ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވައިލި ނެޝަނަލް އިންކުއަރީ ކޮމިޝަން (ކޯނީ)ގެ އަށް ނަޝީދުގެ ފަރާތުން ކަނޑައެޅި މެންބަރު އަހްމަދު ސައީދު (ގަހާ ސައީދު) ކޮމިޝަންގެ މެންބަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ކޮމިޝަންގެ ރިޕޯޓް މާދަމާ ނެރުމަށް ތައްޔާރު ވެފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވިކަން ދެންމެ އިއުލާނުކުރެއްވީ ކޯނީގެ މަސައްކަތް ކުރިއަށް ގެންދާ މުލީއާގެ ކުރިމަތީ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. ސައީދު ވިދާޅުވީ ކޮމިޝަންގެ މެންބަރުކަން ހިލޭސާބަހަކޮށް ކޮށްދެއްވަން ނިންމެވީ ވެރިކަން ބަދަލުވުމުގައި ލޯމަތިން ފެނިގެން ދިޔަ ކަންކަމުގެ ހަގީގަތް ސާފުކޮށް، އިންސާފު ގާއިމުކުރެވޭނެ ކަމުގެ އުންމީދުގައި ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވީ އެ މަގްސަދު ހާސިލް ނުވުމުން ކަމަށް ވިދާޅުވި އެވެ.
ކޯނީގެ ޑްރާފްޓް ރިޕޯޓާ މެދު ހިތްހަމަޖެހިވަޑައިނުގެން ކުރިން ވާހަކަ ދެއްކެވި ސައީދު އިސްތިއުފާ ދެއްވަމުން ވިދާޅުވީ ކޯނީގެ ރިޕޯޓާ މެދު އެއްޗެއް ވިދާޅުވާން މިވަގުތު ބޭނުންފުޅު ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ މާދަމާ ރިޕޯޓް ނެރޭނެ ކަމަށާއި އޭގެ ފަހުން އެކަމާ ވާހަކަ ދެއްކިދާނެ ކަމަށެވެ.
ސައީދު ކުރިން ވިދާޅުވެފައި ވަނީ ކޯނީގެ ޑްރާފްޓް ރިޕޯޓް ތައްޔާރުކޮށްފައި ވަނީ ބައެއް ހެކިންގެ ބަސް ނުހިމަނައި، ހަގީގަތާ އިދިކޮޅަށް ކަމަށެވެ.
ސައީދު ކޯނީން އިސްތިއުފާ ދެއްވި އިރު ކުރީގެ ރައީސް ނަޝީދު ވަނީ ކޯނީން ބަޣާވާތެއް ކަމަށް ނުނިންމާނެ ކަމަށް ވިދާޅުވެފައެވެ.
No comments: