ލަންގްޒަރީ ވިލާ އަޅަން ބިންދޭގޮތައް ޝަރުތުކޮށް ރާއްޖޭގެ
ހަތަރު ރަށެއްގައި އެޅުމަށް ހަމަ ޖެހިފައިވާ 220 ހައުންސިން ޔުނިޓްގެ މަސައްކަތް ކޯސްޓްލައިން
ހޮޓެލްސް އެންޑް ރިސޯޓްސް އާ ހަވާލުކޮށްފި އެވެ.
މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއި
ކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ވިދާޅުވީ 220 ހައުންސިން ޔުނިޓްގެ ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 12.1 މިލިއަން
ޑޮލަރު ކަމަށެވެ. އަދި ވިދާޅުވީ އޭގެ ބަދަލުގައި ސަރުކާރުން އެ ކުންފުންޏަށް ބިން
ދޫކުރާނީ ލަގްޒަރީ ވިލާ އެޅުމަށް ކަމަށެވެ. "12.1 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ސަރުކާރުން ހަރަދެއް ނުކޮށް މި ކުރިއަށް ގެންދަނީ،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ބުނީ އިމާރާތްކުރެވޭ ކޮންމެ 10 ހައުސިން ޔުނިޓްގެ ބަދަލުގައި އެއް ލަގްޒަރީ ވިލާ އެޅުމަށް 20000 އަކަފޫޓްގެ ބިން ސަރުކާރުން ދޫކުރާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ލަގްޒަރީ ވިލާ އެޅުމަށް ބިން ދޫކުރަން ހަމަ ޖައްސާފައިވަނީ "ބ.ފިނޮޅު"ން ކަމަށާއި ލަގްޒަރި ވިލާތައް ހިންގުމަށް ލައިސަންސް ދޫކުރަނީ ހައުސިން ޔުނިޓްތައް ނިންމާ ސަރުކާރާއި ހަވާލުކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ އެ ޕޮޖެކްޓްގެ ސަބަބުން އެއްފަސް ކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިޔުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި ވިދާޅުވީ ސުނާމީގައި ގެދޮރު ގެއްލިފައި ތިބި މީހުނަށް ގެދޮރު ލިބިގެންދާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން، ސުނާމީގައި ގެދޮރު ގެއްލުނު ދ. "ވާނީ" ރައްޔިތުންނަށް ކުޑަހުވަދޫގައި ހައުސިން ޔުނިޓްތަކެއް އެޅޭއިރު ސުނާމީގައި ގެދޮރު ގެއްލިފައިވާ ދުވާފަރުގައި ރައްޔިތުނަށް ދުވާފަރުގައި ހައުސިން ޔުނިޓްތަކެއް ގާއިމުކުރާނެ ކަމަށެވެ.
އަދި ލ.ގާދޫ ރައްޔިތުން އެއަތޮޅު ފޮނަދޫއަށް ބަދަލުކުރުމަށް ހަމަ ޖެހިފައިވާއިރު ލ.ގަމުގައިވެސް ހައުސިން ޔުނިޓްތަކެއް އެޅުމަށް އެ ބަސްވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުދި ކުދި އާބާދީތައް ބޮޑެތި ރަށްތަކަށް ބަދަލު ކުރުމަށް ބޮޑެތި ރަށްތަކުގައި ގެތަށް އެޅުމަށް މަގު ފަހިވެގެން އެބަދޭ މި މަޝްރޫއުގެ ސަބަބުން. އަދި ސުނާމީގެ ސަބަބުން ގެދޮރު ގެއްލިފައި އެތައް ރައްޔިތުނެއް ތިބުމާއި އެކު މިހާތަށް ދާއިމީ ބޯހިޔާ ވަހިކަމެއް ލިބިފައިނުވާ ރައްޔިތުނަށް އެރަށް ރަށުގައި ބޯހިޔާވަހިކަން ލިބުމުގެ މަގުވެސް މި މަޝްރޫއިން ފަހިވެގެން އެބަދޭ،"
އެ އެއްބަސްވުމުގެ ދަށުން 220 ހައުސިން ޔުނިޓްގެ މަސައްކަތް ދެ އަހަރުގައި ނިންމަންޖެހެ އެވެ.
No comments: