ފަހުގެ ޚަބަރު


އިތުރަށް...

ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންކޮށްފި

ލިޔުނީ: Unknown - Tuesday, October 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
ޖުޑީޝަލް ސާރވިސް ކޮމިޝަނުގައި ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ އައްޔަންކޮށްފިއެވެ.

ޖޭއެސްސީގެ ގޮނޑިއަށް އަހްމަދު ހަމްޒާ ހޮވިވަޑައިގެންފައިވަނީ 43 ވޯޓް ލިބިވަޑައިގަތުމާއި ގުޅިގެންނެއެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ ގޮނޑި ހުސްވެފައިވުމާއެކު، މިގޮނޑިއަށް މެމްބަރަކު އައްޔަންކުރުމަށް 2 މެމްބަރެއްގެ ނަންފުޅު އިއްޔެގެ ޖަލްސާގައިވަނީ ފާސްކޮށްފައެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ވޯޓަށް އަހާފައިވަނީ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާގެ ނަންފުޅަށެވެ.

ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދަށް ލިބިވަޑައިގެންނެވީ 34 ވޯޓެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރައްވާ މެމްބަރެއްގެ ގޮތުގައި އެމްޑީޕީގެ މެމްބަރެއްގެ ހޮވިވަޑައިގެންފައިވާތީ، އެމްޑީޕީން ބުނީ ޖުޑީޝަރީއަށް ގިނަ ބައެއްގެ ފާޑު ކިޔުންތަށް އަމާޒުވެފައިވާތީ، ރައްޔިތުންގެ އިތުބާރު ލިބޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ ގޮނޑި ހުސްވެފައިވަނީ، އެގޮނޑި ކުރިން ތަމްސީލްކުރެއްވި މާމިނގިލީ ދާއިރާގެ މެންބަރު މަހުޖަނު ޤާސިމް އިބްރާހީމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާތީ، ޤާނޫނުގައި ބުނާ ގޮތުން އޭނާއަށް އެމަޤާމްގައި ހުންނެވޭނެ ޖާގައެއް ނެތުމާއި ގުޅިގެންނެވެ.

ޖޭއެސްސީގެ ޤާނޫނުގައި ބުނަނީ އިންތިޚާބު ކުރެވޭ ސިޔާސީ މަޤާމަކަށް ކުރިމަތި ލައްވައިފިނަމަ އެމެމްބަރަކު އެމަޤާމުން ވަކިވެވަޑައިގަންނަވާނެ ކަމަށެވެ.

މަހުޖަނު ޤާސިމް އިބްރާހިމް އެމަޤާމުގައި ހުންނެވިއިރު، ޖޭއެސްސީގައި ޤާނޫނާއި ޚިލާފް އެތައް އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.

އެގޮތުން ސޯޝަލް މީޑިޔާގައި ލީކްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަދްއަޚްލާގީ އަމަލްތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ ވީޑިއޯއަށް ޖޭއެސްސީގައި އިންނަވާ ވަކިކޮޅެއް ނަންގަވާ ޤާސިމް ވާހަކަފުޅު ދައްކަވާފައިވެއެވެ.

ޖޭއެސްސީގައި މަޖްލިސް ތަމްސީލް ކުރައްވާ މެމްބަރަކަށް ހަމްޒާ އައްޔަންކުރުމާއި ގުޅިގެން އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖުޑީޝަރީ އިސްލާހްކުރުމަށް މިއަދު މަޖިލީހުން ކުރިއަށް ފިޔަވަޅެއް އަޅާފައިވާކަމަށާއި، އެމަސައްކަތްކުރެއްވުމަށް އޭނާ ބުރަ މަސައްކަތް ކުރައްވާނެކަމަށެވެ.

ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަމްޒާ ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަންވުމާއި ގުޅިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވަނީ އެކަމަށް މަރުޚަބާ ވިދާޅުވެފައެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޖޭއެސްސީގެ މެމްބަރުކަމަށް ހަމްޒާ ހޮވިވަޑައިގަތުމުން އެކަމަށް މަރުޚަބާ ވިދާޅުވާކަމަށާއި، އިރާދަފުޅު ކުރެއްވިއްޔާ ފަނޑިޔާރުގެ އިސްލާހްކުރެއްވޭނެކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް