ފަހުގެ ޚަބަރު


އިތުރަށް...

އަފްރާޝީމްގެ މަރުގެ މައްސަލާގައި ޖާވިދާއި އަޒްލިފާއި އިތުރު ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ލިޔުނީ: Unknown - Wednesday, October 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
(ކ-ވ) އަޒުލީފް ރައޫފް، ޢަބްދުﷲ ޖާވިދު، ޝާހިން މުހައްމަދު އަދި އާދަމް ސަލާހް. -- ފޮޓޯ: ޕޮލިސް
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ އަބްދުﷲ ޖާވިދާއި އިތުރު ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފުލުހުން ޕީޖީ އަށް ފޮނުވައިފި އެވެ.

މީގެ އެއް އަހަރު ކުރިން އޮކްޓޯބަރު 1، 2012 ދުވަހުގެ ރޭ ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި އަފްރާޝީމްގެ މަރުގެ މައްސަލާގައި ޖާވިދުގެ އިތުރުން ދެން ދައުވާކުރަން ފޮނުވީ ހ. ހިލްޓަން، އަޒްލީފު ރައޫފް، 28، އާއި މ. ޖަރީމާގެ ޝާހީން މުހައްމަދު، 38، އަދި ލ. ގަންތުނޑި، ނޫއަލި، އާދަމް ސަލާހު، 33، އެވެ.

ފުލުހުން ބުނީ މި މީހުންގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ކަމަށެވެ.
މި މީހުންނާ އަފްރާޝީމްގެ މަރާ ގުޅުން އޮތީ ކޮން ގޮތަކަށް ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އަފްރާޝީމްގެ މަރުގެ މައްސަލާގައި މިހާތަނަށް ދެ މީހެއްގެ ޝަރީއަތް ފަށާފައި ވާއިރު ފުލުހުން ބުނެފައި ވަނީ ޝަރީއަތް ހިނގަމުން ދަނީ އަފްރާޝީމަށް ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުންގެ މައްޗަށް ކަމަށެވެ.

މި މައްސަލާގައި މިހާރު ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގާ ހ. ލޮބީ ހުސެއިން ހުމާމް ކޯޓުގައި ކުށަށް އިއުތިރާފްވި އިރު ދިން ބަޔާނުގައި ބުނެފައިވާ ގޮތުން އެ ހަމަލާ ރޭވުމުގައި "ސްޕައި" ކިޔާ މީހަކާ އަޒްލީފްގެ ފަރާތުން ބައްދަލުވި ކަމަށާއި އެއީ މިދިޔަ އަހަރުގެ ރޯދަމަހު ތެރޭގައި ބައިބަލާ މުބާރާތް އޮތް ދުވަސްވަރު ކަމަށް ބުނެފައިވެ އެވެ. ހުމާމް ބުނާ "ސްޕައި"އަކީ ސޮލާހެވެ. އަޒްލީފަކީ ކުރިން ސިފައިންގޭގައި މަސައްކަތްކުރި މީހެކެވެ.

ހުމާމް ތަހުގީގުގައި ބުނެފައި ވަނީ އަފްރާޝީމް އަވަހާރަށްލައިފި ނަމަ ފައިސާ ދޭނެ ކަމަށް ބުނީ ޖާވިދު ކަމަށެވެ. އަދި ޖާވިދާއި އޭނާގެ ބޭބެ ޝާހީންއާ ބައްދަލުވީ އަފްރާޝީމަށް ހަމަލާ ދޭން އަޒްލިފާއި "ސްޕައި"، ހުމާމް ގާތު ބުނެ އެކަން ރޭވުމުގެ ތެރޭގައި ކަމަށް ވެސް ހުމާމް ބުނެފައިވެ އެވެ. އަފްރާޝީމް މަރައިލި ކަމަށް ހުމާމް ކޯޓުގައި ފުރަތަމަ އެއްބަސްވި ނަމަވެސް ފަހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ހުމާމްގެ އިތުރުން އަފްރާޝީމްގެ މަރުގެ މައްސަލާގައި ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ވެސް ވަނީ ޝަރީއަތް ފަށައިފަ އެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި އަފްރާޝީމަށް ހަމަލާ ދީފައި ވަނީ ހުމާމް އާއި ޝާން އެވެ. އަދި އެ ދެ މީހުންނާ އެކު 18 އަހަރު ނުވާ ކުއްޖަކު ވެސް ބައިވެރިވެފައިވެ އެވެ. އެކަމަކު އެ ކުއްޖާ ހުރީ ހަމަލާ ދިން އިރު ބޭރުގައި ފާރަޔަށް ކަމަށްވެ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް