ފަހުގެ ޚަބަރު


އިތުރަށް...

ހޮވިފައި އެތިބަ ކައުންސިލަރުން ހޮވުނު މޮޔަދޯ....

ލިޔުނީ: Unknown - Friday, November 22, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ: ,
2011 ވަނަ އަހަރު ދަނބިދޫ ކައުންސިލް މެންބަރުން ހުވައި ކުރައްވަނީ  -ފޮޓޯ: ސަން.އެމްވީ
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ރާއްޖޭގައި ފުރަތަމަ އެކުލަވާލެވުނު ކައުންސިލްގެ ދައުރު ހަމަވެ، ދެވަނަ ދައުރަކަށް ކައުންސިލަރުން އިންތިޚާބުކުރުން އަންނަ ޖެނުއަރީ މަހުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ވަނީ އިޢުލާނުކޮށްފައެވެ. އަދި މިހާރު ޕާޓީތަކުގެ ޓިކެޓްގައި ކައުންސިލްތަކަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވަމުންދާތަން ފެންނާން ފަށައިފިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް ގާނޫނު އަސާސީގައި ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. ބޭނުމަކީ ރާއްޖޭގައި ހަރުދަނާ ޑިމޮކުރަސީއެއް ގާއިމްކުރުމެވެ. ހަމައެކަނި މާލެއަށް ހުރިހާ ބާރެއް އެއްވެފައިވާ އެއްވުން ނައްތައިލައި ރައްޔިތުންނާ ގާތުން ރައްޔިތުންގެ ބަސް ހިމެނޭގޮތަށް އެސަރަހައްދެއް ނުވަތަ އެރަށެއް ތަރައްގީކޮށް ހިންގުމުގެ ބޭނުމުގަ އެވެ.

ކަތީބުންނާއި އަތޮޅުވެރިންގެ ޚުދުމުހުތާރު ވެރިކަން ކުރުމުގެ ނިޒާމަށް ހުއްޓާ ތިކި ޖެހިގެންދިޔަ ލާމަރުކަޒީ ނިޒާމު ރާއްޖޭގެ ގިނަ ކަންކޮޅުތަކުގައި ހިތި ޒަހަރަކަށް ވެގެންގޮސްފައިވާކަމީ ދެބަސްވެވެންނެތް ޙަޤީޤަތެކެވެ. ބައެއް ހިސާބުތަކުގައި ހޮވުނު ކައުންސިލަރުން ހޮވުނު މޮޔަ ނުވަތަ އިންތިޚާބުކުރެވުނު މޮޔަ، ރައްޔިތުން ހިތަށް އަރައަރައި ތިބޭތާ ލައްކަ ދުވަސް ވެއްޖެއެވެ. ކައުންސިލްތައް ފެއިލްވެފައިވަނީ ސިޔާސީ ރޯގާ ޖެހިގެން ކަމަށް ޤަބޫލުކުރެވެއެވެ. ހަމަ މިއާއިއެކު ކައުންސިލްތަކަށް އިންތިޚާބުކުރެވުނު ބައެއް ކައުންސިލަރުންނަކީ އެކަމަށް ކުފޫ ހަމަނުވިޔަސް 'އަހަރެންގެ ޕާޓީން ހިކަންޖެއް ކުރިމަތިލިޔަސް ހޮވާނީ ޕާޓީ މީހާ ކަމަށް ބުނެ' ހޮވި ހޮވުން ގޯސްވިކަމީވެސް ޙަޤީޤަތެކެވެ.

ނިމެމުން މިދާ ކައުންސިލްގެ ދައުރު ހަމަވެ އައު ކައުންސިލެއް އެކުލަވާލުމަށް 'ބާރުވެރި ރައްޔިތުންނަށް' ފުރުޞަތު ލިބޭ މި އަގުބޮޑު ދަނޑިވަޅުގައި މިފަހަރު ހޮވާ ކައުންސިލަކީ ރަށާއި އަތޮޅުގެ ތަރައްޤީއަށް އެންމެ އެކަށޭނަ ކައުންސިލަށް ހެދުމަށް ރައްޔިތުން ވިސްނާން ޖެހެއެވެ. އެހެންނޫނީ އަނެއްކާވެސް "ހޮވިފައި އެތިބަ ކައުންސިލަރުން ހޮވުނު މޮޔަދޯ" އޭ ކިޔައި އަފުސޯސް ހީވެ ލަވަ ހަދައި ލަވަކިޔާން ޖެހޭތަން އައުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ: ,

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް