ފަހުގެ ޚަބަރު


އިތުރަށް...

ރައީސް ވަހީދު ނަޝީދުއާ ބައްދަލުކުރެއްވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް: ސަރުކާރު

ލިޔުނީ: Unknown - Wednesday, October 2, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް މުހަންމަދު ވަހީދާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު މުލީއާގޭގައި މިރޭ ބައްދަލުކުރެއްވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ މީޑިއާ ސެކްރެޓަރީ މަސްއޫދު އިމާދު ވިދާޅުވި ގޮތުގައި ރައީސް ވަހީދާ ބައްދަލުުކުރެއްވުމަށް ނަޝީދު އެދިވަޑައިގަތުމުން އެ ފުރުސަތު އެރުވީ އެއީ "ކުރީގެ ރައީސަކަށް ވާތީ" އެވެ.

"އެ ނޫން އެއްވެސް ސަބަބެއް ނެތް. ބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވި ކަންތައް އަދި އަޅުގަނޑުމެން މީޑިއާ އަށް ހާމަނުކުރަން،" މަސްއޫދު ވިދާޅުވި އެވެ.

ރައީސް ވަހީދާއި ނަޝީދު ބައްދަލުކުރެއްވީ ނަޝީދުގެ އެދިވަޑައިގަތުމަކަށް ކަމަށް ސަރުކާރުން ބުނި ނަމަވެސް ނަޝީދުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ބޭއްވެވީ ސަރުކާރުގެ ދައުވަތަކަށެވެ.

ގާތްގަނޑަކަށް 15 މިނިޓަށް ބޭއްވެވި ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ވަހީދާއި ނަޝީދު ވެސް މީޑިއާ ގައި އެއްޗެއް ވިދާޅެއް ނުވި އެވެ. 

ރައީސް ވަހީދާއި ކުރީގެ ރައީސް ނަޝީދު މިރޭ ބައްދަލުކުރެއްވި އިރު، ރައީސް ވަހީދު ވަނީ ކުއްލިގޮތަކަށް މިއަދު މެދުރު ފަހު ގައުމާ މުހާތަބު ކުރައްވައި ވާހަކަ ފުޅު ދައްކަވައިފަ އެވެ. ރައީސް މިއަދު ވިދާޅުވީ އިންތިހާބާ ބެހޭ މައްސަލަ ސުޕްރީމް ކޯޓުން ވަރަށް އަވަހަށް ނިންމަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި އަދި އެ ނިންމުން ތަންފީޒު ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މިވަގުތަކީ ވެރިކަން ހިންގުމުގެ ތިން ބާރުގެ ތެރޭގައި ހަމަނުޖެހުން އުފައްދަންވީ ވަގުތެއްނޫން ކަމަށާއި މިވަގުތަކީ ހަމަބުއްދި އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފާރަވެރިވާންވީ ވަގުތު ކަމަށެވެ.

މިއީ ފެބްރުއަރީ 7، 2012 ގައި ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވި ފަހުން ރައީސް ވަހީދާ ދެބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މިދިޔަ މަހުގެ އެއްވަނަ ދުވަހުގެ ރޭ ޓީވީއެމުން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި އެ ދެބޭފުޅުން އެއް ތަނަކުން ބައްދަލުވި އެވެ. އެކަމަކު ދެބޭފުޅުން ސަލާމް ނުކުރައްވަ އެވެ. އަދި ބަހުސްގެ ތެރޭގައި ވެސް އެެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވާހަކަފުޅެެއް ވެސް ނުދައްކަވަ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް