ފަހުގެ ޚަބަރު


އިތުރަށް...

އެއްހާސް އަހަރު – ބާރަވަނަ ބައި

ލިޔުނީ: Unknown - Monday, May 26, 2014 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
އެންމެފަހުން ވޭމްޕަޔާ އައިސް އޭނާ އަތުކޮށްފިއެވެ. ވަރަށް ހަމަޖެހިލައިގެން އެ ވޭމްޕަޔާ ބިޝާރާގެ ފުރަގަހުގައި އެ ހުރީއެވެ. އެތާހުރި ގަހެއްގައި ލެނގިލައިގެންނެވެ. ހަށަންބަނދެލައިގެންނެވެ. ހީވަނީ ބިޝާރާ އަތުލައިގަތުމަށް އޭނާ މާބޮޑު މަސައްކަތެއް ނުކުރާހެންނެވެ. އޭނާ ހުރީ އެހާވެސް ހަމަޖެހިލައިގެންނެވެ. އޭނާ ލައިގެން ހުރި ކަޅު ލެދަރު ކޯޓު، ރޭނގަނޑުގެ އެ އަނދިރިކަމާއި އެކުވެފައިވާކަހަލަ އެވެ. ނަމަވެސް އޭނާގެ ދޮނފޫޑުވެފައިވާ ހަންގަނޑާއި އޭނާ އަޅައިގެންހުރި ބެލްޓްގައިވާ ސްޓީލް ދަގަނޑުގެ ބައިން އޭނާ ފާހަގަކުރަން ބިޝާރާއަށް އެނގުނެވެ.

އޭނާ މަޑުމަޑުން ބިޝާރާއާއި ގާތަށް ޖެހިލި އެވެ.
"ކަލޭ ހާދަ ބޯގަޅިއޭ ދޯ. މިފަދަ ހަނދުވަރެއްގައި މިހެން ހާމަކޮށް އޮތްތަނަކަށް ނުކުތުން އެއީ މޮޔަކަމެއްކަން ހަމަ ނޭނގޭތަ؟" އޭނާގެ އަޑުގައިވަނީ ހަމަޖެހުމުގެ އަސަރެެވެ. ހަމަ ގައިމުވެސް އޭނާގެ ބަސްމަގު އެހާ ބިރުވެރިއެއް ނޫނެނެވެ.
"ހީވާކަހަލަ މަށަށް އަތުވާން ބޭނުންވެގެން މިތަނަށް ނުކުތީއޭ."

"ނޫން. ނޫން. އަހަ.. އަހަންނަށް ދުވެވުނު އެންމެ ބާރަކަށް ދުވަމުން މިހިސާބަށްވެސް މި އާދެވުނީ."

"އެކަމަކުވެސް ތީ ހަމަ ފިނިހަކަ ދުވެލި ދުވާމީހެއްކަން މިހާރު އެނގިއްޖެ. އާނ އެހެންޏާ، މީގެ ތިން ގަޑިއެއްހާއިރު ކުރިން އަހަރެން ކަލޭ ދޫކޮށްލީ މިތަނާ ދާދި ކައިރި ހިސާބަކަށް. މަށަށް ހީވަނީ ކަލޭ ވަށްބުރެއް ވާގޮތަށްހެން ތިޔަ ދުވުނީ."

އާނއެކެވެ. ބިޝާރާއަށް ދުވެވުނީ ވަށްބުރަކަށް ވާގޮތަށް ހަމަ އެއްތަންކޮޅެއްގައި ކަމަށް އޭރުވެސް އޭނާއަށް ހީކުރެވުނެވެ. ވާވަދެވުނީމާ ގިނަ މީހުންނަށް ވާގޮތަކީވެސް އެއެވެ.

"އަސްލު ކަލޭ މިކަން ތި ނެގީ މާ ފަސޭހަ ކަމެއްކަމަށް. ހަމަ ގައިމުވެސް އަހަރެން ބޭނުންވަނީ މިއަށްވުރެން ޗެލެންޖިންގ ގޮތަކަށް ކަލޭ ޝިކާރަކޮށްލަން." ފޮނި ގޮތަކަށް ޔަރަސް ބުނެލިއެވެ. ވޭމްޕަޔާއަކީ އާއްމުކޮށްވެސް އެހާ ފޮނިކަނޑާ މަޚްލޫޤެކެވެ.

"އެހެންތަ؟ ދެން އެހެންވިއްޔާ އަދި އަހަންނަށް އެއް ފުރުޞަތު ދޭންވީނު!" ބިޝާރާވެސް ޔަރަސް ވާހަކަދެއްކި ސަމާސާ ރާގަށް ވާހަކަދެއްކޭތޯ މަސައްކަތްކުރި އެވެ. އެހާ ފަސޭހައިން އެ ރާގުގައި އެހެން ބުނެވުނީ ކިހިނެއްކަމެއް ޚުދު އޭނާއަށްވެސް ނުވިސްނުނެވެ. ހަމަ ގައިމުވެސް މީގެ ކުޑައިރުކޮޅެއް ކުރިން މުޅި ވަލުތެރޭގައި ރޭގަނޑުގެ ވަގުތުގައި ދެވަނަ ފަހަރަށް ދުވަން ހިތަށް އެރުވުމަކީވެސް މޮޔައަކު ނޫނީ ނުކުރާނެ ކަމެއްކަން އޭނާއަށްވެސް އެނގެއެވެ.

"ނޫނޭ، ނޫނޭ. އަހަރެންގެ ކިބައިން ސަލާމަތްވުމަށް ކަލެޔަށް ތިން ގަޑިއިރު ދިނީމެއްނު! އޭރު އަހަރުމެން އެެއްބަސްވީ އިރުއެރުމުގެ ކުރިން އަހަންނަށް ކަލޭ އަތުލެވިއްޖެނަމަ ތީ އަހަރެންގެ މިލްކަކަށް ވާނެކަމަކަށްނު. އެވެސް އަހަރެން ބޭނުންގޮތެއް ހަދަން."

ބިޝާރާ ފަހަތަށް ޖެހިލިއެވެ.
"ޕްލީސް. ޕްލީސް! އާދޭސްކޮށްފަ މިބުނަނީ އަހަރެން މަރައިނުލައި ދޫކޮށްލަދީ، ޕްލީސް!"

"ތިހެން ދޫކޮށްލާނީ ކިހިނެތް މަގޭ ލޯބިލޯބި ޖާނުގަނޑާ. ކަލޭ އަހަރެންގެ މުށުން ދޫކޮށްލެވޭ ވަރަށްވުރެން މިހާރު މިހުރީ މާބޮޑަށް ބަނޑުހައިވެސްވެފަ. އަތަށް ފުށްކޮޅު ދީފަ މުށުން ދެމިގަންނާކަށް ޗާންސެއް ދެވޭކަށް ނެތް."

ޝާޢިރީ ބަސްތަކަކުން ނަމަވެސް ޔަރަސް އެބުނީ ބިޝާރާއަށް ވިހަގަދަ ބަސްތަކެކެވެ. ބިރުންގޮސް މުޅި ގަޔަށް ހީރޯޅިއެއް އަރައިގެން ދިޔައެވެ. ބޮލުން ފެށިގެން ފައިގެ އިނގިލިތަކުގެ ކޮޅާ ހަމައަށް އެ އިޙްސާސް އޭނާއަށް ކުރެވުނެވެ.
"ﷲ އަކްބަރް، ﷲ އަކްބަރު، ސުބްޙާނަﷲ."
ބިޝާރާ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަންފެށި އެވެ. ހަމަ ޔަޤީނުންވެސް މިފަހަރު މިއީ އޭނާގެ އަޖަލު ހަމަވާނެ ފަހަރުކަމާމެދު ޝައްކުކުރާނެ ކުޑަވެސް ޖާގައެއް ނެތެވެ. މިފަހަރު ޔަރަސް އެބުނިހެން ދެވަނަ ފުރުސަތެއް ނުދޭނެއެވެ. މިރެއަކީ އޭނާގެ ފުރާނަ ނިމިދާނެ ރެއެވެ. ހުރިހައި ކަމެއް ނިމުނީ އެވެ. ހުރިހައި ކަމެކެވެ. އޭނާގެ ޒުވާން ޢުމުރު އަދި ކުރިޔަށް އޮތީއެވެ. ދެކެމުން އައި ހުވަފެންތަކުގައިވެސް އަދިވަނީ ކުލަޖައްސަން ނުފެށިފަށެވެ، އެހެނަސް މިހާ އަވަހަށް އޭނާގެ އަޖަލު ހަމަވީ ކަމަށް ނިންމިއެވެ.

ޔަރަސް ބިޝާރާއާއި ކައިރިއަށް ޖެހިލިއެވެ. ބިޝާރާގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން އިށީންނިއެވެ. އޭނާގެ ލޮލުގައިވަނީ އަނދިކަމުގެ ސައިލެއް ފެތުރިފައެވެ. ކަޅުވެފައިވާ ލޮލުގެ ބޮނޑިތެރެއިން ވިދަވިދާހުރި ކަޅިރަވައިން ބިޝާރާއަށް ބަލަންފެށިއެވެ. އޭނާ ހުރީ ރުޅިއައިސްފައެވެ. ނުހަނުބޮޑަށް ރުޅިއައިސްފައެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟ އޭނާ ބިޝާރާދެކެ ރުޅިއަންނަންވީ ކީއްވެގެން ހެއްޔެވެ؟ ބިޝާރާ މާ އަވަހަށް އަތުލެވުނީމާ ހެއްޔެވެ؟
ޔަރަސް އޭނާގެ ވާތުން ބިޝާރާގެ އަތުގައި ހިފިއެވެ. އަނެއް އަތުން ބިޝާރާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ނަގައި ރީތިކޮށްލިއެވެ. ބިޝާރާ ހައިރާންކަމާއެކު ޔަރަސް އަށް ބަލައިލިއެވެ. ހަމައެއާއިއެކު އޭނާގެ މޫނުމައްޗަށް ބިރުވެރިކަމާއި މޮޅިވެރިކަން ވަދެއްޖެއެވެ. އެވަގުތު ބިޝާރާ އިސްދަށަށް ޖަހައިލި އެވެ.
"އަހަރެންގެ ލޭ ބޮއިލާންނަތަ ހަމަ؟ އަހަންނަށް ވަރަށް ތަދުވާނެތަ؟" އެއީ ޔަރަސްއަށް މުޚާޠަބުކުރެވުނު ނަމަވެސް ޚުދު އޭނާގެ އަމިއްލަ ނަފުސާއި ކޮށްލި ސުވާލުތަކެއްފަދައެވެ. ބިޝާރާ ގަދަކަމުން ހިންދިރުވާލި އެވެ. އޭނާގެ ލަގޮނޑި ހީވަނީ ބޭރަށް ނުކުންނަން އުޅޭހެންނެވެ.

ކުއްލިއަކަށް ބިޝާރާގެ ޙާލާއިމެދު ޔަރަސް ދެރަވެއްޖެ އެވެ. އެއީ ޚުދު އޭނާއަށްވެސް ހައިރާންކަމެއް ލިބުނު ކަމެކެވެ. މިއިން ޒަމާނަކުވެސް އިންސާނަކާއި މެދު އޭނާގެ ހިތުގައި ހަމްދަރުދީއެއް އުފެދު ހަނދާނެއްވެސް އޭނާގެ ނެތެވެ. އެހެންކަމުން އެކަންވީ އާދަޔާ ޚިލާފް ކަމަކަށެވެ. ބިޝާރާގެ އިސްތަށިގަނޑުމަޑުކަން ޔަރަސްއަށް އިޙްސާސްކުރެވުނެވެ. އޭނާގެ ކޯތާފަތުގެ މަޑުކަމުންވެސް ހައިރާންވިއެވެ. ބިޝާރާގެ އުނގުމަތީގައި ބާއްވާލާފައިވާ އޭނާގެ ދެ އަތްތިލައިގައި ހިފަހައްޓާލާފައިވާ ޔަރަސްގެ އަތްތިލައަށް ބަަލައިއެވެ. އޭނާގެ އަޖަލު ހަމަވެއްޖެކަމަށް ނިންމި ނިންމުން އެހިސާބުން ބަދަލުކޮށްލިއެވެ. ޔަރަސް އަށް އައި ބަދަލު ބިޝާރާއަށް ފާހަގަ ކުރެވުނެވެ.
ޔަރަސްއަށް އައި ބަދަލުގެ ސިއްރަކީ ބިޝާރާގެ ހިތްވަރުއެލިގެން ދިޔަދިޔުމެވެ. އޭނާ އުއްމީދު ކަނޑައިލައި މާޔޫސްވި މާޔޫސްވުމެވެ. ބަލި ގަބޫލުކުރެވުނު ހިސާބުން އެކަމުގެ އަގު ދައްކަން ޖެހޭނެކަން ބިޝާރާއަށް ވިސްނުނު ހިސާބެވެ. އެ ހިސާބުންފެށިގެން އޭނާއަކީ ޔަރަސްގެ އަޅެއްކަން އޭނާ ޤަބޫލުކުރިއެވެ. ނަމަވެސް އޭގެ މާނައަކީ އޭނާގެ ލެއިފޮދު ބޮއެލާ މަރާލުން ނޫންކަން ދެމީހުންނަށްވެސް ވިސްނުނެވެ.

"އަދި އެއްފަހަރު ކަލެއަށްކިޔާ ނަން ބުނެބަލަ؟"  ގޮތް ހުސްވެފައިވާ އިންސާނަކާއި މިފަދަ ގޮތަކަށް ސުވާލެއް ކޮށްލެވުކަން ޤަބޫލުކުރަންވެސް ޔަރަސް އަށް ދަތިވިއެވެ. އެ އަންހެންކުއްޖާއަކީ އެހެން މީހެއްނަމަ މިހާރު އޭނާގެ ހަށިގަނޑުގައި އެންމެ ލެއި ތިއްކެއްވެސް ނުބަހައްޓާ ލެއި ބޮއެ ހުސްކޮށްލަފާނެކަން ޔަޤީނެވެ. އެކަމަކު މިފަހަރު އޭނާ ބިޝާރާއަށް ހަމަލާ ނުދީ އެ ހުރެވެނީ ކީއްވެގެންބާވައެވެ. މިހެންވުމަކީ ޔަރަސްގެ ޠަބީޢަތަކާއި ކުޑަކޮށްވެސް ގުޅޭކަމެއް ނޫނެވެ. އެހެން ޙާލަތެއްނަމަ، މިހާރު ޔަރަސް ހުންނާނީ އެ ކުއްޖާގެ ލެއިފޮދު ބޮއެލުމަށްފަހު ތާޒާވެލައިގެންނެވެ. އޭނާ ހުރީ އެހާވެސް ބަނޑުހައިވެފައެވެ. އަދި ބިޝާރާގެ ލެއިން ދުވާ ޚާއްޞަ މީރުވަސްވެސް އޭނާއަށް ހަމަ ރަނގަޅަށްވެސް ދުވަމުންދެއެވެ. އެ ލެއިގެ ރަހަ އޭނާ ހަނދާން އެބަހުއްޓެވެ. އެ ލެއަކީ މިވީ އެއްހާސް އަހަރުދުވަހު އޭނާ ރަހަބަލާފައިވާ އެހެން ހުރިހައި ލެޔަކާއި ތަފާތު ލެއެކެވެ.
"ބި-ބި- ބިޝާރާ." ޔަރަސް ކުރަމުންދިޔަ ފިކުރުން ނުކުމެވުނީ ބިޝާރާގެ ހިތްގައިމު އަޑުންނެވެ. އޭރުވެސް ބިޝާރާާ އިނީ އޭނާގެ އަތަށް ބަލާށެވެ.
"މަށާ ވާހަކަދައްކާއިރު މަށާދިމާއަށް ބަލައިގެންހުރެ ވާހަކަދައްކަބަލަ، ބިޝާރާ."
"އަ-އަހަންނަކަށް ނު- ނުކެރޭނެ. ސޮރީ."
"އެއީ ކީއްވެ؟"
"އެއީ އަހަރެންގެ ލެއި ބޮއެލަން ތައްޔާރަށްހުރި މަޚްލޫގެއްގެ މޫނަށް ބަލަހައްޓައިގެން ހުންނަން ނުކެރޭނެތީ!"
"އަހަންނެއް ނޫޅެމޭ ކަލޭގެ ލޭ ބޮއެ ހުސްކޮށްލާކަށް. ދެން މަށާދިމާއަށް ބަލާލަބަލަ!!
ބިޝާރާ އިސްއުފުލާލަމުން ޔަރަސްއަށް ބަލައިލިއެވެ. ހަތަރުކަޅި ހަމަކޮށްލިއެވެ. ބިޝާރާގެ ލޮލަކީ ރީތި ލޮލެކެވެ. ނަމަވެސް ހިތާމައިގެ އަސަރު އެކުލެވިފައިވެއެވެ. އެ ދެލޮލުން ބިރުގެ އިހްސާސް މިހާރު ފެންނަންހުރީ ވަރަށް ކުޑަކޮށްނެވެ. އެއީ އާދަޔާޚިލާފު ކަމެކެވެ. ޔަރަސްއަށް ބިޝާރާ ޚާއްޞަވީވެސް އެހެންވެއެވެ.
ޔަރަސްގެ ދެއަތްތިލަ އެއްކޮށް ބިޝާރާގެ ކޯތާފަތުގައި މަޑުމަޑުން ޖައްސާލިއެވެ. އަދި އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއްފަރާތްކޮށްލިއެވެ. ހަމަ އެވަގުތު އޭނާގެ ތުންފަތް ބިޝާރާގެ ކަނދުރާއާއި ދިމާއަށް ގެންދަންފެށިއެވެ. ބިޝާރާގެ ގަޔަށް ވެރިވިވި ތުރުތުރު އެޅުން ޔަރަސްއަށް އިހްސާސް ކުރެވުނެވެ.
"އަހަރެން ބުނީމެއްނު ނޫޅެމޭ ކަލޭގެ ލޭފޮދު ބޮއެ ހުސްކޮށްލާކަށް. އެކަމަކު އަހަރެން މިހުރީ ވަރަށް ހައިވެފަ. އަހަރެން ނުބުނަމެއްނު ތިޔަ ކަރުދަށުގައި ދަތްނާޅާނަމެކޭ." މިހެން ބުނުމާއިއެކު ޔަރަސްގެ ދިގުވެފައިވާ ދެ ފޭރާދަތް ބިޝާރާގެ ކަނދުރާއަށް ކޮށްޕާލިއެވެ.
ނުނިމޭ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް