ރޭ ކުޅުނު ފޯރިގަދަ ފައިނަލްގައި ފުރަތަމަ ދެ ފަހަރުވެސް ނިއުއަށް ކުރި ހޯދައިދިނީ މުހައްމަދު އުމޭރު އެވެ. އުމޭރު ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ ފަސް ވަނަ މިނިޓުގައި އެޓީމަށް ލިބުނު ޕެނަލްޓީ އަކުންނެވެ. އެހެން ނަމަވެސް މެޗުގެ 30 ވަނަ މިނިޓުގައި މާޒިޔާގެ ހުނަރުވެރި ފޯވާޑް އަސަދުﷲ އަބްދުﷲ ވަނީ ލަނޑެއް ކާމިޔާބުކޮށް މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުޅުން 1-1 ގެ ނަތީޖާއަކުން ދެޓީމު ފެށި ނަމަވެސް 65 ވަނަ މިނިޓްގައި އުމޭރު ދެވަނަ ފަހަރަށް ނިއުއަށް ކުރި ހޯދައިދިނެވެ. އެހެން ނަމަވެސް ފަސް މިނިޓްފަހުން މާޒިޔާގެ ބަލްގޭރިއާ ފޯވަޑް ރުމެން ޖޯޖީފް ވަނީ ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މާޒިޔާއަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ރުމެން ނިއުގެ ގޯލްއޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހިފަން އުޅުމުގެ ތެރޭގައި ނިއުގެ ކީޕަރު އިމްރާން މުހައްމަދުގެ އަތުގައި ޖެހިފައި ބޯޅަވަނީ ގޯލްގެ އެތެރެއަށެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 އިން ދެޓީމު އެއްވަރުވެފައި އޮތުންމުން ނަތީޖާ ނެރުމަށް ކުޅުވި އިތުރުވަގުތުގެ 30 މިނިޓުގެ 17 ވަނަ މިނިޓުގައި ނިއުއަށް ތިންވަނަ ފަހަރަށް މެޗުގެ ކުރިހޯދައިދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. މިއީ މި ސީޒަނަށްފަހު ނިއު ދޫކޮށް ބޭރުގެ ކްލަބަކަށް ދާން މަސައްކަތްކުރާ ކަމަށް ބުނެފައިވާ ހުނަރުވެރި ފޯވަޑް އަދި ގައުމީ ޓީމްގެ ކެޕްޓަން ނިއުއަށް މިސީޒަންގައި ކާމިޔާބުކޮށްދިން 44 ވަނަ ލަނޑެވެ. އަދި ގައުމީ ޓީމަށް ކުޅުނު މެޗުތަކާއެކު މުޅި ސީޒަންގައި ދަގަނޑޭ ކާމިޔާބުކުރި 56 ވަނަ ލަނޑެވެ.
އިތުރުވަގުތުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ނިއުގެ ހަތަރުވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޒިޔާގެ ކުރީގެ ފޯވަޑް ހުސައިން ނިޔާޒް (ބޮކްރީ) އެވެ.
ރޭގެ މެޗުން ބަލިވުމުން މާޒިޔާ ވަނީ މިސީޒަންގައި ނިއުރޭޑިއަންޓް އަތުން ޖުމުލަ ހަތްފަހަރު ބަލިވެފަ އެވެ.
މެޗަށްފަހު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މުބާރާތުގެ ޓްރޮފީއާއި ރަން މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ހަސަން އެވެ.
No comments: