ތަޢާރަފާއި މައްސަލަ:
މީގެ ދެތިން އަހަރެއްކުރިން އަހަރެން ގެންގުޅޭ ޔޫއެސްބީ އެކްޓަރނަލް ހާޑް ޑްރައިވް އެއް ސްކޫލެއްގައި ހުރި ކޮމްޕިއުޓަރ ސިސްޓަމަކަށް ޖެހިތަނުން، އޭގައިހުރި ހުރިހައި ފޯލްޑަރ ތަކެއް ޝޯޓްކަޓް އައިކަންސް ތަކަކަށް ބަދަލުވެ، އޭގައިހުރި އެއްވެސް ފައިލްއެއް ބޭނުންނުކުރެވޭގޮތް ވިއެވެ. ލިބުނު ހިތާމައެއްގެވާހަކަ ބުނަންވެސް ދަތިވިއެވެ. ޔޫއެސްބީ ހާޑްގައި ހުރި ހުރިހައި ސޮފްޓްވެއަރ ތަކާއި ތަޢުލީމީ ދާއިރާއާއި ގުޅުންހުރި ވީޑިއޯ، ވާރކްޝީޓް، ޕީޑީއެފް ފޮތްތަކާއި މިހެންގޮސް އޭގައި ހުރި ހުރިހައި އެއްޗެއް ބީވެގެން ދިޔަކަމުގެ އިޙްސާސް ކުރެވި މޮޅި ސާލެއް ލާން ޖެހުނެވެ.
ހައްލެއް ފެނޭތޯ މަސައްކަތްކުރުން:
މިޒާޖުގައި ހުންނަ ގޮތެއްގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. އެންމެ ތަންކޮޅެއްވެސް، އެންމެ ފުކެއްވެސް ދޫނުކޮށް މިޖެހުނު މުސީބާތެއްފަދަ ކަންތަކުން ސަލާމަތްވުމަށް ނިންމީމެވެ. އެންޓިވައިރަސް އޭ މިކިޔާ ފަންޑިތައަކުން މިޖެހުނު ބަލިމަޑުކަމަށް ޝިފާއެއް ނެތްކަން އެނގުނީ އެ ސްކޫލްގައި އުޅޭ އެތަކެއް މުދައްރިސުންނެއް ގެންގުޅުއްވާ ޔޫއެސްބީ ފްލޭޝް ޑްރައިވްތަކަށް އެ ސްކޫލްގައި ހުރި ކޮމްޕިއުޓަރުތަކުން މި ބަލިމަޑުކަން ޖެހިފައިވާކަން އެނގުނު ހިސާބުންނެވެ. އަދި އެ ބޭފުޅުން ވިދާޅުވިގޮތުން އެކަން އެއީ ހައްލުކުރެވޭނެ ކަމެއް ނޫނެވެ. އެއިޑްސްބަލި ފަދައިން އަދި މިހައިތަނަށް ޝިފާއެއް ހޯދިފައިނުވާ ބަލިމަޑުކަމެއްކަމަށް އެބޭފުޅުން ނިންމެވީތާއެވެ. އަޅުގަނޑު އެގޮތަށް ނިންމާކަށް ހިތަކަށް ނާރުވަމެވެ.
ގޫގްލް ސަރޗް ކުރުމަކީ ވަރަށްގިނަ ކަންކަމަށް ހައްލު ހޯދުމަށް އަހަރެން ބޭނުންކުރާ ވަޞީލަތެކެވެ. އެހެންކަމުން ރޭގަނޑު 9 ޖެހިއިރު މަސައްކަތްފެށީމެވެ. މަގޭ ލޯބިވާ ހާޑް ޑިސްކަށް ޖެހިފައިވާ ބައްޔަށް ޝިފާއެއް ހޯދުމަށެވެ. 11 ޖަހައި ބޮޑުވިފަހުން ހައްލު ހޯދިއްޖެއެވެ.
ހިއްސާކުރުން:
http://en.kioskea.net ނަމަކަށްކިޔާ މި ސައިޓްގައިވާ އާޓިކަލް ކިޔައިލުމަށްފަހު މަސައްކަތްފެށީ ހާޑް ޑިސްކް ރަނގަޅުކުރުމަށެވެ. އެންމެފަހުން ކާމިޔާބު ވެއްޖެއެވެ. ހިތާހިތާ ﷲ އަށް ޙަމްދުކުރީމެވެ. އެއަށްފަހު އަވަސްވެގަތީ މި ލިބުނު ޝިފާ ދިވެހިބަހުން ލިޔެލުމަށެވެ.
ލިބުނު ޝިފާ ގިނަބަޔަކާއި ހިއްސާކުރުމަށް، އޭރު އަހަރެމެން ހިންގަމުންގެންދިޔަ www.laamuatoll.com ގައި ޝާއިޢު ކޮށްލީމެވެ. އޭގެ އަނެއްދުވަހު ސްކޫލަށްގޮސް އެތާނގެ މުވައްޒަފުންނަށް މި ލިބުނު މޮޅު ފަންޑިތަ ކިޔައިދިނީމެވެ. ގަނޑުކޮޅެއްގައި ފަންޑިތައިގައިވާ ދެތިންފޮޅުވަތް ލިޔެވެސްދިނީމެވެ.
ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވުމުން އެކަން ހައްލުކުރާނެގޮތް:
އަނެއްކާވެސް މިދުވަސްވަރު ވަރަށްގިނަ ކޮމްޕިއުޓަރު ސިސްޓަމުތަކުން ކުރިން މިދެންނެވި ބަލިމަޑުކަންފެނި ޢާއްމުވާން ފަށައިފިއެވެ. މަދުމަދުން ދަންނަމީހުންނާއި ނުދަންނަ މީހުންވެސް އަޅުގަނޑަށް ގުޅައި، އެއްކަލަ ވެބްސައިޓްގެ މަޢުލޫމާތު އޮޅުންފިލުވާންފަށާއިފިއެވެ. އެހެންކަމުން މި ފުރުޞަތު އަނެއްކާވެސް މި ބޭނުންކޮށްލަނީ ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވުމުން އެކަން ހައްލުކުރާނެގޮތް ހިއްސާކޮށްލުމަށެވެ.
ޔޫއެސްބީ ފްލޭޝް ޑްރައިވްގައި ހުރި ފޯލްޑަރތައް ޝޯޓްކަޓް އައިކަންސް އަށް ބަދަލުވިޔަސް ނަމަނަމަ ފްލޭޝް ޑްރައިވް ފޯމެޓް ނުކުރާށެވެ. ފޯމެޓް ނުކޮށް އަވަހަށް ޗެކްކޮށްލައްވަންވީ ފައިލްތައް ހުރީ 'ހިޑަން މޯޑް' (ފޮރުވިފައި) ތޯ ނުވަތަ ނޫންތޯއެވެ. އެއަށްފަހު އަންނަނިވި ފިޔަވަޅުތައް ފުރިހަމަކުރާށެވެ.
ފިޔަވަޅު: 1
ތިރީގައިވާ ލިންކަށް ފިއްތާލައިގެން 'އޮޓޯރަން އެކްސްޓަރމިނޭޓަރ' ތިބާގެ ކޮމްޕިއުޓަރ ސިސްޓަމަށް ޑައުންލޯޑްކޮށްލާށެވެ.
އެއަށްފަހު، އެ ފައިލް އެކްސްޓްރެކްޓްކޮށް --> އޮޓޯރަން އެކްސްޓަރމިނޭޓަރއަށް ޑަބަލް ކްލިކްކޮށް --> މިވަގުތު ޔޫއެސްބީ ފްލޭޝް ޑްރައިވް ކޮމްޕިއުޓަރަށް ޖަހާށެވެ.
މިކަމުގެ ސަބަބުން ފްލޭޝް ޑްރައިވްގައިހުރި އޮޓޯރަން.އިންފޯ autorun.inf ފައިލްތައް ނައްތާލާނެއެވެ.
ފިޔަވަޅު: 2
ކޮމްޕިއުޓަރ ސިސްޓަމްގެ ސްޓަރޓް އަށް ފިއްތާލަށެވެ. އެއަށްފަހު ސްޓާޓް މެނޫގައި 'ރަން' Run ޖެހުމަށްފަހު ސްޓަރޓްމެނޫގެ މަތީގައި އިންނަ 'ރަން' އަށް ފިއްތާލާށެވެ. 'ރަން' ވިންޑޯ ހުޅުވުމުން އޭގައި ސީއެމްޑީ CMD ޖަހާށެވެ. އެއަށްފަހު އޯކޭ ބަޓަންއަށް ފިއްތާލާށެވެ.
Click on "Start" -->Run --> type cmd and click on OK.
ސީއެމްޑީ ނުވަތަ ކޮމާންޑް ވިންޑޯ ހުޅުވުމުން ތިރީގައިވާ ލިޔުންކޮޅު ކޮޕީކޮށް ކޮމާންޑް ވިންޑޯގައި އަންނަނިވި ގޮތަށް ޓައިޕްކޮށްލާށެވެ.
ރަތްކުލައިން އެވާ އަކުރު (g) ބަދަލުކުރަން ހަނދާން ނައްޓާނުލާށެވެ. އެ އަކުރު ރަމްޒުކޮށްދެނީ ތިބާގެ ފްލޭޝް ޑްރައިވް އަށް ކޮމްޕިއުޓަރ ސިސްޓަމްގެ މައި ކޮމްޕިއުޓަރ ހުޅުވާލުމުން ދީފައިވާތަން ފެންނާން އިންނަ އަކުރެވެ. އެހެންކަމުން އެ އަކުރު ތިބާގެ ފްލޭޝް ޑްރައިވް އަށް ދެވިފައިވާ އަކުރަށް ބަދަލުކުރާންވާނެއެވެ.
މިހައިހިސާބުން ދެން ކުރާންވި ކަމަކީ "އެންޓަރ' ބަޓަން އަށް ފިއްތާލުމެވެ. އިރުކޮޅެއްވާންދެން މަޑުކޮށްލުމަށްފަހު ފްލޭޝް ޑްރައިވް ހުޅުވާބަލައިލާށެވެ. ފައިލްތަކާއި ފޯލްޑަރތައް ލިބެން ހުންނާނެއެވެ.
No comments: