ފަހުގެ ޚަބަރު


އިތުރަށް...

ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރަށް ޢަބްދުއް ރަޙީމް ޢަބްދުﷲ ހޫނު ރައްދެއް ދެއްވައިފި

ލިޔުނީ: Unknown - Monday, April 8, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ރައީސް ކަމަށް އަރާވަޑައިގެން ހުންނެވި ވަހީދު ޙަސަން މަނިކުގެ ޕޮލިޓިކަލް އެޑްވައިޒަރު (ސިޔާސީ ލަފާދާރު) އަޙްމަދު ތަޢުފީޤް (ޓޯޕީ) އަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް ޕާލިމެންޓަރީ މެންބަރު، ލ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއް ރަހީމް ޢަބްދުﷲ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ހޫނު ރައްދެއް ދެއްވައިފި އެވެ.

ޢަބްދުއް ރަހީމް މިފަދަ ރައްދެއް ދެއްވައި ވާހަކަފުޅު ދައްކަވާފައިވަނީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ވީޓީވީގެ ޕްރޮގްރާމެއްގައި ރައީސްގެ ސިޔާސީ ލަފާދާރު ޢަބްދުއް ރަޙީމަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވާކަމަށް ވިދާޅުވަމުން ޢަބްދުއް ރަހީމް ވިދާޅުވީ ވަރަށް ޒިންމާދަރުކަން ކުޑަކޮށް ޢަމަލުކުރާ ބައެއް ބޭފުޅުން މިއަދުގެ ސަރުކާރުގައި އެބަ ތިއްބެވިކަން ފާހަގަ ކުރެއްވި އެވެ. އެފަދަ ބައެއް ބޭފުޅުން މަޖިލީހުގެ އަގުވައްޓާލުމަށްޓަކައި މިއަދުގެ ސަރުކާރާއި އެކު ކޯލިޝަން ހަދައިގެން ތިއްބެވި ބައެއް ޕާޓީތަކުން ނިކުމެ، ޤާނޫނު އަސާސީއާއި ޚިލާފަށް ރައްޔިތުންގެ މަޖިލިސް ހިންގަމުންދާކަމަށް ބުނެ އެފަރާތްތަކުން ހިންގަމުންދާ ކަންކަން މިއަދުގެ ސަރުކާރުން ކުއްވެރި ނުކުރާކަން ފާހަގަ ކުރެއްވިއެވެ.

ޓޯޕީއަށް ފާޑުވިދާޅުވަމުން އަބްދުއް ރަޙީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒެއްގެ މަޤާމުގައި ހުންނަވައިގެން އަޙްމަދު ތަޢުފީޤު (ޓޯޕީ) ވަރަށް ޒިންމާދާރުކަން ކުޑަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ދޭތެރޭގައި އެއްވެސް ކަހަލަ އަސްލެއް ނެތް ވާހަކަތަކެއް ދައްކަމުން ގެންދަވާ ގެންދެވުން ހަރުކަށި ޢިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

"... ހަމަ އެގޮތުން ފާހަގަ ކޮށްލާފައި ދަންނަވާލަން ބޭނުން، އަޅުގަނޑާ ބެހޭ ގޮތުން ޓޯޕީއޭ އަޅުގަނޑު ދަންނަވާނީ. ކޮންމެހެން އަޙްމަދު ތަޢުފީޤޭ ދަންނަވާކަށް ނެތިން. ޓޯޕީ ވީޓީވީގައި އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ވަނީ ދައްކަވާފަ. ޓޯޕީ އަކީ ސިޔާސީ ގޮތުން ބަލާއިރު އަޅުގަނޑާ އަޅާކިޔޭވަރުގެ މީހެއް ނޫން. އެހެން މި ދަންނަވަނީ އަޅުގަނޑަކީ އަޅުގަނޑު އުފެދި ބޮޑުވި އަޅުގަނޑު އުޅުނު، އަޅުގަނޑު އުފަންރަށް ހިމެނޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައިގެން ރައްޔިތުން އިންތިޚާބު ކޮށްގެން މިތަނަށް އައިސް ހުރި މީހެއް. ޓޯޕީ އަކީ ޓޯޕީ އުފަންވި އަވަށް، އުޅެ ބޮޑުވި ސަރަޙައްދަށް ކުރިމަތިލައިގެން ރައްޔިތުން ނޫނެކޭ ބުނެ، ގެއަށް ފޮނުވާލާފައި ހުރި މީހެއް. އެވަރުގެ މީހަކަށް އަޅުގަނޑުމެން ރައްޔިތުން އިންތިޚާބު ކޮށްގެން މިތަނަށް ފޮނުވާފައި ތިބޭ މީހުންނަށް ފާޑެއް ނުކިޔޭނެ."

ޢަބްދުއް ރަޙީމު ވަނީ އެގޮތަށް ޒާތީގޮތުން ދިމާކުރަން ނޫޅުއްވުމަށް ޓޯޕީއަށް ގޮވާލާފަ އެވެ. އަދި ޓޯޕީ އަށް އެ މަޤާމު ލިބިފައިވަނީ އެބޭފުޅުން ޤައުމަށްޓަކައި ރައްޔިތުންނަށްޓަކައި ވީ ޤުރުބާނީގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އަދި ޓޯޕީ އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އެއްވެސް ބުރަދަނެއް ހުރި މީހެއް ނޫންކަމަށް ވިދާޅުވެފައިވެ އެވެ.

"މިއަދުގެ ސަރުކާރުން ގޯސްކަމެއް ކުރަމުންދާ ކަމަށް ވަންޏާ އެ ކަމެއްގެ ޒިންމާ ނަގަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު ކަމުގެ މަޤާމުގައި ހުންނެވި ޓޯޕީ އެންމެ ބޮޑަށް. އެއީ ޓޯޕީގެ އެއްވެސް ފެންވަރެއް ނެތި، ސިޔާސީ ވިސްނުމެއް ނެތި، ސިޔާސީ ފިކުރެއް ނެތި ރައީސުލްޖުމްހޫރިއްޔާއަށް އަރުވަމުން ގަންދާ ލަފާފުޅުގެ ސަބަބުން ދިވެހި ރައްޔިތުންގެ ކުރިމަތީގައި ރައީސުލްޖުމްހޫރިއްޔާގެ އަގުވެއްޓި، އެމަނިކުފާނުގެ ޤަދަރު ގެއްލި، މި ހުރިހާކަމެއް ވެގެންދާނީ މިކަހަލަ ތާކުންތާކު ނުޖެހޭ، ދެ އުޅިއެއްނުވާ ސިޔާސީ ގޮތުން ބުރަދަނެއް ނެތް މީސްމީހުން އެޑްވައިޒަރުކަމަށް ލައިގެން މަސައްކަތް ކުރަމުންދާ ގެންދިއުމުގެ ސަބަބުން." ޓޯޕީ އާއި މެދު ވަރަށް ހިތްހަމަ ނުޖެހި ހުންނަވާ ޢަބްދުއް ރަހީމް ވިދާޅުވިއެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް