކުރުމުގެ ވާހަކަތައް ފެށީ ތިން ކެންޑިޑޭޓުންގެ އިސް ނެންގެވުމުގެ މަތިންނެވެ. 
އަންނަ މަހު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު އަވަސްކޮށް، ފުރަތަމަ ބުރު އަންނަ ހޮނިހިރު ދުވަހު ބާއްވައިދިނުމަށް ރިޔާސީ ކެންޑިޑޭޓުން އެދިވަޑައިގަތް ނަމަވެސް އެ ތާރީހުގައި އިންތިހާބު ބޭއްވުމަށް ހުރަސްތަކެއް ހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

މަސްދަރު: ހަވީރު އޮންލައިން
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް