ފަހުގެ ޚަބަރު


އިތުރަށް...

ޔާމިންގެ ސަރުކާރުން އަހަރުންގެޔަށް ފޮނުވި ޑޮކްޓަރު ކަޑަ!

ލިޔުނީ: Unknown - Tuesday, November 26, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
2008 ވަނަ އަހަރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ރައްޔިތުންނާއި ހަމައަށް ގެނެސްދޭންބުނި އަދި އެ ސަރުކާރުގެ 3 އަހަރުގެ ކުރު މުއްދަތުގައި ގެނެސްދިން ގިނަ ކަންކަމަށް 'އޭރު' އެމްޑިޕީ ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ލައްކަ ގިނަ ހަޖޫ ޖަހައި މަލާމާތްކޮށް ހެދިއެވެ.

ދަތުރުފަތުރުން ރާއްޖޭގެ ރަށްތައް ގުޅާލައި ކޮފީ ބޮއެލަން ރަށްރަށަށް ދާވާހަކަ ދެއްކުމުން ލައްކަ ވައްތަރު ވައްތަރުގެ ޖޯކްޖަހައި މަލާމާތްކޮށް ހީނހެދި އެވެ. ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން ވި ވަޢުދު ތަކަކީ ފުއްދޭނެފަދަ ވަޢުދުތަކެވެ. އެމްޑީޕީން ބިންނަން މަސައްކަތްކުރީ ފެންހުރި ބޮޑެތި ކާށްޓެވެ. އެކަމަކު ޔާމިން ޢަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވުމަށް ގިނައިން ބިންނެވީ ފެންނެތް ބޮޑެތި ކާށިކަން މިވީ ދުވަސްކޮޅުން ފެންނާންފަށާފައިވާ ކުލަތަކުންވެސް މޭރުންވާން ފަށައިއްޕެވެ. ނުފުއްދޭހާ ގިނަ ވަޢުދުތަކެއް ވެވިފައި އެބަހުއްޓެވެ.

ކޮންމެ ޢާއިލާއަކަށް ޑޮކްޓަރެއް ނުވަތަ ބެޔަސް، ނުބެޔަސް ދިހަ ހާސް ރުފިޔާ ގެ ވަޢުދުތަކަކީ 'ހޮޅި' ވަޢުދުތަކެއްކަން މިހާރު ފެންނާން ފަށައިފިއެވެ. މިހާރު އިވެމުން އަންނަ އަޑަކީ މަސްވެރިން ރުއްސައި އެމީހުންގެ ވޯޓާއި މަސްވެރިންގެ ޢާއިލާ މެންބަރުންގެ ވޯޓް ހޯދުމަށް ވެފައިވާ ވަޢުދާއި މިހާރުވެސް ޚިލާފުވެއްޖެކަމަށް ޚުދު މަސްވެރިންވެސް ނިންމައިފި އެވެ. ބެޔަސް ނުބެޔަސް ދިހަހާސް ދޭން ވަޢުދުވިއިރު އެކަން ކުރާނެގޮތެއް އޭރު ސާފުކޮށްނުދީ އޮތުމުން ގިނަބަޔަކު ހީކުރީ މިއީ ވަރަށް ފައްކާ ވަޢުދެއްކަމަށެވެ. ނަމަވެސް މިހާރު ކިޔަން ފަށާފައިވާ ލަވައިގައި ކިޔަނީ މަސްވެރިންގެ އަތުން ފައިސާ ނަގައިގެން މަސްވެރިންނަށް ފައިސާ ދޭ ގޮތެއްގެ ވާހަކަ އެވެ. މިފަދަ ގޮތަކަށް ޔާމިންގެ ސަރުކާރުގެ ވާހަކަތައް މަސްވެރިންނަށް ނިސްބަތްކޮށް ދައްކަވާއިރު، ވެނުމަސް ވެނަށް ކާންދިނުމަކީ ކޮބައިކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ މަސްވެރިންކަން މިހާރު މިއޮތް ސަރުކާރުން ހަނދާން ނައްތައިލީ ނޫންބާވައެވެ.

ދެން އޮތީ ޑޮކްޓަރުންގެ ވާހަކައެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ޑޮކްޓަރެއް ނުބެހެއްޓިގެން އުޅޭއިރު، ކޮންމެ މީހަކަށް ނުވަތަ ކޮންމެ ޢާއިލާއަކަށްވިޔަސް ޑޮކްޓަރެއް ހަމަޖައްސާނެ ގޮތެއް އަހަންނަކަށް ހަމަ ވިސްނާ ވިސްނާވެސް ނޭނގުނެވެ. ފަހަރުގައި އެމްޑީޕީގެ ވިސްނުންހުރި މީހެއްކަމުން އެވަރުގެ ތެތްކަމެއް މި ސިކުނޑީގައި ނެތީ ތޯއްޗެކެވެ. ކޮންމެއަކަސް ޤަބޫލުކުރެވޭ ގޮތުން، ކޮންމެ ޢާއިލާއަކަށް ޑޮކްޓަރެއް ހަމަޖައްސާނެކަމަށް ވީ ވަޢުދުވެސް 30 އަހަރުގެ ވެރިކަމުގައި 'ކެއްކި ގޭސްގަނޑު' ފަދައިން ކޮންމެވެސް ގޮތަކަށް އަނބުރާލައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރުމީ ހަމަ ވުން ގާތް ކަމެކެވެ.

ޕީޕީއެމް އިން ވެރިކަމަށް އައުމަށް ވެފައިވާ ވަޢުދު ތަކަކަކީ 'ހިސާބު ކުރެވި ބަޖެޓް ކުރެވިފައިވާ' ވަޢުދުތަކެއް ނޫންކަން އެމީހުންގެ މެނިފެސްޓޯ ރަނގަޅަށް ކިޔައިލި ކޮންމެ މީހަކަށް އެނގޭނެއެވެ. 'ޓެލެވިޛަން މޯލްޑިވްސް' އިން ތަންކޮޅެއް ކުރިން ދެއްކި މަޝްހޫރު ސީރީސް އެއް ކަމަށްވާ 'ސަޅި ބައިސާ'ގެ އެޕިސޯޑްތަކެއްގެ ސިފައިގައި މެނިފެސްޓޯއެއް ހުށައެޅިއަކަސް މިޒަމާނުގެ ދިވެހީން އެޔެއް ޤަބޫލެއް ނުކުރާނެކަން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ސާފުވެއެވެ. ޕީޕީއެމް އަށް ވެރިކަން ލިބުނު ލިބުމަކީ އެމީހުންގެ މެނިފެސްޓޯ ރައްޔިތުން ބަލައިގަތްކަމަށް ޤަބޫލުކުރެވޭނެ ގޮތެއް އަހަންނަކަށް ނުފެނެއެވެ. މިހެން މިބުނަނީ ހިސާބުތަކަށް ބަލައިފައެވެ. އެހެންކަމުން އަދި މިވަގުތަށް ބުނެވެން އޮތީ 'ޔާމިންގެ ސަރުކާރުން އަހަރުންގެޔަށް ފޮނުވި ޑޮކްޓަރު ކަޑަ!' ކަމަށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް