ފަހުގެ ޚަބަރު


އިތުރަށް...

ދިވެހިރާއްޖޭގެ ޘަޤާފަތާ އާދަކާދަ

ލިޔުނީ: Unknown - Saturday, April 27, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

ޢީދާއި ދިމާކޮށް އިހުގައި ކުޅެ އުޅުނު ކުޅިވަރެއް ކަމަށްވާ މަންޑި ކުޅެނީ - ފޮޓޯ: އަޠޫފް
ޤައުމެއްގެ ނުވަތަ މުޖުތަމައެއްގެ އަހުލުވެރިންގެ ދިރިއުޅުމާ އެޤައުމެއްގެ ޘަޤާފަތް މުއްސަނދިކޮށް ބެލެހެއްޓުމަށް ލާޒިމުކުރާ މަސައްކަތުގެ (ގެދޮރު އެޅުމާއި ދިރިއުޅުމުގެ މަސައްކަތްފަދަ) އިތުރަށް، އެޤައުމެއްގެ ނުވަތަ އެބައެއްގެ އަހުލުވެރިންގެ މެދުގައި ހުނަރުތަކާކާއި ފަންނުތަކެއް  (ފޯކްއާރޓްސް) އޮވެއެވެ. މިސާލެއްގެ ގޮތުގައި ދަންނަވަނީނަމަ ސީނުކަރައިގެ މީހުންގެ ތިނޯހުގެ މަސައްކަތެވެ. އެމެރިކާގެ ރަށެއްކަމަށްވާ އޮހައިޔޯގެ އަންހެނުން ވިޔެ އުޅޭ ކްއިލްޓް ވިޔުމެވެ. އިހުޒަމާނުގައި ދިވެހިރާއްޖޭގެ ގޭގެ އަށިތަކުގައި އެޅުމަށް ރާއްޖޭގައި ތުނޑުކުނަލާއި އަދި މިނޫން ބާވަތުގެ ކުނާވިޔުން ފަދަ ކަންކަމީ، ފަންނުގެ އާދަކާދަ (ފޯކްލޯރް) އެވެ. ހަމަ އެހެންމެ ދިވެހިން ރާއެރުމަށް ނާށިން ބަނދި ހެދުމާއި އެތުގައި ވަކިފާޑަކަށް މިބަނދި ހަރުކުރުން، ދިވެހި ލިބާސް ފެހުން (ލިބާސް ކަނޑާ، ބޯވަޅުގަތާ، އަތުކުރި އަޅާ) މީވެސް ފަންނުގެ އާދަކާދަ އެވެ. ވީމާ މިބާވަތުގެ ހުރިހާ އާދަކާދަޔަކީ އެއާދަކާދަ އޮންނަ ޤައުމެއްގެ ޤައުމިއްޔަތު ތަމްސީލުކޮށްދޭ ހުނަރުވެރިކަމާއި ފަންނުގެ (ފޯކްއާރޓްސް) ގެ އާދަކާދަ (ފޯކްލޯރް)އެވެ.

ޘަޤާފަތާއި، އާދަކާދައަކީ ޤައުމެއްގެ، މުޖުތަމައެއްގެ އަހުލުވެރިންގެ ދިރިއުޅުން ބިނާކުރުމުގައި ކޮށްއުޅޭ މަސައްކަތާއި ގެންގުޅޭ ހުނަރުވެރިކަމާ، އަދި އެބައެއްގެ މެދުގައި އޮންނަ ދީނީ، ޘަޤާފީ އަދި މަދަނީ އާދަކާދަޔާ ބެހޭ ގޮތުން ދޫދޫމަތިން ނުރަސްމީ ގޮތުގައި ވާރުތަވަމުން އަންނަ ނުރަސްމީ މަޢުލޫމާތެވެ.

ދިވެހީންގެ މެދުގައި މިހާތަނަށް މިއޮތް ޘަޤާފަތާއި، އާދަކާދައަކީ އޭގެ އިހަށްއޮތް އިންތައް ގިރާކޮށް މާތަނަވަސް ދާއިރާއަކަށް މިއިލްމު ފެތުރި އަދި ބައިބަޔަށް ބެހިފައި އޮންނަންވާނެ އެއްޗެއްކަމަށް ދުނިޔެ ޤަބޫލުކުރާ ފޯކްލޯރު ޢިލްމު ބުނެއެވެ. މިތިއަރީއަށް ތާއީދުކޮށް ދިވެހި އާދަކާދަ އެއްކޮށް ދިރާސާކޮށް މިއިލްމު ކުރިއަށް ގެންދިޔުމަކީ، ދިވެހި ޘަޤާފަތަށް އުތުރު ދިރުމަކާއި މުއްސަނދިކަމެއް ގެނުވޭނެ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މިކަންކަމަކީ ދެކުނު އޭޝިއާގެ ޤައުމުތަކުގައިވެސް ހަމަ މޮގޮތަށް ކުރިއެރުވިފައިވާ ކަންކަމެވެ. އެތަންތަނުގައިވެސް މިއިލްމު ޖީލުން ޖީލަށް ވާރުތަވަމުން އައިކަން އެޤައުމުތަކުގެ ޘަޤާފަތާބެހޭ ލިޔުންތަކާ ދިރާސާތަކުން ދައްކައެވެ.
ދިވެހިންނާ ބެހޭ މިބާވަތުގެ އާދަކާދަ އާއި ދިރިއުޅުމާ ހުރި ބަދަހި ގުޅުން ހާމަކޮށް ދިނުމަށް ދިވެހީންގެ އާދަކާދަ އާއި ޘަޤާފަތް އެކުލަވާލީއިރު އެކިއެކި ބައިބަޔަށް ބަހާލާފައިވާނެއެވެ. މިސާލެއްގެ ގޮތުގައި އިހުޒާމާނުން މިޒަމާނަށް އައިއިރުގައި، ދިނީ ކަންކަމާއި ގުޅުވައިގެން އާދަކާދައިގެ ގޮތުގައި ކުރަމުން އައި ބައެއްކަންކަމެވެ. ދިވެހީންގެ ދިރިއުޅުން ބިނާކުރުމުގައި ކޮށްއުޅުނު މަސައްކަތާބެހޭ ގޮތުން ހިފަހައްޓަމުންއައި އާދަކާދައެވެ. ދިވެހިންގެ އަދަބިއްޔާތުގައި އެކުލެވިފައިވާ ވާހަކަތަކާއި އަދި ޅެންބަހުރުވައިގެ ބައިތަކެވެ. އިޢުތިޤާދާ ގުޅިފައިހުންނަ ކަންކަމުގެ ފުލޯކު ވާހަކަތަކެވެ. އަންނަނިވި ޞަފްހާތަކުގައި އެވަނީ ދިވެހިން އާދަކާދައާއި ޘަޤާފަތުގެ ތެރެގައި ހިމެނޭ ބައެއްކަންކަމެވެ.

1. ދީނީކަންކަމާ ގުޅުވައިގެން ފާހަގަ ކުރަމުން އައި ބައެއް އާދަކާދަ އާއި ޘަޤާފަތް
މިހާތަނަށް ލިޔެފައިވާ ދިވެހީންގެ ތާރީޚުން އެނގެނީ އިހުޒަމާނުގައި ދިވެހިންނަކީ ހިންދުކަނޑުގެ ބޮޑެތި ޤައުމުތަކުގެ އަހުލުވެރިން ޤަބޫލުކޮށް އުޅުނު ދީންތަކަށް ތަބަޢަވަމުން އައި ބައެއްކަމެވެ. މިދީންތަކުގައި ކަނޑައެޅިގެން ބުޑިސްޓު ދީން ފާހަގަ ކުރެވެއެވެ. އަދި މިހާތަނަށް ކޮށްފައިވާ އާކިއޮލޮޖިކަލް މަސައްކަތުގެ ނަތީޖާއިން މިކަށް ސާބިތު ކޮށްދެއެވެ. ދިވެހީން އިސްލާމްދީން ޤަބުލުކުރުމަށްފަހު ދީނުގެ އާދަކާދައާއި ޡަޤާފަތް އިސްލާމީ ޡަޤާފަތަކަށް ބަދަލު ކުރުމަށް ވަނީ މަސައްކަތްކޮށްފައެވެ. ވީމާ މިހާރު މިއޮތްދިނީ ކަންކަމާ ގުޅިފައިވާ އާދަކާދަތަކަކީ، ކުރީޒަމާނުގެ ދިވެހިއާދަކާދަ އާއި ފަހުން ބަދަލު ގެނެވުނު އިސްލާމީ އާދަކާދައާ ގުޅިލާމެހިފައިވާ އާދަކާދަތަކެކެވެ. އަދި މީގެ އިތުރުން ޢަރަބީންނާ ފާރިސީންނާ، އިންޑޮނޭޝިއާގެ އަހުލުވެރީން ފަދަ މީހުންނާ، އަދި އިންޑިޔާ ކަނޑުގައި ވިޔަފާރީގެ ދަތުރުފަތުރުކުރި މީހުންނާ ދިވެހީން ގުޅިފައިވާތީ، އެތަންތަނުގެ އަހުލުވެރިންގެ ޡަޤާފަތުގެ އަސަރުވެސް ދިވެހީންގެ މެދުގައި ފެތުރި، އާއްމުވެ، މިހާރު ދިވެހި ޡަޤާފަތުގެ ބަޔަކަށްވެ، މި ކަންކަން އޮންނަނީ ދިވެހީންގެ ޙަޔާތާ ވަރަށް ބަދަހިކޮށް ގުޅިފައެވެ. މިގޮތުގެ މަތިން މީހުން ބަލިވެއުޅޭއިރު ނުވަތަ މުސީބާތެއް ކުރިމަތިވާ ހިނދު ނަދުރު ބުނުމަކީ ދީނާ ގުޅިފައިވާ އާދަކާދައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ދޮންކެޔޮ، ކަނދި، ފޮޅި ފަދަ ތަކެތިން ފަޤީރުންނަށް ޞަދަޤާތް ކުރުމުންވެސް އެނަދުރުގެ ކަންތައްތައް ނިމިގެންދެއެވެ. އަދި މިކަހަލަ ނަދުރު ފުއްދުމުގެ ގޮތުން، މިސްކިތެއްގައި ނުވަތަ ޒިޔާރަތެއްގެ ކައިރީގައި ޞަލަވާތް ފާތިޙާ ކިޔެވުންވެސް އޮވެއެވެ. އެތަނެއް ކުނިކަހައި ދުންބުރުވައި ދިދަޖެހުން ފަދަ ކަންކަން އެއީ އެވޭލާގައި ދީނީ އަޤީދާއާއި ގުޅިގެން ކުރާކަންކަމެވެ. ރޯދި ބަރަކާތާއި، މުސީބާތާއި، ބަލިމަޑުކަމާއި، ދަތުރުފަތުރުގެ ނުރައްކަލުން ސަލާމަތްވެ ތިބުމުގެ ފައިދާއަށްޓަކައި އަތުމުލައްދަނޑީގައި، އަދި އުނަގނޑާއި ކަރުގައި ތަވީދާއި ތަވީދުބަޑި އެޅުމާއި ހުކުރު ހޯމަ ވިލޭރޭ ގޭގޭގައި ޞަލާވަތް ފާތިޙާ ކިޔެވުމާއި ވަލީވެރިންނަށް،  ޚާއްޞަކޮށް ތަބުރޭޒުގެފާނަށާއި އަދި އުތީމު ރަދުންނާއި، ދޮންބަންޑާރައިންފަދަ ބަޠަލުންނަށް ފާތިޙާ ކިޔުންފަދަ ކަންތައް އާއްމު ފެންވަރުގައްޔާއި ރަށު ފެންވަރުގައްޔާއި އަދި ރަސްމީ ފެންވަރުގައި ކޮށްއުޅުނެވެ. މިއީ ދީނީ ޘަޤާފީ އާދަކާދައިގެ ގޮތުގައި އިހަށްއޮތް ކަންކަމެވެ. މިހާރު މިބާވަތުގެ ވަރަށް ގިނަ އާދަކާދަތައް އުވިގެން ހިނގައްޖެމެއެވެ. މިސާލަކަށް ބޮޑު މަޢުލޫދު ކިޔުމެވެ. ތިރީގައި ބަޔާންކޮށްފައި އެވަނީ މިކަމާ ގުޅިގެން ފާހަގަކޮށްލެވޭ އެއްމިސާލެވެ.

ބޮޑުމަޢުލޫދު ކިޔުން  
        ބޮޑުމަޢުލޫދު ކިޔަނީ ރަށަކަށް މަސްބޭނި، ރަށް ތިޔާގިވުމާ ގުޅިގެންނެވެ. މިކަން ކުރުމަށް ގަސްދުކޮށް، ފައިސާއާއި ތަކެތި ހޯދާ ރަށް ތިޔާގިވާ އަހަރެއްގެ ޙައްޖުމަހާ ގުޅުވައިގެން މަޢުލޫދު ކިޔުމުގެ ދުވަސް ކަނޑައަޅައެވެ. މަޢުލޫދު ކިޔުމަށް ކަނޑައެޅިފައިވާ ތާރީޚުގެ ހަތަރު ފަސް މަސްދުވަސް ކުރިން ރަށުގެ ގޯތިގެދޮރުގެ އާބާތުރަ ފިލުވައި ރަށުތެރެ ސާފުކޮށް ޒީނަތްތެރިކޮށް ވެޔޮވަޅު ދިޔަހިއްކައެވެ. ރަށުތެރެއަށް ދޮންވެލިލައި މެހެމާނުން ތިބުމަށް ގޯތިތެރޭގައި އިތުރު ތަންތަން ހަދައެވެ. ކާބޯ ތަކެތީގެ ފެންވަރު ރަނގަޅު ބާވައްތައް އެއްކުރެއެވެ.

        މަޢުލޫދު ދުވަހުގެ ތިން ހަތަރު ދުވަސް ކުރިން، ކައިރި ރަށްރަށުގައި ތިބޭ ރައްޓެހިން އެހީވުމަށް އާދެއެވެ. މަޢުލޫދަށް ދަޢުވަތު ދެވެނީ އެންމެ ކައިރީގައި ހުންނަ ރަށްރަށުގެ މީހުންނަށާއި އެރަށަކާ އެންމެބޮޑަށް ގުޅޭ ރަށްރަށުގެ މީހުންނަށެވެ.  ދަޢުވަތު ލިބުނު މީހުން ރަށަށް އައިސް ހަމަވީމާ އެރޭގެ އިޝާ ނަމާދަށްފަހު މަޢުލޫދު ފެށްޓުމަށް ހަރުގެއަށް އެމީހުންނަށް ކިޔައެވެ. އޭރު މަޢުލޫދު ހަރުގެ ހުންނާނީ ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައެވެ. މެހެމާނުން އައިސް ހަމަވީމާ އެހަރުގޭގައި ''އަރާކޭން'' (ފަށާކޭން) ފަށައެވެ.
        މަޢުލޫދު ކިޔާމީހުންގެ ކެއުން ބެހިފައި އޮންނަނީ ފަސް ވަގުތަކަށެވެ. އާދަކާދައިގެ ގޮތުގައި މިކެއުމަށް ކިޔަނީ '' ކޭން '' މިހެންނެވެ. އެއީ ފަށާކޭމަށްފަހު ކޮންމެ ދުވަހަކު ހެނދުނު އޮންނަ '' އަވެލިކޭން '' މެންދުރުގެ ބަތާ ރިހަޔާ ރޮށިފަދަ ތަކެތީގެ '' މެންދުރު ކޭން '' ދެން ހަވީރު އަނެއްކާވެސް އަވެލި މޮޑުން ނުވަތަ ދިވެހި ހެދިކާ ( އުޅާލި، އޮޅުންސުވާލި ) ފަދަ ތަކެއްޗާއި ސައެވެ. '' ރޭގަނޑުގެ ކޭން '' (ހުއްޓާކޭން) މިއެވެ. މަޢުލޫދު ނިމިގެން މެހެމާނުން ފުރާއިރު ދަޢުވަތު ދިން ފަރާތުން މެހެމާނުންނަށް ހަދިޔާ ބަދިޔާ ދެއެވެ. މިއީ ރާއްޖެ އިސްލާމުވުމަށްފަހު މީހުންއުޅޭ ހުރިހައި ރަށެއްގައިހެން ދީނީ އަދި ޘަޤާފީ އާދައެއްގެ ގޮތުގައި ކުރަމުން އައިކަމެކެވެ.
މިފަދަ ކަންކަމަކީ މިހާރު ފާހަގަކޮށް އުޅޭ ކަންކަމެއް ނޫނެވެ. މިފަދަ ދީނީ ކަންކަން ނެތެމުން ފޮހެވެމުން ދިޔުމުގެ ނަތިޖާއަކަށް ވެފައިމިވަނީ ކުޑަކުދިންނާއި ޒުވާނުންނުންގެ އުޅުން ބަދަލުވެ ހުޅަނގުގެ ތަހުޒީބު މިރާއްޖޭގައި ތަރައްޤީވެ ދީނީ އަދި ޘަޤާފީ ކަންކަމާމެދު ކުޑަކޮށްވެސް ޒުވާންނުންގެ ހިތުގައި ޝައުޤުވެރިކަމެއް ނެތުމެވެ.

2. ޤައުމީ ދިފާޢުގެ ކަންކަމާ ގުޅުވައިގެން ފާހަގަ ކުރަމުން އައި ބައެއް އާދަކާދަ އާއި ޘަޤާފަތް
ބެރުގެ ދުޝްމަނުން ދިވެހިރާއްޖެއާއި ހަނގުރާމަޔަށް ކަނޑުމަގުން އަންނަ އައުމަށް ދިފާޢީގޮތުން މާލެ ތައްޔާރުވެ އޮތުމަށްކުރާ ތައްޔާރީއަށް ރާވާ ކަންތައްތައް ފަށައިގަތުމުގެ ރަސްމިޔާތަށް '' ބަޑިހެލުން '' ކިޔައެވެ. މިއީ ކޮންމެ އަހަރެއްގެ މުލަނަކަތުން ތިންވަނަ ދުވަހު މާލޭގައި ބައްވާ ޚާއްޞަ ރަސްމިއްޔާތެކެވެ. ބަޑިހެލުން ފެށުނު ޒަމާނެއް އަދި ދިރާސާކޮށް ހޯދިފައެއްނެތެވެ. އިރުވައިމޫސުމުގެ ފެށުން އިޢުލާނުކުރާ މި ޘަޤާފީ ތާވަލުގައި ވާގޮތަށް، ބަޑިހެލުމުގެ ރަސްމިޔާތުގެ ވާހަކަ އެއިރެއްގައި ތަޚިތުގައި އިންނަވާ ރަސްކަލެއްގެ އަރިހުގާ ''ދޮށިމޭނާ'' ބޭކަލަކު ދަންނަވަނީއެވެ. އެއަށްފަހު އެޒަމަނުގައި މިބާވަތުގެ ކަންކަމުގައި އިސްނަންގަވަން ތިއްބަވާ ދައުލަތުގެ ބޮޑުން ''ދެގެދޭތެރޭ'' ސަރުދާރަކުފަދަ ބޭކަލަކު މެދުވެރިކުރައްވައި، ބެރުދުންމާރި ތާޅަފިލިވެރިން ތައްޔާރުކުރައްވައެވެ. އެއަށްފަހު ބަޑިހެލުމަށް ރަނގަޅު ވަޤުތެއް ހޯދައެވެ. މިކަމަށްކިޔަނީ އިރުވައި ބެލުމެވެ. އިރުވައި ބެލުމަށްފަހު، ބޮޑުން ފަނޑިޔާރު ބޭކަލަކާ އޮގަރު ކަނޑިކޮޅު ހިފާމީހާ ބަލަފޮނުވައެވެ. ދެން ބޮޑުގަނޑުވަރު ކުރިމަތިން އުތުރަށްގޮސް އެންމެ ގޮނޑޮދޮށުގައި ހުންނަ ''ދަތުރަށް އަރައިވަޑައިގަންނަވާ ދޮރޯށިން'' ފެށިގެން ގަނޑުވަރާ ހަމަޔަށް ކުނާއަޅާ ރަދުން އިށީނދެވަޑައުގަތުމަށް މިދޮރޯށި ކުރިމަތީގައި ޚާއްޞަ ގޮނޑިކޮޅެއް ބަހައްޓައެވެ. ދެން ވަގުތު އައިސްޖެހޭއިރަށް ''ބަލާހިނގާބޭކަލުން'' ގެ ނަމުގައި ތިއްބަވާ ބޭކަލުން ބަލާފޮނުއްވަވައި، އެބޭކަލުންގެ ޙާޟިރުގައި، ރަދުން އެރަސްމިއްޔާތު ހިނގާތަނަށް ވަޑައިގަންނަވައި ގޮނޑިކޮޅުގައި އިށީދެވަޑައިގަންނަވައެވެ. އެއިރު ދޮރޯށީގެ ވައަތްފަރާތުގައި ކަނޑާދިމާއަށް މިސްރާބުވާގޮތަށް ބޮޑުބަޑިއެއް އެއަށް ޚާއްޞަ ހަރުމަތީގައި ބާއްވާފައި އޮވެއެވެ. އިރުވައިޖެހުމާއެކު ފަނޑިޔާރު ބެކަލަކު އިސްވެ ޞަލަވާތް، ފާތިޙާ ކިޔުއްވައެވެ. ދެން މާބަނޑޭރި ބޭކަލަކު ނުވަތަ ''ފުރަކަސްވަޑުނަ'' ތަޅާހިމުންކޮށްފައި ހުންނަ ގޮމަކަސްތޫރި ބީމަހިމަ ދުންކިބަލަކަށް އަޅައިގެން ބަޑީގެ ވަށައިގެން ދުންބުރުވައެވެ. ދެން މިބަޑިޖަހާމީހުން ބަޑިއަށް ބަޑިބޭސްއަޅައި ބަޑި ޖަހައެވެ. މިކަމަށްކިޔަނީ ''ފޮލިސާ ރޯކޮށް ފުއްވަޅުން ހުޅުވުމެވެ.'' ބަޑިޖެހީމާ، ބެރުދުންމާރީގައި އެދައުރެއްގެ ޤައުމީސަލާމް ޖަހައެވެ. އެއަށްފަހު އެތާ ހުންނަވައިގެން ފަނޑިޔާރު ބޭކަލަކު ދުޢާ ކިޔުއްވައެވެ. ދެން ދޮށިމޭނާތަކުރާއެކު ރަށްވަށާލައްވައި ވަޑައިގެން މައިތޮށިން ތިން ގާކޮޅު ނަންގަވައި އިރުމައްޗާއި އުތުރުބެދުނު ކަނަށް ތިން ދުނބުރި ޖަހައި އޭގެ ކައިރިން، މައިތޮށްޓަށް އެތިން ގައުކޮޅު އެއްލަވައެވެ. އެއަށްފަހު އަލުން ފަނޑިޔާރު އިސްވެ ހުންނަވައިގެން ދުޢާ އާއި ޞަލަވާތް ކިޔުއްވައެވެ. މިހިސާބުން ރަސްމިއްޔާތު ނިމުނީއެވެ.

ބަޑިހެލުމުގެ ރަސްމިއްޔާތު ނިމުމަށްފަހު، އިރުވައި މޫސުން ފެށިއްޖެކަން އަންގައިދިނުމުގެ ގޮތުން ''އިރުވައި ކޮލި'' ލައެވެ. އިރުވައި ކޮލި ލުމަށްޓަކައި މާބަނޑޭރި ބޭކަލަކާއި ކޮލިކަލޭގެއާއި، ދެކަލުން ރަސްމީ ހެދުމުގައި ކޮލިލުމަށް، ކޮލިހިނގާ މަގަށް ނުކުންނަވައި ކޮލިލައްވަނީއެވެ. މިކޮލިލުމުގައި ހަރުއަޑުން ކިޔަނީ ދެބަނޑޮސް ދޭތެރެން އުޅަނދެއް ނުވަނުމަށާއި، ބޭރު ބޮޑުފާރު ދޮވެ ނޮޅައި، ކޮށުމާއި، ބުރުޒުތައް ބަޑިފަންޖަހައި ހަތިޔާރުލައި ތައްޔަރުކުރުމަށެވެ. އަދި ބުރުޒު ބަނޑެރިންނާއި ހަނގުންނާއި އުޅަނދުމަތީ މީހުން ދަމަށް ފޯރިމަރަން ތިބުމަށެވެ. މިމޭރުމުން ރަދުންގެ ބަސްފުޅު އިޢުލާނު ކުރުމަށްފަހު، ކޮލިފަތްތޫރައިގެ އަމުރަށް ކޮލިކަލޭގެ ހަރުއަޑުން ކިޔުމަށްފަހު، އިރުވައި މޫސުން ދާންދެން މިއަމުރު މަޢުރޫފު ހިނގައެވެ، ދިވެހިރާއްޖެއާ ޙަމަލާދިނުމަށް ބަޔަކު އާދޭތޯ، ކޮލީގައި އަންގަވާފައިވާ ގޮތުގެ މަތިން މީހުންފާރަލާން ތިބެއެވެ.

3. މަސައްކަތްތެރިކަމާ ގުޅުވައިގެން ފާހަގަ ކުރަމުން އައި ބައެއް އާދަކާދަ އާއި ޘަޤާފަތް
ދިވެހިންގެ މަސައްކަތްތެރިކަމަށް ބަދަލު އައިސްފައިވަނީ 19 ވަނަ ޤަރުނުގެ ފަހުގައިކަން ( ޔޫރަޕަށް ސިނާޢީ އިންޤިލާބު އައުމުގެ ފަހުން) ފާހަގަ ކުރެވެއެވެ. ނަމަވެސް އެޒަމާނުގެ ކުރިންވެސް ދިވެހިންނަކީ ފުދުންތެރި ބައެއްކަން ސާބިތު ކޮށްދީފައިވެއެވެ. އަދި އެޒަމާނަކު ދިރިއުޅުމަށް ބޭނުންވާ ކަންތައް އެޒަމާނެއްގެ ފާޑަށް ކުރަމުން ގެންދިޔައެވެ. މިސާލަކަށް ދިވެހިން އަމިލަޔަށް ކަފަހައްދައި ، ކަފަކޮށައި، ފޭރާން ވިޔެގެން، ފޮށާ އަނދެއުޅުނެވެ. އަދި އަންހެނުންގެ ލިބާހާއި ފޭލިވެސް ވިޔެއުޅުނެވެ. ރާއްޖެއިން ލިބޭ ރުކުވަކަރުންނާއި ގަލާއި އުވައިން ގެދޮރުއަޅައި އުޅުނެވެ. އެޒަމާނުގައި ބިތްގަތައި އުޅުނީ ހިމަދުނބުރި ދަނޑިންނެވެ. ބިތުގައި ޖަހަނީ ސަޓާއާއި ބިތްފަނެވެ. ފުރާޅު ހިޔާކުރަނީ ފަނާއި ތޮށަލިންނެވެ.

ދިވެހިންނަކީ ކުރީޒަމާނުގައި ދުނިޔޭގެ އެހެނިހެން ތަންތަނާ އިޤްތިޞާދީ ރޮނގުން ވަރަށް ކުޑަކޮށް ގުޅުންހުރި ބަޔަކަށްވިޔަސް ދިވެހިންގެ މިޒާޖުގައި އަމިއްލަ ވަންތަކަށް އެއިރުވެސް ހުންނާތީ، އެބައިމީހުންގެ ފުއްދުންތެރިކަމާއެކު ދިރިއުޅުން ކުރިއަށް ގެންގޮސްފައިވެއެވެ. ވުމާއެކު ދިވެހިންގެ އެންމެ މުހިއްމު އިސް މަސައްކަތަކަށް ވެފައިވަނީ މަސްވެރިކަމާއި ދަނޑުވެރިކަމެވެ. މިދެކަންތަކުގައި އަމިއްލަ ގޮތްތަކަކާއި ފާޑުވެރިކަށް އެކުލަވައިލައިފައިވެއެވެ.

މަސްވެރިކަމުގެ މަސައްކަތް ބަހާފައި އޮތްގޮތާ، މަސްވެރިކަމުގެ ތަފާތު ބާވަތްތަކެއް އޮތުމާ، މަހަށްދާ ގޮތްތަކަށް ތަފާތު ނަންދީ މަސްބައިގެން އައުމަށްފަހު، ''މަސްބެހުން'' ''މަސްކައްކައި ދިލަޖެއްސުން'' '' މަސްހިއްކުން'' ފަދަ ކަންކަންވެސް މިކަމުގައި ހިމެނެއެވެ.
ހަމައެހެންމެ ދަނޑުވެރިކަމުގެ މަސައްކަތުގެ ދައުރުތަކަށް ދިވެހީން ތަފާތު ނަންކިޔައި މިކަންކަން ވަކިކުރުން އޮވެއެވެ. ދަނޑުވެރިކަމުގެ އިތުރުށް، ރާއެރުމާއި އެކަމާބެހޭ މަސައްކަތުގައި ގެންގުޅޭ ތަކެއްޗާއި، ރާކައްކާ ގޮތާއި، ހަކުރު އުފެއްދުމުގެ ތަފާތު މަސައްކަތަށް ވަކި ނަންތަކެއް ދިވެހިބަހުން ދީފައި ހުރެއެވެ. ދިވެހިންނަކީ ފުދުންތެރި ބަޔަކަށްވެވޭތޯ އެވޭލާ ޒަމާނުންސުރެ މަސައްކަތް ކުރަމުންއައި ބަޔަކަށްވީތީވެ، ދިވެހި ރުކުން ލިބޭ ކޮންމެ އެއްޗެއް ހުނަރުވެރިކަމާއެކު ބެނުންކުރަމުން އައެވެ. މީގެތެރޭގައި ބޮނބި ތަޅައިގެން ރޯނުވެށުމާއި، ފަންގިވިނުމާއި، ވަށި، މުޅޯށި، މުޅި، ގޮނުވިޔުމާއި ޘަޤާފީ ކުޅިވަރުގައި ބޭނުންކުރާ ބޮޑުމަހާއި މުކައްބައާއި ރުކުފަނުން ހަދާ ހިފައިގެންގުޅޭ މިނޫން ތަކެތިވެސް ހިމެނެއެވެ.

ދިވެހިންގެ މަސައްކަތުގައި ދެންހިމެނިފައި އޮތް ވަޑާމުގެ މަސައްކަތުގެ ބާވައްތަކެއް ވަކިވަކިން އޮވެއެވެ. އޮޑިދޯނިފަހަރު ބަނުން މިއީޗެސް ވަޑާމުގެ ވަރަށް މުހިއްމު އެއްމަސައްކަތެވެ. ލަކުޑިގެ ވަޑާމުގެ އިތުރަށް ގަލުގެ މަސައްކަތްހިމެނެއެވެ.
މިކަންކަމުގެ އިތުރަށް މަސައްކަތު ލިސްޓުގައި ކަނބުރުވެރިކަމާއި، ތިލެރުކަމާއި، ލިޔެލާޖެހުން ހިމެނެއެވެ. ފޭރާންވިޔުމާއި، ކިނާރީވިޔުން، ކުނާވިޔުމާއި ސާންތިވިޔުން، ދިވެހިލިބާސް ފެހުން އަދި ބޯވަޅު ގެތުމާއި ބޯވަޅުއެޅުން މިހުންނަނީ ދިވެހިންގެ ފަންނުވެރިކަން ދައްކައިދޭ މަސައްކަތެވެ.

ދިވެހިންގެ މަސައްކަތުގައި މިކަންކަމުގެ އިތުރަށް ކަހަނބުފަތާއި ބޮއްޔާއި އަދި އެންދެރީގެ މަސައްކަތް ހިމެނެއެވެ. ދިރިއުޅުމަށް ބޭނުންވާ ކުދިބޮޑި ހަތިޔާރު ( ކޯރާޑި، ފުރޯ، މަސްވަޅި، ފިޔޮހި ފަދަ ތަކެތި) ތޫނުކުރުމަށް ދިވެހިން އަމިއްލަޔަށް ހަނު އުފެއްދިއެވެ. މިޒަމާނުގެ ޓެކްނޮލޮޖީގެ ހޭލުންތެރިކަމާއެކު މިހާރު މިނޫން އެތައް މަސައްކަތެއް ދިވެހިން ދަސްކޮށް، މިމަސައްކަތް ކުރަމުން އެބަގެންދެއެވެ. މިކަންކަމުގައިވެސް ''ދިވެހިގޮތް'' ތަޢާރަފު ވެއްޖެނަމަ މިކަންކަމަށްވެސް ދިވެހި އާދަކާދަގައި ހިމެނޭ މަސައްކަތުގެ ބައިގައި އެކުލެވިގެންގޮސް އިހުޒަމާނުގައި ކުރަމުންއައި މަސައްކަތް ދޫދޫމަތިން ވާރުތަވީހެން އަންނަނިވި ޖީލަށް ވާރުތަވެ، އަދި ފަހުން ލިޔުންތަކެއްގެ ސިފައިގައި ހިމެނިގެންދާނީ ދިވެހީންގެ އާދަކާދައިގެ ބަޔަށެވެ.

އިހުޒަމާނުގައި ދިވެހިން ގެދޮރު އަޅާ އުޅުމުގެ ތާރީޚަށް ބަލާއިރު، ދިވެހިންނާ ބެހޭ ގޮތުން ކުރީގައި ރާއްޖެ އައިސް އުޅުނު ބޭރުމީހުންގެ ލިޔުންތަކުން، އެވޭލާގައި މަސައްކަތްކޮށްފައިވާ ގޮތް ހަމަވެއެވެ. 744ހ. ވަނަ އަހަރު މާލެ ދުރުވި މަޣުރިބު ކަރައިގެ ދަތުރުވެރިޔާ އިބްނު ބަތޫތާ ދިވެހިން އަޅައި ގެޔާމެދު ލިޔުއްވާފައި ވެއެވެ. '' އެމީހުން ގޯތިގެދޮރު ބިނާކޮށް އުޅުނީ ވަކަރުންނެވެ. ރާއްޖޭގެ ބިމުގެ މަޑުކަމާއި ތެއްކަމުން ގޭގެގެ ތަޅުންގަނޑު އޮންނަނީ ބިމުގެ ތެއްކަން ނުލިބޭ ވަރަށް އުސްކޮށްފައެވެ. އެމީހުން ގެއަޅާ ވައްތަރަކީ ދެމުސް ތިންމުށުގެ ދިގުމިނުގެ ބޮޑުމިނަށް ފިވެހިރާއްޖޭގެ ފަޅުފަޅުން ނަގާ ގައު ކޮށައިގެން ގެއަޅާނެ ބޮޑުމިނުގައި ވަށައިގެން ބިމުގައި އެގައު ދެބައިން ބައި ވަޅުލައި ބަހައްޓައިގެން އޭގެ މަތީގައި ވަކަރުއަޅައި އެވަކަރު މަތީގައި އެއްޗެހި ކޮޅަށް ޖަހާފައި ބޮތް ގަތައިގެންނެވެ. މިގޮތުން ގެދޮރު އެޅުމުގައި އަޖައިބުވަފަދަ ކުޅަދާނަކަމާއި މަސައްކަތް ތެރިކަން އެބައިމީހުންނަށް ލިބިފައިވެއެވެ.''

ދިވެހިން ގެދޮރު ބިނާކުރުމަށް ގެއަޅާއުޅުނު ގޮތުގެ ތަފްޞީލު އިބްނު ބަތޫތާގެ ބަސްތަކުން މިހާރުވެސް ތަޞައްވުރު ކުރެވެއެވެ. އަދި ގެ އެޅުމުގައި އިބްނު ބަތޫތާ ބުނުއްވާފައިވާ ގޮތްތަކުގައި އެވޭލާއިން މިވޭލާއަށް، އައިރުވެސް ދިވެހިން މިކަމަށް ބަދަލު ނުގެނެސް ހުރި ބައެއް ކަންތައްތަކެއް އެބަހުއްޓެވެ. އެއީ ބިންގާ އެޅުމެވެ. ގާފޮޅު ރޭނުމެވެ.

އިހުޒަމާނުގައި މިގާފޮޅު މަތީގައި ''ބިންވަކަރު'' އަޅައެވެ. މިވަކަރުމަތީ މެއްލަ ޖަހައެވެ. މެއްލައަކީ މަތިވަޑާންގަނޑު ހިފެހެއްޓުމަށްޓަކައި ގައުފޮޅުމަތީގައި ނުވަތަ ގައުފޮޅުގައި ވަކަރުން އިންދާފައި ހުންނަ ވަކަރެވެ. ( ގެ އަޅާއިރު މަތީ ވަޑާންގަނޑު ބެހެއްޓުމަށް ރާނާފައި ހުންނަ ފާރުމަތީގައި ބާއްވާފައި އޮންނަ ފަތިވަކަރު މަތީގައި ހަރުކުރާ، އެއްމިނަކަށް ބުރިކޮށްފައި ހުންނަ ކުރު ވަކަރުބުރި ތަކެކެވެ.) ކަތިކަނި މެއްލަ މަތީ ޖެހުމަށްފަހު އަރިވަކަރު އަޅައި ރޯނުން އައްސައެވެ. އދި މިވަކަރު މައްޗަށް ހުރްސްވަކަރު އަޅައެވެ. ހުރަސް ވަކަރުގެ މެދުގައި ވަސްކަނި ޖަހައި އޭގެމަތީގައި ގޭގެ ދިގުމިނަށް ވާގޮތަށް ވަސްވަކަރު އަޅައި އެމައްޗަށް ފައިދޮށް ހަރުކުރެއެވެ. ފައިދޮށްމަތީ ފުރާޅަށް ބޭނުން ކުރުމަށް ވިޔެފައި ހުންނަ ފަނުން ފަންގިފިލާ ލައެވެ. އެނދާއި އަށިމަތީގައި އަޅަނީ ކުނަލެވެ. ސާންތިވެސް ބޭނުން ކުރެއެވެ. ކުޑައަށިމަތީގައި ހުރަސްކުނާ އަޅައި ކަންނޭލާ ބަލީސް ބާއްވާފައި އޮވެއެވެ. ކުޑައަށި ކައިރީގައި ކުޑަ އަދަރާދަ ގޮޑިއެއްބަހައްޓާފައި ހުރެއެވެ. ކުޑައަށިގެ ސައިޒަށް އަދި ކުޑައަށްޓާ ގުޅޭ ގޮތަށް ހުންނަ މިގޮނޑިގެ ދަށުގައި ސިލުނބު ބަންޑުން ޖަހާފައި އޮވެއެވެ. މިއީ ގޭގެ ވެރިމީހާއަށް ޚާއްސަ ތަނެވެ. ގެއަށް އަންނަ ޚާއްސަ މެހެމާނުން އިށިންނަނީ ކުޑައަށީގައެވެ. ބޮޑުއަށި ބޭނުން ކުރަނީ ގޭ ކުދިންނާއި ފިރިހެނުންނެވެ.

އެވޭލާ ޒަމާނުގައި ގޭގެ ވަށައިގެން ފުޅައް އަޅައި ފުޅަލިލައެއް ނަހަދައެވެ. ނަމަވެސް ފަހަކަށް އައިސް ގެވަށައިގެން ފުޅައް އަޅައި ފުޅަލިލާ ހެދިއެވެ. ފުޅަށް އަޅަންފެށި 20 ވަނަ ޤަރުނުގެ ކުރީ ކޮޅުގައެވެ. އެދައުރުން ފެށިގެން ގަލާއި އުވައިން ގެދޮރު ހަދަން ފެށިއެވެ. މިކަން މިގޮތަށް ކުރަންފެށީ މާލޭގައެވެ. އެއިރު ގޭގެ ބަދިގެ ހުންނަނީ ގެއާ ދުރުގައި ވަކިން ހަދައިފައެވެ. ބަދިގެވެސް އަޅަނީ ގެ އަޅާގޮތަށެވެ. ބައެއް ގޭގޭގެ ބަދިގެ ކައިރީގައި ތެލިތަށި ދޮންނަށް، އަދި މަސްކަނޑާ ހެދުމަށް ވަޅުބަހައްޓައި އޭގެ ވަށައިގެން ތީރި ފާރު ބުރިއެއް ރާނާ ވަޅުދޮށެއް ހަދައެވެ. ވަޅުދޮށަށް އޮންނަނީ އަކިރިކޮޅެއް ލައިފައެވެ.

4. މަދަނީ ކަންކަމާ ގުޅުވަފައި އޮތް ބައެއް އާދަކާދަ އާއި ޘަޤާފަތް
ދިވެހީންގެ ''މަދަނީ އާދަކާދަ'' ގައި ހިމެނެނީ ދިވެހިންގެ ދިރިއުޅުމާއި ދިރިއުޅުމުގެ ތަރައްޤީއާ ބެހޭ ކަންކަމެވެ. ދިވެހިން ކަންކަމާމެދު ވިސްނުން ގެންގުޅޭ ގޮތާ ދިވެހިންގެ ދިރިއުޅުމުގައި ދިމާވާ ހާދިސާތަކެވެ. ދިވެހިން އުޅެމިން އައި ރަށްރަށާ ގުޅޭގޮތުން ދޫދޫމަތިން ޖީލުން ޖީލަށް ރަށްދުވެފައިވާ ވާހަކަތަކެވެ. ގދ.ގަން ފަޅުވި ގޮތާއި ސ.ހިތަދޫ ފަޅުވި ގޮތުގެ ވާހަކަ މިސާލެއްގެ ގޮތުގައި ނެގިދާނެއެވެ.

5. ކުޅިވަރާއި ގުޅުވާފައިވާ އޮތް ބައެއް އާދަކާދަ އާއި ޘަޤާފަތް
އިހުޒަމާނުގައި ކުޅެއުޅުނު ކުޅިވަރުތަކަކީ މިހާރު ޘަޤާފީ ކުޅިވަރުކަމުގައި ހަމަޖެހިފައިވާ ކުޅިވަރުތަކެވެ. މީގައި ހިމެނޭ އެންމެ މަޝްހޫރު، އަދި އެންމެ ތަރުޙީބުދޭ ކުޅިވަރުތަކަކީ ބަށި، ލެއް، ފަން، ތެލަބަގުޑި، މަންޑި، ގަނޑުފިއްލާ، އޮށްވަޅު، ތިންހަމަ، ތިންމުގޯލި ފަދަ ކުޅިވަރެވެ. ލެއް، ބަށި ފަން، މިއީ މުޅިންވެސް އަންހެނުންކުޅޭ ކުޅިވަރެވެ. ކުޑަކުދިންނަށް ޚާއްޞަ ކުޅިވަރުތަކަކީ އަކުންބަކުން، އަލީލާން، ބަތްކައްކާ ފަދަ ކުޅިވަރުތަކެވެ. މި ކުޅިވަރުތަކަށް ޒަމާން ގެނުވި ބަދަލު ޝާމިލްވަމުން ދިޔައެވެ.
އިހުގެ ކުޅިވަރުތަކާމެދު ފާހަގަކުރެވޭ މުހިއްމު ކަމަކީ އެކުޅިވަރުތައް މާބޮޑު ޚަރަދަކާއި ނުލައި ރާއްޖެގައި އުފެދޭ ތަކެތި ބޭނުންކޮށްގެން ކުޅޭ ކުޅިވަރުކަމަށް ވުމެވެ. އަދި މިކުޅިވަރުގައި މުނިފޫހި ފިލުވުމައި ހަށިގަނޑުގެ ކަސްރަތު އެކުލެވިފައިވުމެވެ.

6. މުނިފޫހި ފިލުވުމާއި ގުޅުވާފައިވާ އޮތް ބައެއް އާދަކާދަ އާއި ޘަޤާފަތް
ދިވެހިންނަކީ، މިއުޒިކާއި ލަވައާއި ނެށުމަށް، ޝައުގުވެރިކަން ހުންނަ ބަޔެކެވެ. އެވޭލާއިން މިވޭލާއަށް އައިއިރު މިކަން ޒަމާނާ އެއްގޮތަށް ތަރައްޤީވަމުން އައެވެ. ނެށުމުގައި ބޮޑުބެރުޖެހުން، ބުންބެރުޖެހުން، ތާރަޖެހުން ބަނޑިޔާ ޖެހުން، ފަތިގަނޑުޖެހުން ، ފަދަ ކަންތަކާ ގުޅޭ ނެށުން ހިމެނެއެވެ. ޘަޤާފީ މިއުޒިކާއި ނެށުން މިހާރު ފެންނަނީ އެކިއެކި ރަސްމީ އަދި ޘަޤާފީ ޕްރޮގްރާމުތަކާ ގުޅިގެންނެވެ. މުނިފޫހިފިލުވުމާ ގުޅިގެން އެއްމެ އާއްމު އެއްކަމަކީ ބޮޑުބެރު ޖެހުމެވެ.

7. އަދަބިއްޔާތާ ގުޅުވާފައިވާ އޮތް ބައެއް އާދަކާދަ އާއި ޘަޤާފަތް
އަދަބީ އާދަކާދަ އާއި ޘަޤާފަތުގެ ތެރޭގައި، ދިވެހިންގެ އަވައްޓެރި ޤައުމުތަކުގައި އެންމެ މަޤުބޫލު އެއްޗަކަށް ވާހަކަ ވެފައި އޮންނަގޮތަށް ދިވެހީންގެ މެދުގައިވެސް އާއްމުން އެންމެ ކިޔާހިތްވާ އެއްޗަކީ ވާހަކައެވެ. ކުރީޒަމާނުގައި ވާހަކަޔަށް އާއްމުގޮތެއްގައި ކިޔާއުޅެނީ ފުލޯކު ވާހަކައެވެ. ނަމަވެސް ވާހަކައިގެ އިތުރަށް އެހެނިހެން އަވައްޓެހި ޤައުމުތަކުގެ އަދަބިއްޔާތުގައި ޖީލުން ޖީލަށް ވާރިދުވަމުން ނުވަތަ ލިޔަމުން އައި އެއްޗެހިފަދަ އަދަބީ ލިޔުން ދިވެހިބަހުގައިވެސް އެބަހުއްޓެވެ. މިއީ ޅެން އަދި ޅެމުގެ ބާވަތްތަކުގައި ހިމެނޭ ބަނދި، ކާ، ފަރިހި، އަދި ރައިވަރުގެ އިތުރަށް ހަރުބަސް އަދަބީބަސް ފަދަ އަދަބިއްޔާތެވެ. އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ ބައިތަށް މިހާރު ފެންނަނީ ހަމައެކަނި ޅެންވެރިންގެ ދުވަސްފަދަ އަދަބިއްޔާތާ ގުޅުވައިގެން ފާހަގަކުރާ ދުވަސްތަކުގައްޔާއި، ސްކޫލްތަކުގައި ކިޔެވުމަށް ގެންގުޅޭ ދިވެހި ޓެކްސް ފޮތްތަކުންނެވެ.

އަދަބިއްޔާތާ ގުޅިފައިވާ އާދަކާދައިގައި ހިމެނޭ ޅެމުގެ ބާވަތްތައް
ދިވެހި އަދަބިއްޔާތާއި ގުޅިފައިވާ އާދަކާދައިގައި ޅެމުގެ ބާވަތްތަކުގައި ހިމެނޭ ކުރީޒަމާނުގެ ޅެންކަމަށްވާ ބަނދިންފެށިގެސް މިޒަމާނުގެ އާޅެމާ ހަމައަށް ބަލާއިރު ކޮންމެ ބާވަތަކީ އޭގެޒާތުގައި އަދަބީ، ބަރުދަން ހުންނަ މުހިއްމު އެއްޗެކެވެ. އޭގެ ތެރޭގައި ބަނދި، ކާ، ލަވަ، އަންބާ، ޅެން، އާޅެން، ރައިވަރު އަދި އަދަބީ ބަސްތައް ހިމެނެއެވެ.


8. ކުޑަކުދިންގެ އަދަބިއްޔާތުފަދަ ކަންކަމާ ގުޅުވާފައި އޮތް ބައެއް އާދަކާދަ އާއި ޘަޤާފަތް
ކުޑަކުދިންގެ އާދަކާދައިގެ ތެރޭގައި ކުޑަކުދިން ކުޅޭކުޅިވަރާ، ވާހަކަ، ބަނދި، ކާ، ރައިވަރު، ނާނާ، އަރަތް ކުރެހުން ފަދަ އަދި ކުޑަކުދިން އާދަކާދައިގެ ގޮތުން ކޮށްއުޅޭ ކަންތައްތައް ހިމެނެއެވެ. ކުޑަކުދިންނަށް، ޙާއްޞަކޮށް ބޮޑެތި މީހުން ކޮށްދީފައި ހުންނަ ކަންތައްވެސް މީގެތެރޭގައި ހިމެނެއެވެ. މިސާލަކަށް ކުޑަކުދިން ކުޅެން ހަދައިދޭ ތަކެތި، ކިޔައިދޭ ވާހަކަ އަދި ލަވަ ފަދަ ތަކެތިވެސް ހިމެނެއެވެ. މިޒަމާނުގެ ޓެކްނޮލޮޖީ އާއި ގުޅިގެން ކުޑަކުދިން ކުޅޭ ކުޅިވަރުތައްވެސް ޒަމާނީވެ ޕްލޭސްޓޭޝަން އާއި މީނޫންވެސް ހުޅަނގުގެ ގޮތް ދައްކުވައިދޭ ކުޅިވަރުތައް ކުޑަކުދިންގެ މެދުގައި އާއްމުވެ، ކުރީގެ ރީތި އާދަތަކާއި ކުޅިވަރުތައް މިހާރުވަނީ ފޮތްފޮތުގައި ލިޔެވި ރައްކާކުރެވިފައިވާ އެއްޗަކަށް ވެފައެވެ.

ދިވެހިން އެވޭލާ ޒަމާނުންސުރެ ދަމަހައްޓަމުން އައި އާދަކާދައާއި ޘަޤާފަތްތައް ރައްކާތެރިކޮށް  ދަމަހައްޓައި ކުރިއެރުވުމަށް ހުރިހާ އުމުރެއްގެ ހުރިހާ ފެންވަރެއްގެ މީހުން މަސްކަތްކުރަން މިވަނީ ޖެހިފައެވެ. ކުރީ ޒަމާނުގައި ކުޅެމުން އަކި ކުޅިވަރުތަކުގެ ބަދަލުގައި މިހާރު މިވަނީ ޒަމާނީ މިއުޒިކް ސޯވްތަކޢި ޑީ.ޖޭ ތަކެވެ.    މިގޮތަށް މިކަން ނުކުރެވޭ ކަމަށްވަނީނަމަ މިހާރު ފެންނަން ހުރި ކަންތައްތައްވެސް އުވިގޮސް ދިވެހި ރީތި އާދަތަކާއި ޘަޤާފަތްތައް ފުހެވި، ނެތިދިޔުމަކީ ވަރަށް އެކަށިގެންވާ ކަމެކެވެ. މިކަންތައް ތައް ކުރި އަރުވާ އާލާ ކުރުމަކި ވަކި މީހެއް ވަކި ބައެއްގެ ކަމެއްކަމުގައި އަޅުގަނޑު ނުދެކެމެވެ. މިކަން ކުރި އެރުވުމަށްޓަކައި އަމިއްލަ ފަރުދުން، ޖަމާއަތާއި ޖަމިއްޔާތައް، ރަށުފެންވަރުގައި، އަތޮޅުފެންވަރުގައި ވެސް މަސައްކަތް ކުރެވިދާނެ ކަންތައްތަކެކެވެ. ޒަމާނީ އާދަކާދަ ތަކާއި އެކު އިހުގެ އާދަކާތައްވެސް ދިރުވާ އާލާ ކުރުމަކީ އަހަރެމެން ކުރަންޖެހިފައިވާ ކަމެކެވެ.

ރިފަރެންސް
1- ސުމުއްވުލް އަމީރު މުޙައްމަދު އަމީން – "ތަންޤީޙު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޙްގެ ތަންކޮޅު"
2- އެލިއަޓް އޯރިންގް – "ފޯކް ގްރޫޕްސް އެންޑް ޖާނާރސް"
3- ޖެނިކް އެލްބެއިލީ – "އިންޑަރކްޝަން ޓު ފޯކްލޯރް"
4- އަލް އަމީރާ ޝަހީމާ ޝަމްސުއްދީންގެ ފަރާތްޕުޅުން ވާރިދުވި މަޢުލޫމާތު
5- މޯލްޑިވްސް ސޯންގް ބުކް (ސްރީލަންކާ އަކާއިވްސް) "ކަލާފާނު ރައިވަރު"
6- މިނިސްޓްރީ އޮފް އިންފޮރމޭޝަން އާރޓްސް އެންޑް ކަލްޗަރ – ލީފްލެޓްސް ( ދިވެހި ޘަގާފީ ކުޅިވަރު، މިއުޒިކްލަވަ )
7- އަލްފާޟިލް މޫސާ އަލީ – "ދިވެހިންގެ އާދަކާދަ"
8- ފަތްތޫރަ ނަމްބަރ 207.
9- ދިވެހި ގްރޭޑް 9 ގެ ދަރިވަރުންގެ ފޮތް

ނޯޓް: މިއީ އޯޕަން ޔުނިވާރސިޓީ މެލޭޝިޔާ ގެ ފެކަލްޓީ އޮޕް އިންފޮމޭޝަން ޓޭކްނޮލޮޖީ އެންޑް މަލްޓީމީޑިއާ ކޮމިނިއުކޭޝަން މޯލްޑިވިއަން ސްޓަޑީޒް ގައި ތަޢުލީމު ޙާޞިލްކުރުމަށް ފާއިޒް ޤާސިމް ނަމަކަށް ކިޔާދަރިވަރަކު ތައްޔާރުކޮށް އަޕްލޯޑްކޮށްފައިވާ ލިޔުމެކެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް