އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން، ކުރިއަށް ގެންދިޔަ މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ، އަދި އެމްއެންޑީއެފް ސަދަން އޭރިއާގައެވެ. މިމަހު 27 ން ފެބްރުއަރީ 2 އަށް ކުރިއަށް ގެންދިޔަ މިކޭމްޕްގައި ރައްޔިތުންގެ ތެރެއިން ބަލިބަލީގެ ޚާއްޞަ ޑޮކްޓަރުންނަށް ނުދެއްކި ތިބި 1830 ބަލި މީހަކަށް މި ކޭމްޕްގެ ޑޮކްޓަރުންވަނީ ބަލާ ފަރުވާދީފައެވެ.
މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިއާގެ ރަށްތަކުގެ ތެރެއިން ބ.އޭދަފުށި، ރ.ހުޅުދުއްފާރު، ނ.މިލަދޫ، ނ.މަނަދޫގެ އިތުރުން ޅ.ހިންނަވަރާއި ޅ.ނައިފަރުގައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި މިކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ތ.ތިމަރަފުށި، ތ.ހިރިލަންދޫ، ތ.ވޭމަންޑޫ، ތ.ގުރައިދޫ، ލ.ފޮނަދޫ، އަދި ލ. ގަމުގައެވެ. އަދި އެމްއެންޑީއެފް ސަދަން އެރިއާގައި މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ގއ.ވިލިނގިލި، އަދި ގދ، ތިނަދޫގައެވެ.
މިކޭމްޕްގައި އެމްއެންޑީއެފް ނޮދަން އޭރިއާގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމުން ހަމުގެ ބަލިތަކުގެ 498 ބަލިމީހަކާއި ސާޖަރީގެ ބަލިތަކުގެ 193 މީހަކާއި ކުޑަކުދިންގެ ބަލިތަކުގެ 292 ބަލިމީހަކު ބައްލަވާފައިވާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގައި ހަރަކާތްތެރިވި ޑޮކްޓަރުންގެ ޓީމުން ވަނީ އަންހެނުންގެ ބަލިތަކުގެ 232 ބަލިމީހަކާއި ކަރުންމަތީގެ ބަލިތަކުގެ 372 ބަލިމީހަކަށް ފަރުވާދީފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގައި ހަރަކާތްތެރިވި ޓީމުން ލޮލުގެ ބަލިތަކުގެ 161 މީހަކަށް ފަރުވާދީފައިވާއިރު ދަތުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރު ވަނީ 82 މީހަކަށް ފަރުވާދީފައެވެ.
މިކޭމްޕަކީ އިންޑިއާ އާއި ރާއްޖޭގެ އަސްކަރިއްޔާ ގުޅިގެން، ޚާއްޞަ ޑޮކްޓަރުންގެ ޓީމެއްގެ އިރުޝާދުގެ ދަށުން ލުއި ފަސޭހަކަމާއެކު ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދީ، ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް މަގުފަހިކޮށްދިނުމަށާއި ކުއްލި ހާލަތުގައި ފޯރުކޮށްދޭންޖެހޭ މެޑިކަލް އިވެކުއޭޝަންތައް މަދުކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދެވުނު ކޭމްޕެކެވެ.
މިކޭމްޕުގައި އިންޑިއާގެ ސްޕެޝަލިސްޓުންގެ ޓީމްގެ އިތުރުން އެމްއެންޑީއެފްގެ އޭރިއާތަކަށް ކަނޑައަޅާފައިވާ ފޯސް ހެލްތް އޮފިސަރުންނާއި މެޑިކަލް ސާރވިސްގައި މަސައްކަތްކުރާ ޕެރަމެޑިކުން ވަނީ ބައިވެރިވެފައެވެ.
އެމްއެންޑީއެފުން އޭރިއާތަކުގައި ކުރިއަށް ގެންދިޔަ މެޑިކަލް ކޭމްޕުގައި އަތޮޅު ކައުންސިލުތަކާއި ރަށު ކައުންސިލުތަކާއި ރީޖަނަލް ހޮސްޕިޓަލުތަކުގެ އިތުރުން އަތޮޅު ހޮސްޕިޓަލުތަކުންވަނީ ވަރަށް ފުރިހަމަ އެއްބާރުލުމަކާއި އެހީތެރިކަމެއް ދެއްވާފައެވެ. މީގެ އިތުރުން އިންޑިއާގެ މެޑިކަލް ޓީމު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވައިގެ މަގުން ކުރިދަތުރުތައް ހަމަޖައްސައިދީފައިވަނީ މޯލްޑިވިއަންގެ ދީލަތި އެހީތެރިކަމާއި އެކުގައެވެ.
މިމެޑިކަލް ކޭމްޕަކީ ރައީސުލްޖުމުހޫރިއްޔާ އަލްފާޟިލް އަބްދުﷲ ޔާމީންގެ ރިޔާސީ ދައުރުގެ ފުރަތަމަ 100 ދުވަހު އެމްއެންޑީއެފުން ހާސިލްކުރަން ހަމަޖެހިފައިވާ ލަނޑުދަނޑިތައް އިޢުލާން ކުރުމަށްޓަކައި 25 ނޮވެމްބަރ 2013 ވަނަދުވަހުގެ ރޭ ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި އެމްއެންޑީއެފް އިން ޙާސިލް ކުރާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުޙައްމަދު ނާޒިމް ވިދާޅުވެފައިވާ އެއް ލަނަޑުދަނޑިއެވެ.
No comments: