ފަހުގެ ޚަބަރު


އިތުރަށް...

ރުޅިވެރިކަމުން ތާއީދު ނުހޯދާތި! - ކެނެރީގޭ މުޙައްމަދު ނަޝީދު

ލިޔުނީ: Unknown - Thursday, November 21, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ތިރީގައި މި ނަކަލުކޮށްލަނީ، މީގެ 23 އަހަރާއި 3 މަސް ކުރިން، 3 އޯގަސްޓް 1990 ދުވަހުގެ ހުކުރުގައި ގ. ކެނެރީގޭ މުޙައްމަދު ނަޝީދު ލިއުއްވާފައިވާ ލިއުއްވުމެކެވެ. މިވަގުތާއި ދުވަސްވަރާ ވަރަށްވެސް ގުޅޭ ލިއުމެކެވެ. މިއަދު މުޙައްމަދު ނަޝީދަކީ މިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާކަން ކުރެއްވުމަށްފަހު، ދެވަނަ ދައުރަކަށް ކުރިމަތިލައްވަވައި ނާކާމިޔާބު ވެވަޑައިގަތުން އެބަލިވުން ޤަބޫލުކުރައްވާފައިވާ އިޚްލާޞްތެރި ވެރިއެކެވެ. 

މިލިއުން ކިޔާލުމުން އަޅުގަޑުގެ ހިތަށް އެންމެ ފުރަތަމަވެސް ވެރިވީ، ރައީސްކަމަށް ހޮވިވަޑައިގަތުމާއެކު އެމަނިކުފާނު އެންމެ ފުރަތަމަ މީޑިއާއާ މުޚާތަބު ކުރައްވައި ވިދާޅުވި ވާހަކަފުޅެވެ. ކާމިޔާބުގެ ވަގުތުގައި ހިތްތިރި ކުރުމަށާއި ބަލިވާވަގުތު ހިތްވަރު ގަދަކުރުމަށެވެ. އަދި އަޅުގަޑަށް ގަބޫލުކުރެވުނީ، ރައީސް ނަޝީދަކީ ހަމަތަކަކާއި އުސޫލުތަކެއް ގަބޫލު ކުރައްވާ ބޭފުޅެއްކަމެވެ. ހަސަދަވެރިކަމާއި ޒާތީ ތަޢައްސަބުން އެކަހެރިވެ، ހަމައާއި އިންސާފަށް ލޯބިކުރައްވާ ބޭފުޅެއްކަމެވެ. ރާއްޖޭގައިއޮތް ގޮށްމުށުގެ ބާރާއި ޚިޔާނާތުގެ ޗޭނު ފުނޑުކޮށް އަނެއް ދިވެހި ރާއްޖެއަކަށް ގައުމު ގެންދިއުމުގެ ތަސްވުރެއް އޭނާގެ ހިތްޕުޅުގައި އޭރުވެސް އަދި މިހާރުވެސް ވާކަމެވެ.
*******
ކުލަބޮކިތައްވެސް ނަގާނެއެވެ. ގިޑިގެތައްވެސް ރޫޅާނެއެވެ. އަދި ކީއްތޯއެވެ؟ މަގުހުރަހަށް ދަމާފައިވާ ފޮތިގަޑުތައްވެސް ތިރިވާނެއެވެ. އެހެންނަމަވެސް އިބްރާހީމް ނާސިރަށް އޭނާގެ ޣައިރު ހާޒިރުގައި ދެވަނަ ނިޔާއެއް ކަޑައަޅާނެހެން ހީއެއްނުވެއެވެ. ނިމިމިދިޔަ މިނިވަން ފަންސަވީހުގެ އެންމެ މުހިއްމު އެއްކަމެއްގެ ގޮތުގައި ފާހަގަކުރެވެންޖެހޭނީ އިބްރާހީމް ނާސިރަށް ރައީސް މައުމޫނު ދެއްވި މަޢާފެވެ. ނާސިރު މާލެ އައުމަށް ދެއްވި ހުއްދައެވެ. އަޑުކުރަކިވެގެން ނަމަވެސް ފަންސަވީސް ވަނަދުވަހު މައުމޫނު އެބުނި ބުނުމެވެ.

ރައީސް މައުމޫނުގެ ވެރިކަންހިގާތާ ބާރައަހަރުފަހުން ނާސިރަށް މިދެވުނު މަޢާފާމެދު އަޅުގަޑުމެން ވިސްނާ ފިކުރުކުރަންވީ އައްޔަކާމެދު އެއީ އުފެދޭ ސުވާލެކެވެ. ނާސިރަކީ އޭނާގެ ވެރިކަމުގެ 21 އަހަރުގައި ގައުމެއްގެ އެންމެ އިސްވެރިއަކަށް ހުރެ ކޮށްގެންނުވާނޭ އެތައްކަމެއްގެ ޒިންމާ އޭނާގެ ބޮލުގައި އަޅަންޖެހިފައިވާ މީހެކެވެ. އެހެންް ނަމަވެސް ނާސިރަކީ، އޭނާގެ ވެރިކަމުގައި ދިވެހި ގައުމަށް އެތަކެއް ފައިދާތަކެއް ފޯރުވާފައިވާ މީހެކެވެ. ވުމާއެކު އޭނާގެ ވެރިކަން ދޫކޮށްލާފައި ދިޔުމުން އަޅުގަޑުމެންނަށް އެންމެ ފައިދާބޮޑީ އޭނާގެ އަބުރާބެހި ފޮޓޯއަންދާ އަދި ލަވަކިޔަމުން ދުވުންބާވައެވެ؟ ހަމަގައިމުވެސް އެހެނެއް ނުވާނެއެވެ. ވީއިރު މިފަދައިން ކަންކުރަމުން އަހަރެމެންގެ ތެރެއިން ގިނަބަޔަކުދުވީ ކީއްވެގެން ބާވައެވެ؟

ވެރިކަމަށް އަލަށް އަންނަ ސަރުކާރަކަށް ރައްޔިތުންގެ ރުހުން ލިބެންޖެހޭނެއެވެ. މިރުހުން ހޯދުމަށްޓަކައި ކަންކުރެވޭނެ ތަފާތުމަގުތަކެއްވާކަން މިހާރު ޔަގީނެވެ. މިވޭތުވެދިޔަ ބާރައަހަރު ފަހުން އެކަންކަން އެގިއްޖެއެވެ. ރާއްޖެފަދަ ގައުމެއްގައި އިސްލާމް ދީނުގެނަމުގައި ކުރާ ގިނަކަންތައްތަކަށް ޢާއްމުންގެ ތަރުޙީބު ލިބޭނެއެވެ. ރައީސް މައުމޫނު ފަހުން އެއްބަސްވެ ވަޑައިގަތް ގޮތުގައި ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފުވާފަދައިން ހަތިޔާރު އަޅައިގެންހުރެ ނަމަވެސް ރައީސްކަމުގެ ހުވާކޮށް ނިމުމަށްފަހު، ”މިމަގާމުގައި ހުއްޓައި ދިމާވެދާނެ އެއްވެސް ކަމަކަށް” ޖެހިލުން ނުވާކަމަށް ވިދާޅުވިއެވެ. އެހެނީ އެރޭވެސް ފިސްތޯލައިގެ ބާރާއެކު ވާގިއެދުނީ މާތް ރަސްކަލާނގެ ކިބައިންނެވެ. އަހަރެންގެ މަންމ އާއި ބޮޑުދައިތަ ރޭޑިއޯ ކައިރީގައިތިބެ ހިނިތުންވެ އަތްޖަހަން ފެށިއެވެ. ރައީސް މައުމޫނަށް ފުރަތަމަ ތާއީދު ލިބުނީއެވެ. ބިސްމީގެ އިސްމުފުޅުން ޓީ.ވީ ޕްރޮގްރާމްތައް ފެށުމުން އަހަރެންގެ މާމަގެ ތާއީދު މައުމޫނު ސަރުކާރަށް ލިބުނެވެ. ނާޞިރަކީ ”ނަގޫބަޅެއް” ކަން ދެއްކުމަށް ބާރުއެޅުމުން، އެ ގެރިޒުވާބުގެ އަޑުގަދަކޮޅަށް އިތުރު ތާއީދު ލިބުނެވެ. އެދުވަސްވަރު މާލެ ހަލަބޮލިކޮށްލި ރުޅީގެ މުޒާހިރާތަކުން ޢާއްމު ރައްޔިތުންގެ ހިތުގައި ނާސިރުގެ މައްޗަށް އެޖެއްސި ފިތުނަވެރިކަމެއްގެ ސަބަބުންނާއި، އަދި އޭގެފަހުން މުޅި ހިކިފިނިފެނަމާގޭ ޢާއިލާއާއި އަދިވެސް އޭރު މާލޭގެ ”ހަރުކުލައިގެ” މީހުންގެތެރެއިން އެތައްބައެއް ގަންހިންގުމުން ރައީސް މައުމޫނަށް ކިޔަންފެށި ތަޢާރަފުގެ ލަވަތައް ގިނަވިއެވެ. ޢާއްމު ރައްޔިތުން ވިސްނަންފެށި ގޮތުގައި އަދި އެބައި މީހުންނަށް ”ވިސްނަން މަޖްބޫރު” ކޮށްފައިވާ ޒާތުން، އެބައިމީހުން ދެކެންފެށީ ނުބައި ނަގާފައި ދެންއޮންނާނީ ރަގަޅުކަމަށެވެ. އަނދަމުންދާ ކޮންމެ ނާސިރުގެ ފޮޓޯއަކަށް، މައުމޫނުގެ ފޮޓޯގައި މާފަތިތައް ގިނަވިއެވެ. މިސަރުކާރަށް ލިބެމުންއައި ތާއީދު ބޮޑުވިއެވެ. އަދި ހަމަމިއާއެކު ދިވެހިންނަކީ ވަކިޒާތެއްގައި ހަޔާތްކުޑަ ބަޔަކަށްވުމަށް ޖާގަވެސް ދެވުނެވެ.

ދުނިޔެ ދައުރުވަމުންދަނީ ކަމުގައި ވަނީނަމަ، މައުމޫނުގެ ވެރިކަންވެސް ނިމޭނެއެވެ. އަޅުގަޑުމެންނަށް މުޅިންއައު ވެރިއެއްވެސް ލިބޭނެއެވެ. މިދައުރުގެ ޖަލުގެ އަނިޔާތަކުގެ ވާހަކަތަކާ ފައިސާއަށް ޚިޔާނަތްތެރި ވެފައިވާ މިންވަރުވެސް ހަގީގަތާއި ދުރަށް ނަމަވެސް ނުކުންނާނެއެވެ. އެހެނަސް ދައުރު ބަދަލުވުމުން މައުމޫނުގެ ފޮޓޯ އަންދަމުން، އާދަމް ޒާހިރު ގަންހިންގަމުން ދުވެގެންނުވާނެއެވެ. އަޅުގަޑުމެންގެ ވެރިންގެ ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުންކޮށްފައި ވަނީނަމަ، އެއީ މުޅިޖުމްލަ ދިވެހި ރައްޔިތުންގެ ކުށެކެވެ. ނާސިރު ސަރުކާރު ބަދަލުވުމުންވެސް ދެވަނަފަހަރަށް އެސަރުކާރުގެ އެނޭދެވޭ ޢަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް ނިޒާމަށް ގެންނަންވީ ބަދަލުތަކާމެދު އަޅުގަޑުމެންނަށް ވިސްނުނުނަމަ، މޮޅުއިތުރު ވެގެންވީސްކަން ކަށަވަރެވެ.

އިންސާނާ ދުނިޔެއަށް އައިސްފައި މިވަނީ، ގޯހަކުން ފެށިގެންނެވެ. އާދަމްގެ ފާނު، މާތް ރަސްކަލާނގެ އަމުރުފުޅަށް ނުކިޔަމަންތެރި ވެގެންނެވެ. ވުމާއިއެކު އިންސާނުންގެ ކިބައިގައި އުނިކަމެއް އެކުލެވިފައިވުން އެކަށީގެންވެއެވެ. ވިސްނާންވީ ނުހަމައިގައި ހިގާ ކަންތައްތަކާމެދުގައެވެ. އެއީ އެފަދަ ކަންތައްތައް އިސްލާހު ކުރުމުގެ ނިޔަތުގައެވެ. އަޅުގަޑުމެންގެ ބައެއް ވެރިންގެ ބަހަށްހެއްލި، ދެފުށަށް ކެނޑެމުން ފޮޓޯ އަންދަމުން ލަވަކިޔާ ލަނގިރި ޖަހަމުން ނުދުވާށެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް