ފަހުގެ ޚަބަރު


އިތުރަށް...

އިނގިލީގެ ނިޝާން ސައްހަކުރާނެ މެޝިނެއް ނެތް: ޑީއެންއާރު

ލިޔުނީ: Unknown - Monday, October 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އިނގިލީގެ ނިޝާން ސައްހަކުރާނެ މެޝިނެއް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) ގައި ނެތް ކަމަށް އެޑިޕާޓްމަންޓުން ބުނެފި އެވެ.

ޑީއެންއާރުން މިހެން ބުނެފައި މިވަނީ ރީ ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ ފޯމް ތަކުގައި ޖަހާ އިނގިލީގެ ނިޝާނުގެ ސައްހަކަން އެޑިޕާޓްމަންޓް މެދުވެރިކޮށް ކަށަވަރު ކޮށްދިނުމަށް އެދޭ ހާލަތްތަކުގައި އެކަން ކުރަން އަންގައި ސުޕްރީމް ކޯޓުން މިރޭ އަމުރެއް ނެރެފައިވަނިކޮށެވެ.

ވީނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޑީއެންއާރުގެ ޑިރެކްޓަރު ފަރީދާ ޔޫސުފް ވިދާޅުވީ އެޑިޕާޓްމަންޓްގެ ޑާޓާބޭސްގައި އައިޑީކާޑު ހައްދާފައިވާ ހުރިހާ ފަރާތްތަކެއްގެ އިނގިލީގެ ނިޝާން ވަކި ޑާޓާއެއްގެ ގޮތުގައި ރައްކާ ކުރެވިފައި ހުންނާނެ ކަމަށެވެ. ނަމަވެސް އިނިގިލީގެ ނިޝާން ސައްހަ ކުރެވޭނެ އެއްވެސް ގޮތެއް މިހާތަނަށް އެޑިޕާޓްމަންޓްގައި ގާއިމުކުރެވިފައި ނުވާ ކަމަށްވެސް ފަރީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިނގިލީގެ ނިޝާން ސައްހަ ކުރާނެ މެޝިނެއް އެޑިޕާޓްމަންޓްގައިވެސް ހުންނަންޖެހޭނެ ކަމަށް ގަބޫލުކުރެވިގެން އެފަދަ މެޝިނެއް ހޯދަން ބަޖެޓްގައި އެތައް ފަހަރަކު ޖެހިފައިވާ ކަމަށެވެ.

"ނަމަވެސް އަދި އަޅުގަނޑުމެންނަށް އެފަދަ މެޝިނެއް ނުލިބުނު. އެފަދަ މެޝިނެއް ހޯދަން މިޑިޕާޓްމަންޓަށް ވަރަށް ގިނަ މަސައްކަތް ކުރެވިފައި ވާނީ" ފަރީދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިނގިލީގެ ނިޝާނާ މެދު ސުވާލު އުފެދި ޑީއެންއާރަށް އެމައްސަލަ ބަލައިދިނުމަށް ހުށަހެޅި ނަމަވެސް މިވަގުތު އެޑިޕާޓްމަންޓުންވެސް އެކަން ކުރާނަމަ ކުރަންޖެހޭނީ ފުލުހުން މެދުވެރިކޮށް ކަމަށެވެ.

ފަރީދާ އިތުރަށް ވިދާޅުވީ އިނިގިލީގެ ނިޝާން ސައްހަ ކުރެވޭނެ ގޮތެއް އެޑިޕާޓްމަންޓްގައި އަދި މިހާތަނަށް ގާއިމްކުރެވިފައި ނެތް ނަމަވެސް އެޑިޕާޓްމަންޓްގެ ޑާޓާ ބޭސްގައި ހުރި މައުލޫމާތު ތަކަކީ ސައްހަ މައުލޫމާތުތަކެއް ކަމަށާއި އެމައުލޫމާތު ތަކުގައި މައްސަލައެއް ނޫޅޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށަކަށް ވޯޓުލުމަށް ރީ ރަޖިސްޓްރީކޮށް ދިނުމަށް އެދި ހުށަހެޅޭ ފޯމުތަކުގައި ޖަހަން ޖެހޭ އިނގިލީގެ ނިޝާން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަނުން ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅޭ ހާލަތްތަކާއި އަދި ސުޕްރީމް ކޯޓުގެ ގައިޑް ލައިނާއި އެއްގޮތަށް ކަންތައްތައް ދާކަން ކަށަވަރު ކުރުމަށް އިންތިހާބީ ޝަކުވާ ހުށަހެޅުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން ހުށަހަޅާ އިންތިހާބީ ޝަކުވާތައް ހައްލުކުރުމަށް ޖާގަ ދޭން ޖެހޭނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި، އިންތިހާބީ ޝަކުވާ ހުށަހެޅުމުގެ ހައްގު ލިބިފައިވާ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ހައްލު ކުރުމުގެ ޖާގަ ދިނުމަށް އަމުރުކުރާ ކަމަށެވެ. 

ޚަބަރު: ވީނިއުސް
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް