ލ. ދަނބިދޫ ދަނޑުވެރިން ސަބްސިޑީ ދިނުމުގެ
މައްސަލާގައި ރަށު ކައުންސިލުން ދަނޑުވެރިންނަށް
އޮޅުވާލާފައިވާ މައްސަލައެއް ފަޅާ އަރައިފި އެވެ.
ކުއްލިއްޔާގައި ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރަމުންގެންދާ ފާއިޒު ބުނީ ކައުންސިލުން ދަނޑުވެރިންނަށް އޮޅުވާލިކަން ފަޅާއެރީ ކައުންސިލުގެ ރައީސް ސުނީހު ހަލީލް ދައްކާފައިވާ ވަހަކަތަކާމެދު ޝައްކު އުފެދިގެން އެކަން ސާފުކުރުމަށް އެގްރިކަލްޗަރ މިނިސްޓްރީއަށް ލިޔެ އެތަނުން ހޯދި ހޯދުންތަކުން ކައުންސިލުގެ ރައީސް ވިދާޅުވެފައިވާގޮތަށް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައި ނުވާކަމަށް ބަޔާންކޮށް ދީފައިވާ ލިޔުމުގެ ސަބަބުންކަމަށެވެ.
"މިހާތަނަށް ބުނަމުން އައިސްފައިވަނީ ރަށު ކައުންސިލުން ދަނބިދޫ ދަނޑުވެރިން ރަޖިސްޓްރީ ކުރުމުގައި ފެކްސް ނުލިބުމުގެ މައްސަލައެއް ދިމާވި ކަމަށް. ނަމަވެސް ފަހުން އެގްރިކަލްޗަރ މިނިސްޓްރީގެ އިސް ބޭފުޅުންނާ ގުޅިގެން ދަނޑުވެރިން ރަޖިސްޓްރީ ކޮށްފައި ވާކަމަށް ކައުންސިލްގެ ރައީސް ސުނީހު ހަލީލް ވިދާޅުވި. ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނަމުން އަންނަނީ މިހާތަނަށްވެސް ދަނބިދޫގެ ދަނޑުވެރިންގެ ލިސްޓް އެ މިނިސްޓްރީއަށް ނުލިބޭ ކަމަށް. އެންމެ ފަހުން މިނިސްޓްރީން ވަނީ ދަނބިދޫ ދަނޑުވެރިން ރަޖިސްޓްރީކޮށްފައިނުވާކަމަށް ބުނާ ލިޔުމެއް ވެސްދީފައި،" ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީއަށް ކިޔަމުންދާ ފާއިޒު ބުންޏެވެ.
ކައުންސިލްގެ ރައީސް ސުހީނު ޚަލީލް ސޮއިކުރައްވާ މިދިއަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ ދަނބިދޫ ދަނޑުވެރިން ސަބްސިޑީއަށް ރަޖިސްޓްރީވުމަށް ފޮނުވަންޖެހޭ ފޯމްތައް ފުރިހަމަ ކުރުމަށްފަހު ކައުންސިލް އިދާރާއިން ފިޝަރީޒް މިނިސްޓްރީއަށް ފޮނުވި ކަމަށާއި، އަދި މުއްދަތު ހަމަވުމުގެ ފަހުން އެރަށު ދަނޑުވެރިން ރަޖިސްޓްރީ ވެފައި ވާތީ 2011 ވަނަ އަހަރުގެ ދަނޑުވެރިންނަށް ދޭ ސަބްސިޓީ އެރަށު ދަނޑުވެރިންނަށް ނުލިބޭ ކަމަށްވެސް ފިޝަރީޒުން އެންގި ކަމަށެވެ. ނަމަވެސް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ވާހަކަ ދައްކައިގެން އެ ރަށު ދަނޑުވެރިން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ވާކަމަށްވެސް އެެ ސިޓީގައި ބުނެފައި ވެއެވެ.
ފާއިޒު ބުނީ ކައުންސިލުން އޭނާއަށް ފޮނުވި ސިޓީގައި ދައްކާފައިވާ ވާހަކަތަކާއި އެގްރިކަލްޗަރ މިނިސްޓްރީން އޭނާއަށް ފޮނުވި ސިޓީގައި ބުނެފައިވާ ވާހަކަތައް އެއްގޮތަކަށްވެސް ދިމާނުވާކަމަށެވެ.
" ކައުންސިލް އިދާރާއިން ދަނޑުވެރިން މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައި ވާކަމަށް ބުނަމުން އައި ނަމަވެސް ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މިނިސްޓްރީއަށް ދަނބިދޫ ދަނޑުވެރިންގެ ލިސްޓް ނުލިބޭކަމަށް. ވަރަށް ސާފުކޮށް މިނިސްޓްރީން މިވާހަކަ ދައްކަނީ. މިހިރީ ކަންކަން ހުރިގޮތް ކީއްކުރާނީ. ކަމެއްނުވިޔަސް ދޮގު ހަދައިގެން ރައްޔިތުންނަށް އޮޅުވާލައިގެންނުވާނެ،" ފާއިޒު ބުންޏެވެ.
ފާއިޒު އެގްރިކަލްޗަރ މިނިސްޓްރީއަށް ފޮނުވި ސިޓީގެ ޖަވާބުގައި ބުނެފައިވަނީ "ލ.ދަނބިދޫއިން ދަނޑުވެރިންގެ ލިސްޓެއް މިމިނިސްޓްރީއަށް މިހާތަނަށް ލިބިފައެއް ނުވެއެވެ.އަދި 2012 ވަނަ އަހަރު ދަނޑުވެރިންނަށް ސަބްސިޓީ ޕްރޮގުރާމެއް ކަނޑައެޅިފައި ނެތް ވާހަކަވެސް ދެންނެވީމެވެ."
ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އިބްރާހިމް ޝަބާއު މި އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ސޮއި ކުރައްވާ ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ މި އަހަރު ސަބްސިޓީ ޕްރޮގުރާމެއް ނެތީ، އެކަމަށް މަޖިލީހުން ބަޖެޓު އެކުލަވާލައި ފާސްކުރިއިރު ފައިސާ ކަނޑައަޅާފައި ނެތުމުން ކަމަށެވެ.
" އެހުރީ މިނިސްޓްރީން ދީފައިވާ ޖަވާބުތައް. އެ ލިޔުންތަކުން ވަރަށް ސާފުކޮށް އެނގޭ ކައުންސިލުން ދައްކާ ވާހަކަތަކީ ދޮގުކަން. ކީއްކުރާނީ. ރައްޔިތުންނަށް ހިދުމަތް ކުރަން އިންތިހާބުކޮށްފައިވާ މީީހުންކުރާ ކަންތައް މިހުރީ. އެވަރުންވެސް އެދަނީ އޮޅުވާލަމުން،" ފާއިޒު ބުންޏެވެ.
ނުވަސަތޭކަ އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ދަނބިދޫގައި 150 އަށްވުރެ ގިނަ މީހުންނަކީ އާމްދަނީ ހޯދުމަށް ދަނޑުވެރިކަން ކުރަމުން އަންނަ ބައެއްކަމަށް ކައުންސިލުން ބުނެ އެވެ.

No comments: