މިއީ ސިޔާސީ ކަންކަމާ ދުރުގައި ހުންނެވުމަށްފަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަދީދަށް ތާއީދު ކުރައްވާ އެމްޑީޕީގެ ހަރަކާތެއްގައި ރަސްމީކޮށް ޑރ. މުނައްވަރު ބައިވެރިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މި ދަތުރުފުޅުގައި ރައީސް ނަޝީދާއި، ކެމްޕޭން ޓީމުން ހުޅުދުމީދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާ، އެމްޑީޕީގެ ކެމްޕޭން ކުރިޔަށްދާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
އަދި ޖުމްހޫރީ ޕާޓީގައި ކުރިން ތިބި އައްޑޫސިޓީގެ ބައެއް މެންބަރުން އެމްޑީޕީއަށް ބަދަލުވެފައިވާތީ އެމީހުންނާ ބައްދަލު ކުރައްވާ އެމްޑީޕީގެ ސިޔާސަތުތަކާއި ގުޅޭ މައުލޫމާތު އެފަރާތްތަކަށް ރައީސް ނަޝީދު ދެއްވިއެވެ.
މީގެ އިތުރުން ކުރިޔަށް އޮތްތަނުގައި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަށް ރާވާ ވަރުގަދަ ކުރާނެ ގޮތްތަކާއި ގުޅޭ ގޮތުން އެމްޑީޕީ އައްޑޫ ސިޓީގެ ބައެއް ކެމްޕޭން އެޖެންޓުންނަށް މައުލޫމާތު ދެއްވިއެވެ.
މިއަދު މެންދުރު ރައީސް ނަޝީދު ވަނީ ހުޅުމީދޫގެ ބައެއް ގޭގެއަށް ވަޑައިގެން ދޮރުން ދޮރަށް ކެމްޕޭންވެސް ކުރިޔަށް ގެންދަވާފައެވެ. މިފަހަރު ދޮރުން ދޮރަށް ހިންގެވުމުގައި އެމަނިކުފާނު ބެއްލެވީ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ނޫނެކޭ ބުނި ފަރާތްތަކާއި ބައްދަލު ކުރައްވާ އެމްޑީޕީގެ ސިޔާސަތުތައް އެފަރާތްތަކަށް ހުށަހެޅުމަށެވެ.
އެއަށްފަހު ރައީސް ނަޝީދު ވަޑައިގެންނެވީ އައްޑޫ ސިޓީގެ ހިތަދޫއަށެވެ. އަދި ހިތަދޫގައިވެސް އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ހިންގަވާފައެވެ.
ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ހަވީރު ވަނީ މަރަދޫއަށް ވަޑައިގެން މަރަދޫގެ ކެމްޕޭން އެޖެންޓުންނާއި، ޕެޗް އެޖެންޓުންނާވެސް ބައްދަލު ކުރައްވާފައެވެ. އަދި މިރޭ ފޭދޫއަށް ވަޑައިގެން ފޭދޫގައި ދޮރުންރޮރަށް ހިންގަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ޑރ. މުނައްވަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީއަށް ނިސްބަތްވާ މެންބަރުންގެ ތެރެއިން އިލްޔާސް ލަބީބް. މުހައްމަދު އަސްލަމް މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް) އަދި އަލްހާން ފަހްމީއާއި، ރައީސް ނަޝީދުގެ ސެކިއުރިޓީ އެޑްވައިޒަރ އަމީން ފައިސަލް އަދި އަބުދުﷲ ޝާހިދު (ޓީބީ ޝާހިދު) ބައިވެރިވަޑައިގަންނަވައެވެ.
މިއަދު ހެނދުނު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދާއި، "ބާރަށް ކުރިޔަށް" ޓީމުން އައްޑޫ ސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެސިޓީގެ ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
No comments: