ފޮނަދުއަށް ކަރަންޓް ދެމުންގެންދާ
އިންޖީނުތައް ހަލާކުވެ، ކަރަންޓް ދެމުން އައިގޮތާއިމެދު ރައްޔިތުން ނުރުހުން
ފާޅުކުރުމުން ކަރަންޓް ދިނުން މެދުކެނޑިފައި އޮންނަތާ ފަސްދުވަސް ފަހުން އިއްޔެ
ކަރަންޓް ދޭން ފަށައިފިއެވެ.
އިއްޔެ ފޮނަދުއަށް ކަރަންޓް ދޭން
ފަށާފައިވަނީ ބީލަމަށް ނުލައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ފެނަކަ
ކުންފުނިން ގަނެފައިވާ ދެ ޖަނަރޭޓަރުންނެވެ. މި ދެ ޖަނަރޭޓަރު ގެނެސްފައިވަނީ
މިމަހުގެ ހަވަނަ ދުވަހުއެވެ.
ފެނަކަ
ކޯޕަރޭޝަނުން ފޮނަދުއަށް ގެނެސްފައިވަނީ ޑައިރެކްޓް ލިންކް މޯލްޑިވްސް އިން 500
ކިލޯވޮޓުގެ ޕާކިންސް ދެ ޖަނަރޭޓަރުކަމަށް މަޢުލޫމާތު ލިބެއެވެ. މިމަހުގެ
ހަވަނަ ދުވަހު އުފުލިއެއްގައި ދެ ޖަނަރޭޓަތު ގެނައުމާއިއެކު ރަށުގެ ރައްޔިތުންނާއި
ސިފައިންގެ އެހީގައި ޖަނަރޭޓަރު އިންޖީނުގެއަށް ވައްދައި އެންމެ ފުރަތަމަ
ކަރަންޓްދީފައިވަނީ އިއްޔެ ހެނދުނު އެވެ. ކަރަންޓް ދިންތާ ކުޑައިރުކޮޅެއް ތެރޭގައި
މައްސަލައެއް ދިމާވެ ކަރަންޓް ކެނޑިގެންދިޔައެވެ.
މަޢުލޫމާތު ލިބިފައިވާގޮތުން
ފެނަކައިން ގަނެފައިވަނީ ކުރިން ބޭނުންކޮށްފައި ދެ އިންޖީނެވެ. އިންޖީނަށް ދިމާވި
މައްސަލަ ހައްލުކޮށް ކަރަންޓް ދިނުމަށްފަހު އަނެއްކާވެސް ކަރަންޓްދިންތާ
އިރުކޮޅެއް ފަހުން މައްސަލަ ދިމާވެ ކަރަންޓް ކަނޑާލިއެވެ.މަޢުލޫމާތު ލިބޭގޮތުން އިއްޔެ ފޮނަދޫ އިންޖީނު
ގޭގައި ހުރި ޕެނަލް ބޯޑަށްވެސް މައްސަލަތަކެއް ކުރިމަތި ވިއެވެ. މި މައްސަލަތައް
ޙައްލުކޮށް ކަރަންޓްގެ ޚިދުމަތް މެދު ނުކެނޑޭ ފެންވަރަށް ދެވެން ފަށާފައިވަނީ
އިއްޔެ އިރު އޮއްސުނު ފަހުންނެވެ.
No comments: