ފަހުގެ ޚަބަރު


އިތުރަށް...

ލ. ފޮނަދޫއާއި ލ. ގަމުގައި މަސައްކަތްކުރާ ފުލުހުންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވައިފި

ލިޔުނީ: Unknown - Thursday, November 7, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ލ. ފޮނަދޫއާއި ލ. ގަމުގައި މަސައްކަތްކުރާ ފުލުހުންނާ ކޮމިޝަނަރ އޮފް ޕޮލިސް ބައްދަލުކުރައްވަނީ -- ފޮޓޯ: ޕޮލިސް މީޑިއާ
ރިޔާސީ އިންތިޚާބް ބޯމަތިވެފައިވަނިކޮށް ލ. ފޮނަދޫއާއި ގަމުގައި މަސައްކަތްކުރާ ފުލުހުންނާ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ބައްދަލުކުރައްވައިފި އެވެ.

ގަން ޕޮލިސް ސްޓޭޝަންގައި ރޭ ފުލުހުންނާއި ބައްދަލުކުރައްވައި މުޚާތަބުކުރައްވަމުން ކޮމިޝަނަރ  އޮފް ޕޮލިސް ވިދާޅުވީ ފުލުހުން މަސައްކަތްކުރުމުގައި އަބަދުވެސް އެންމެ އިސްކަމެއްދޭންޖެހޭނީ ޤައުމީ މަސްލަޙަތު ދެމެހެއްޓުމަށާއި ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ ހަމަހަމަކަން ޤާއިމް ކުރުމަށް ކަމަށެވެ.

އަދި ރާއްޖޭގެ މަސްރަޙުގައި ހަލަބޮލިކަން އުފެދުނު ނަމަވެސް ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަން ޤާއިމުވެފައި މި އޮތީ ދިވެހި ފުލުހުންގެ ބުރަ މަސައްކަތުން ކަމުގައިވެސް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް ވިދާޅުވިއެވެ.

ކޮމިޝަނަރގެ ވާހަކަފުޅުގައި މިމަހުގެ 9 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވެފައިވާ ތައްޔާރީތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން އިންތިޚާބުގެ ތެރޭގައިވެސް ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމުކުރުމަށް ހުރިހާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ކޮމިޝަނަރ ގޮވާލެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާހަކަފުޅުގައި މުޖުތަމަޢުގެ ތެރޭގައި ކުށްކުށަށް އަރައިގަންނަ ޒުވާނުން އިތުރުވަމުންދާތީ އެކަމަށް ފުލުހުން ސަމާލުވުމަށްވެސް އެދިވަޑައިގެންނެވިއެވެ. އެގޮތުން ކުށްކުށަށް އަރައި ގަތުމުގެ ފުރުޞަތު ބޮޑު ކަމަށް ބެލެވޭ ފަރާތްތަކާއި ފުރާވަރު ދެނެގަނެ އެފަދަ ކުދިންގެ ބެލެނިވެރިންނާއި ނުވަތަ ސްކޫލް ޓީޗަރުންނާ ވާހަކަދައްކައިގެން ދުރާލާ އެކުދިންނަށް ރަނގަޅު ގޮތެއް ހޯދައިދިނުމަށް ފުލުހުން މަސައްކަތްކޮށްދިނުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

ލ. އަތޮޅުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ ފުލުހުން ބައިވެރިވި މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ފުލުހުންގެ ހުނަރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރެއްވުމަށްވެސް ހުރިހާ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ފުލުހުންނަށް ތަޢުލީމާއި ތަމްރީނު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައްވެސް ހިއްސާކުރެއްވިއެވެ. އަދި ފުލުހުންގެ ސްޓާފް ވެލްފެއަރ ކޯޕަރޭޝަންގެ މަޢުލޫމާތުވެސް ފުލުހުންނާ ހިއްސާކުރެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤުއާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ނިޒާމް ބައިވެރިވެވަޑައިގެންނެވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް