ފަހުގެ ޚަބަރު


އިތުރަށް...

މައުމޫން ގާނޫނު އަސާސީގެ ބާރު ކަނޑުވާލިކަން އަމިއްލަފުޅަށް ދަނީ ދަލީލު ދައްކަވަމުން – ނަޝީދު

ލިޔުނީ: Unknown - Wednesday, October 23, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ކުރީގެ ރައީސް މައުމޫން ގެންދަވަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލިކަން އަމިއްލަފުޅަށް ދަލީލު ދައްކަވަމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދިގު 30 އަހަރު 6 ފަހަރު ރައީސް މައުމޫން އިންތިހާބުވެވަޑައިގެންނެވިއިރު ވެސް އެއްވެސް އިންތިހާބެއްގައި މައުމޫން ވާދަކުރައްވާފައިނުވާ ކަމަށާއި ރައީސް މައުމޫންގެ ވާދަވެރިއެއް ވެސް ނެތް ކަމަށެވެ. އަދި ރައީސް މައުމޫން ވެރިކަމުގައި ފެނޭތޯ ނުފެނޭތޯ ނެގި ވޯޓުގައި ރައީސް މައުމޫން ބާރާއި ނުފޫޒު ބޭނުންކުރައްވައިގެން ވަނީ ގަނޑުކޮށް ވޯޓު އަޅާފައި ކަމަށެވެ.

“ވޯޓު ކަރުދާހުގައި ވަނީ ހަމައެކަނި ރަނގަޅު ފާހަގަ، 99 ޕަސަންޓުން 98 ޕަސަންޓުން ރައީސް މައުމޫން ގެންދެވީ ވޯޓުގެ ނަތީޖާ ކަމަށް ވިދާޅުވެ އަކުރުތަކެއް އިއުލާންކުރައްވަމުން، ހަމަބުއްދީގައި ހުރި ކާކުތޯ ގަބޫލުކުރާނީ ރައްޔިތުންގެ ގާތުގައި އަހައިގެން 90 ޕަސަންޓު ލިބިދާނެ ކަމަކަށް؟ އެބޭފުޅުން އަމިއްލައަށް އެ އުޅުއްވަނީ 95،000 ވޯޓު ހަޖަމު ނުވެގެން.” ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް މައުމޫނާއި ރައީސް މައުމޫނަށް ތާއީދުކުރައްވާ ފަރާތްތަކަކީ ވޯޓާއި ކުރިމަތިލެއްވުމަށް ބޭނުންވާ ބައެއް ނޫން ކަމަށާއި އެއީ ޑިމޮކްރަޓިކް ސަގާފަތަކަށް ބޯލަނބަން ބޭނުންވާ ބޭފުޅުން ނޫން ކަމަށެވެ.

އެމްޑީޕީން މިތިބީ ވޯޓުލުން ދޫކޮށްލާފައި ގެއަށް ވަންނާކަށް ނޫން ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރައީސް މައުމޫން އެއްފަހަރު ރައީސް ވަހީދު ބޭނުންކުރައްވައިގެން ވޯޓު ހުއްޓުވާލައްވާފައިވާ ކަމަށާއި އަނެއް ފަހަރު ފަނޑިޔާރުގޭގައި ތިއްބެވި ފަނޑިޔާރުން ބޭނުންކުރައްވައިގެން ވޯޓު ހުއްޓުވާލައްވާފައިވާ ކަމަށާއި މައުމޫން ތަކުރާރުކޮށް ވޯޓަށް ހުރަސް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

“މަނިކުފާނު (މައުމޫން) ކަނޑައެޅިގެން ގާނޫނު އަސާސީގެ ބާރު ކަނޑުވާލިކަން އަމިއްލަފުޅަށް ދަލީލު ދައްކަވަމުން ތިޔަވަޑައިގަންނަވަނީ، ސިޓީފުޅު ތިލިޔުއްވަނީ، މިދައުރުން ބޭރުން ބަޣާވާތަކުން ވެރިކަމަށް ވަޑައިގެން ހުންނެވި މުހައްމަދު ވަހީދު އަދިވެސް ވެރިކަމުގައި ހުންނެވުމަށް، ނޫން މަނިކުފާނު، އަޅުގަނޑުމެން މިތިބީކީއެއް ރައީސް މައުމޫނަކަށް ތިޖާގަ ދޭން ތައްޔާރަކަށެއް ނޫން.” ނަޝީދު ވިދާޅުވި އެވެ.

“މައުމޫން ފަހަތަށް ޖެހިވަޑައިގަންނަވާ، އަޅުގަނޑުމެން މި ނިކުންނަނީ، މައުމޫން ފަހަތަށް ޖެހިވަޑައިގަންނަވާ، ރައީސް މައުމޫން އަޅުގަނޑުމެންގެ ހަޔާތުގައި އަޅުގަނޑުމެންނަށް ލައްކަވަރު ކުރެވިއްޖެ، ހަމައެކަނި އަޅުގަނޑަށް ކުރެއްވި ވަރު މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ދެން ވަޑައިގަންނަވަން ނުހައްދަވާ، ފަހަތަށް ޖެހިވަޑައިގަންނަވާ، އަޅުގަނޑުމެން މި ނިކުންނަނީ މި ވޯޓު ރާއްޖޭގެ ރައްޔިތުންނަށް ހޯދާދޭން.” ނަޝީދު އިތުރަށް ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ރައީސް މައުމޫން މަސައްކަތްކުރައްވަނީ އެމަނިކުފާނުގެ ބާރުވެރިކަން ރައީސް ވަހީދު ލައްވާ ރާއްޖޭގައި ދެމެހެއްޓުމަށް ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް