ފަހުގެ ޚަބަރު


އިތުރަށް...

ލޯބިވާގެ ޙައްޤުގައި

ލިޔުނީ: Unknown - Sunday, September 9, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

މިއީ ފިލްމް ސްކްރިޕްޓް ފޯރމެޓަށް ލިޔެފައިވާ ވާހަކަ އެކެވެ.
ކަޅު ސްކްރީނަށް ސްޕަރ އިމްޕޯސްކޮށް އަރުވާފައި
"ލޯތްބަށްޓަކައި މީހުން ގިނަގުނަ ޤުރުބާނީތަކެއްވެއެވެ. ލޯބިވާގެ ޙައްޤުގައި މިދުނިޔެ ދޫކުރެއެވެ. ލޯބިވާގެ
ޙައްޤުގައި އެހެނިހެން ގޮތްގޮތުންވެސް ޤުރުބާންތައް ވަމުންދެއެވެ. ލޯބިވާގެ ޙައްޤުގައެވެ."
ފޭޑް އިން:

ދުވާލުގެ ވަގުތު – ގުދަނެއްކަހަލަ ކުޑަކުޑަ ގެއެއް (އެތެރެ(
ގޭތެރޭގެ ބޮޑުބައިގައިހުރީ ފޮށިފޮށިގަނޑާއި ކޮންމެވެސް އެއްޗެހިތަކެއް އަޅާފައިހުރި ގޯނިތަކަކާއި އަދިވެސް އާދައިގެ ގުދަނެއްގައި ހުންނަ ޒާތުގެ ތަކެއްޗެވެ. ގޭތެރެއަށް ފުރޭނިގެން އަންނަ އިރުގެ ދޯދިތައް ކުޑަކުޑަ އާނގަކުން ވަދެފައި ހުއްޓެވެ.
ގޭގެ ދޮރު ހުޅުވާލިއަޑު އިވުނެވެ. ދޮރުފަތުގެ ހުޅު ހިކި ކުރޮޅިވެފައި ހުރުމުން ޒާތެއްގެ އަޑެއް އިވިގެން ދިޔައެވެ. ދޮރުން ކުޑަ ތަންކޮޅެއް ހުޅުވިފައި ހުރިއިރު އިރުގެ އަލިކަން ވަދެފައި ހުއްޓެވެ. ކުޑައިރުކޮޅަކަށްފަހު ދޮރުފަތް ބާރަށް ލެއްޕުނެވެ.


ދުވާލުގެ ވަގުތު – ގުދަނެއްކަހަލަ ކުޑަކުޑަ ގެއެއް (ބޭރު)
ޢުމުރުން 35 އަހަރުގެ ޝަދީދު، ފަރުވާތެރިކަމާއިއެކު މަޑުމަޑުން ދޮރުލައްޕާލަމުން އެގެޔާއި 5 ވަރަކަށް ފޫޓް ދުރުގައި ބަހައްޓާފައިހުރި ކޮތަޅު ތަކާއި ދިމާއަށް ހިނގައިގަތެވެ. މުޅި ގޭގެ ވަށައިގެންވެސް އޮތީ ވަލުތެރެއެވެ. ޝަދީދު ލައިގެންހުރީ ބައިވަރު ޖީބުތަކެއް ލާފައިހުރި ސޯޓަކާއި ޓީޝާޓެކެވެ. ކޮތަޅުތަކާއި ހަމައަށް ގޮސް ކޮަތަޅުތައް ނަގަމުން ގެއާދިމާއަށް ހިނގައިގަތެވެ.
ގޭގެ ދޮރާއިހަމައަށް އައިސް ހުއްޓިފައި ވަށައިގެން ފަރާތްފަރާތަށް ބަލައިލިއެވެ. އެއަށްފަހު ދޮރުފަތް ހުޅުވާލިއެވެ.

ދުވާލުގެ ވަގުތު – ގުދަނެއްކަހަލަ ކުޑަކުޑަ ގެއެއް (އެތެރެ)
ކުޑަކުޑަކޮށް ދޮރުހުޅުވާލުމާއި އެކު ޝަދީދުގެ އަނގަ ހުޅުވާލައެވެ.
ޝަދީދު: ރަސީ؟
ބިރުވެރިގޮތަކަށް އަންހެނަކު ނޭވާލަމުންދާ އަޑު އިވެމުންދެއެވެ.
ޝަދީދު: ލޯބީ، މީ މަށޭ.... ޝަދީދު އޭ .....
ފަރުވާތެރިކަމާއިއެކު ޝަދީދު އެތެރެއަށް ވަންނަމުން ދިޔައެވެ. ގޭގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ލަކުޑިތަކެއް މަތީގައި އޮތް ވަޅިއެއް ނަގާ އަންބޮނޑިތެރެއަށް ޖެހިއެވެ.
ޝަދީދު: ރަސީމާ.....
ރަސީމާ ހުރީ އެގޭގެ އެއްކަނުގައި ޖަހާފައިހުރި ފޮށިގަނޑުތަކެއްގެ ތެރޭގައި ކޮޅަށެވެ. އޭނާ ހުރީ ހަނުކޮށެވެ. އެހެނަސް މުޅި މީހާގެ ހަށިގަނޑު ތުރުތުރު އަޅަމުންދެއެވެ.
ޝަދީދު: އަހަރެން...... އަހަރެން ދިޔައީ ވިޔަފާރިކޮށްލަން ރަށަށް. އަހަރެން ގެނައިން..... އެނގޭދޯ ކޯޗެއްކަން. ރަސީމާ އެންމެ ކާހިތްވާ ކާނާ.
މިހެންބުނަމުން ޝަދީދުގެ އަތުގައި ހުރި ކޮތަޅުތައް އެތާހުރި ކޮޅުފިލާ ގޮނޑިއެއްގައި ބެހެއްޓުމާއިއެކު އެގޮޑި ރަސީމާއާއި ދިމާލަށް ކޮއްޕާލިއެވެ.
ކުއްލިއަކަށް ރަސީމާ އޭނާއާއި ދިމާއަށް ފުންމައިގަތެވެ. ހަމައެވަގުތު ރަސީމާގެ ކަރުގައި ޖަހާފައި އޮތް ޗޭނުގަނޑަށް ވާންވެގެން ދިއުމާއިއެކު ފަހަތަށް ލުއްކެއް ޖެހިގެން ދިޔައެވެ. ޗޭނުގަނޑުގެ އަނެއްކޮޅު އައްސާފައިހުރި ބިތާއި ދިމާއަށެވެ.
އޭނާއަށް ވީތަދުން އަންގައިން 'ޒޫޝްސްސްސް' ކިޔާފައި އަޑެއް ލައްވާލިއެވެ.
ޝަދީދަށްވެސް ފަހަތަށް ފުންމައިގަނެވުނެވެ.
ޢުމުރުން 30 އަހަރުގެ ރަސީމާގެ މޫނުމަތި ހުރީ މިލާ މޯޅިވެފައެވެ. މޫނުމަތިން ބަލިވެއުޅޭ ކަމުގެ އަސަރު ފެންނަމުން ދެއެވެ. އޭނާ ލައިގެންހުރީ 'މޮޔަ ނާސިރާ ލައި އުޅޭ ޒާތުގެ' ހެދުމެކެވެ. ހެދުން އޮތީ ދާވެ ތަތްތެޅިފައެވެ. އޭނާގެ އިސްތަށިގަނޑުވެސް އޮތީ ނާސިރާ ސްޓައިލަށެވެ. ހަމަ އެހާބޮޑަށް ދާވެފައެވެ. ގައިގެ ހަންގަނޑުހުރީ ހިކިގެންގޮސް ކުރަކި ވެފައެވެ. ދެލޮލުގެ ކައިރި ހުރީ ކަޅުވެފައެވެ. ލޮލުގެ އެތެރެ ރަތްކަމުން ބަލާލަން ކެރޭވަރުވެސް ނުވެެއެވެ.
އަނގަމަތީގައި ހިކިފައިހުރި ލޭ އުނގުޅިފައި ހުއްޓެވެ.
ޝަދީދު: ރަސީމާ، މީ ޝަދީދުއޭ. ލޯބީ ހަނދާން އެބަހުރިތަ އަހަރެން؟
އޭނާގެ ކަރުގައި ޖަހާފައި އޮތް ޗޭނުގަނޑަށް ވާންވަންދެން ޝަދީދާއި ކައިރިއަށް ޖެހިލިއެވެ. އޭނާ ޝަދީދުއާއި ވީހާވެސްކައިރިއަކަށް ޖެހެވޭތޯ މަސައްކަތް ކުރިއެވެ.
އޭނާގެ ޙަރަކާތްތައް ލަސްވެފައި ބުރަހެއްޔެވެ.
ޝަދީދު: ޝަދީދު........؟ ހަނދާންވެއްޖެތަ؟
އޭނާގެ ކަރުގައި އޮތް ޗޭނުގަނޑު ނައްޓާލެވޭތޯ ލަތްކެއް ޖެހިއެވެ. އޭނާ ކަޅިޖަހާވެސް ނުލައި ޝަދީދާއި ދިމާއަށް ބަލަމުން ދިޔައެވެ.
ޝަދީދު: އަހަންނަކީ ކާކުކަން ހަނދާން ނެތުނީތަ؟
ޝަދީދު ގެނައި ބާޒާރުކޮތަޅުތަކުން ކޮތަޅަކުން ދެ އެއްޗެއް ނެގިއެވެ. އޭތި ބަންދުކޮށްފައިވަނީ ރީނދޫ ކުލައިގެ ރަބަރު ކޮތަޅުންނެވެ. ކޮތަޅު ތެރެއިން ނަގަމުން .....
ޝަދީދު: މިއަދު ދާންޖެހުނު އެކިއެކި ފިހާރަތަކަށް. ޢާއްމުކޮށް ކުކުޅު ގަންނަ ފިހާރައިގެ ސޭޓް ......
މިހެން ބުނަމުން ރަސީމާކައިރިގައި ހުރި ގޮނޑިމަތީގައި  އައިސްކަން ކެނޑިފައިވާ ދެ ކުކުޅު ބޭއްވިއެވެ. އެތަނުން ކުކުޅެއް ނެގޭތޯ ރަސީމާ އަތްދިއްކޮށްލިއެވެ. ނަމަވެސް އޭނާގެ އަތް ފޯރާވަރެއް ނުވިއެވެ.
(ޝަދީދު ދައްކަމުންދިޔަ ވާހަކަ ފުރިހަމަ ކުރިއެވެ.)
ޝަދީދު: ހުރީ މަށާމެދު ޝައްކުވެފައި. އޭނަ އޮޅުންފިލުވަން ބޭނުންވި ކީއްކުރަން ބާވައޭ އަހަރެން އެހާވަރަކަށް އައިސްކުކުޅު .....
ގޮނޑި ރަސީމާއާއި ކައިރިއަށް ކޮއްޕާލިއެވެ. ރަސީމާ މިނިކާވަގެއް މަސްގަނޑަށް ފުންމައިގަންނަހެން އަވަސް އަވަހަށް އެތަނުން އެއްކުކުޅު ނެގިއެވެ.
ޝަދީދު ދެލޯމަރާލިއެވެ. އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދިޔައެވެ.
ޝަދީދު: ގަންނަނީކީ. މިއަދު އަހަރެން ވަރަށް ބިރުގަތް އޭނާ ފުލުހުންނަށް ރިޕޯރޓްކޮށްފާނެތީ!
ޝަދީދު ލޮލުގެ އެއްކޮޅުން ރަސީމާ އެ ރޯކުކުޅު ކަމުންދިޔަގޮތަށް ބަލާލިއެވެ. ނަމަވެސް މާކަ ގިނައިރަކު ބަލަން ހުންނާކަށް ނުކެރުނެވެ.
ރަސީމާ ކުކުޅުގެ މަސްގަނޑު ވީދަމުން ހަފަމުންދާ އަޑު އިވެމުން ދިޔައެވެ.
ޝަދީދު: އަހަރެން ބޭނުމެއް ނުވޭ އެއްވެސް މީހަކަށް މިކަންތައް ގަނޑު އެގޭކަށް. އަދި ރަސީމާ ފުލުހުންގެ ބެލުމުގެ ދަށަށް ދާކަށް. އެނގެއެއްނު އެކަން.....
ރަސީމާ ރޯ ކުކުޅުކަމުން ގެންދިޔައެވެ. ޝަދީދު ދައްކަމުން ގެންދިޔަވާހަކަ އޭނާއަށް އަޑުނުވެސް އިވޭކަހަލައެވެ. އެތާގައި އެހެންމީހަކު ނެތްކަހަލައެވެ.
ޝަދީދު: ފުލުހަކަށް ނުވަތަ އެހެން މީހަކަށް މިކަންތައް ގަނޑު އެނގިއްޖިއްޔާ ވަރަށް ގޯސްވާނެ!
ރަސީމާ ކަމުންގެންދިޔަ ކުކުޅު ކައި ނިމުމާއިއެކު އަވަސް އަވަހަށް އަނެއް ކުކުޅު ނެގިއެވެ.
ޝަދީދު: އޭރުން އަހަރެން ވަރަށް ދެރަވާނެ!
ރަސީމާ ކަމުންގެންދިޔަ ކުކުޅުގެ އެއްފައި ތަޅުންގަނޑުމައްޗަށް ވެއްޓިއްޖެއެވެ.
ޝަދީދު އެ ކުކުޅުފަޔަށް ބަލައިލިއެވެ. ހަމަ އެއާއިއެކު ދެލޯމަރާ ބާރުކޮށްލިއެވެ.
ޝަދީދު: މިއީ ވަރަށް ދެރަކަމެއް.... މިހެން އުޅެން ޖެހޭނީ ކިހާދުވަހެއް ވަންދެން ކަމެއްވެސް ނޭނގޭ.
ޝަދީދު: ރާޔާވެސް މަންމަ ކޮބާހޭ ކިޔާ މިއަދުވެސް ވަރަށް ސުވާލުކުރި....

ރަސީމާ ކެއުން މަޑުޖައްސާލަމުން ޝަދީދާއި ދިމާއަށް ބަލާލިއެވެ.

ޝަދީދު: ރާޔާ މަންމަަ ނުފެންނާތީ ވަރަށް ދެރަވެފަ ހުންނަނީ.... ކޮންދުވަހަކުން ބާވައޭ މަންމަ ފެންނާނީ މިއަދުވެސް ކިޔަމުން ދިޔައީ.....

ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. ރަސީމާގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތާމައާއި މޮޅިކަމެވެ.

ޝަދީދު: ރާޔާ...؟ ހަނދާންވޭތަ ރާޔާ މަތިން؟

އޭނާގެ ޖީބުން ވޮލެޓް ނަމުން ވޮލެޓް ތެރެއިން ފޮޓޯގަނޑެއް ނެގިއެވެ.
ޝަދީދު: ހަނދާން އެބަހުރިތަ؟ ހަނދާން ވެއްޖެދޯ....؟

ފޮޓޯގަނޑު ގޮނޑިމަތީގައި ބޭއްވިއެވެ.

ޝަދީދު: މިއީ ކުރީއަހަރު މާލެގޮސް ނެގި ފޮޓޯއެއް، އަހަރަމެން ކުޑަކުދިންގެ ބަގީޗާއަށް ގޮސްފަ، ހަނދާން ވެއްޖެތަ؟

އެ ފޮޓޯގައިވަނީ ތިންމީހުނެވެ. ޝަދީދު ހުރީ މެދުގައެވެ. އޭނާގެ ދެއަތުން ހިފަހައްޓާލާ އޭނާގެ ގަޔާއި ކައިރިކޮށްލާފައިވަނީ ރަސީމާ އާއި ރާޔާ އެވެ. ތިންމީހުންވެސް ތިބީ ވަރުގެކޮޅަށް ނަލަހެދިގެން ހިނިތުންވެ ފޮޅިފައެވެ.

ޝަދީދު: ރާޔާ އެދުވަހު ބޭނުންވީ ވަށްކޮށް ހުރި ސީސޯ ތެރެއިންދާން... އެކަމަކު ރަސީމާ ހީކުރީ ރާޔާ އޭގެތެރެއަށް ލުމުން ބިރުގަންނާނެ ކަމަށް.... އެކަމަކު ރާޔާއަށް ވުރެ ބޮޑަށް ބިރުގަތީ ރަސީމާ.

ރަސީމާ އަނެއްކާވެސް ކާންފެށިއެވެ. މިފަހަރު ކަމުން ގެންދިޔައީ ތަންކޮޅެއް ލަސްލަހުންނެވެ.

ޝަދީދު: އަހަރެން ބުނިން މަންމަގެ ޙާލު ރަނގަޅުވެލީމަ ރަށަށް ގެންގޮސް ދޭނަމޭ. މިހާރުވެސް އެބަ މަސައްކަތްކުރަން އައްޑޫގަ ހުރި ބެއްޔާ ގެނެވޭތޯ؟ މީހުން ކިޔާއުޅޭ އޭނާ މިކަހަލަ ކަންތަކަށް ވަރަށް މޮޅޭ. މުޙައްމަދުބޭ މިހާރުވެސް .....

ރަސީމާ ދެވަނަ ކުކުޅުވެސް ކައި ނިންމާލިއެވެ.

ޝަދީދު: މަސައްކަތް ކުރަމުންދަނީ. އެކަމަކު، އެކަމަކު އަދިވެސް ބެއްޔާ އަތުނުޖެހިގެން އުޅެނީ.

ރަސީމާގެ ކުރިމަތީގައި ހުރި ގޮނޑިއަށް ބަލަންފެށިއެވެ. ބިރުވެރިކަމާއި ކަންބޮޑުވާ ޒާތެއްގައެވެ. ގޮނޑިމަތީގައި އޮތް ފޮޓޯ އޭނާގެ އަތުން ޖަހާ ވިހުރުވާލިއެވެ.

ޝަދީދު: އޭރުން އަހަރަމެންނަށްވެސް އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވެވިދާނެ.....

[ޕައް!]

އޭނާ ބަލާލިއެވެ. ރަސީމާގެ އަތުން ކޮޅުފިލާގޮނޑި މަތީގައި ބާރަށް ބޮޑިއެއް އެޅިއެވެ. އޭރު ރަސީމާ އިނީ ޝަދީދަށް ބަލާށެވެ.

ޝަދީދު: މިއަދު އެރަށުން ލިބުނީ ހަމައެކަނި ދެ ކުކުޅޭ... އެހެންރަށަކަށް ދާނެ ވަގުތުވެސް ނެތީ.....

ރަސީމާ ކުއްލިއަކަށް ޝަދީދާއި ދިމާއަށް ޖެހިގަތެވެ. މިފަހަރުވެސް ޗޭނުގަނޑަށް ވާންވުމާއިއެކު އޭނާ އައިކޮޅަށް ދިޔައެވެ.

އޭނާގެ ކަރުބުޑުން ނުބައި ޒާތަކަށް ހޭރިގަތެވެ.

ޝަދީދު: މާދަމާ ގިނައިން ގެނެސްދޭނަން!

އަނެއްކާވެސް އޭނާ ކުރިއަށް ފިޔަވަޅެއް އެޅުމަށް މަސައްކަތްކުރެއެވެ.
ޗޭނުގަނޑު ހަރުކުރުމަށް ބިތްގަނޑަށް ޖަހާފައިހުރީ ވަރުގަދަ ކަލާކުރި މޮހޮރެކެވެ. ޗޭނުގަނޑަށް ކިތަންމެ ވާންވި ނަމަވެސް އޭނާ މަސައްކަތްކުރަމުން ގެންދިޔައީ ޝަދީދާއި ހަމައަށް ދެވޭތޯއެވެ. ޝަދީދާއި ދިމާއަށް އޭނާގެ ދެއަތް ހޫރަމުން ދިޔައެވެ. އޭނާ ޖަހަމުންދާ ކޮންމެ ލަތްކަކާއިއެކު މުހޮރު އުފެރެމުން ދެއެވެ.

ޝަދީދު: ހަމަ ހުވާކޮށްފަ މިބުނީ..... ތިހެން ނުހަދާ!

ރަސީމާ ޗޭނުގަނޑުގައި އަތުން ހިފައި ލަކި ޖަހަންފެށިއެވެ. އޭނާގެ ރުޅިގަނޑު ގަދަވަމުން ދިޔައެވެ. މޮހޮރުވެސް ދޫވަމުން ދެއެވެ.

ޝަދީދު: ތިހެން އުޅެނިކޮށް އަނިޔާއެއް ވެދާނެ!

ރަސީމާ އަނގައިން ޒީއް ކިޔާފާ އަޑެއް ލައްވަމުން ދިޔައެވެ. އަނގައިތެރެއިން ފޮނުތައް ފައިބަމުން ދިޔައެވެ. ފޮނުތައްހުރީވެސް ރީނޑުކުލަކަހަލަ ކުލައެއްގައެވެ. އޭރު މޮހޮރު އެއްކޮށް ކަހަލަގޮތަކަށް ނުކުމެފައި ހުއްޓެވެ.
ޝަދީދު: ޕްލީސް ރަސީ. އަޑުއަހާބަލަ! އަހަރެން މިގޮތަށް ކަންތައްތައް މިކޮށްދެނީ ހަމަ ރަސީ ދެކެ ލޯބިވާވަރުންނޭ!
ރަސީމާ ކުރިއަށް ޖެހިލިއެވެ. ޖަހަމުން އައި ލަކިތައް ވަރުގަދަ ކުރިއެވެ. ޓަސްލާފައި މޮހޮރު ލުހިގެން އަތުވެއްޖެއެވެ. ޗޭނުގަނޑު ހަރުކޮށްފައި ހުރިބައި ބިންމައްޗަށް ވެއްޓުނެވެ. ކައިރީގައި ހުރި ކޮޅުފިލާ ގޮނޑި ފައިން ޖަހާ ބުރުވާލަމުން ޝަދީދުގެ ގައިގައި ޖެހޭނުޖެހޭ ހިސާބުގައި ހުއްޓުނެވެ.

ޝަދީދު: ރަސީމާ، ނޫން!

ޝަދީދުގެ އަންބޮނޑިއަށް ޖަހާފައިހުރި ވަޅި ކުއްލިއަކަށް ނެގިއެވެ. އޭނާ ފަހަތަށް ޖެހިލިއެވެ. ދެއަތް ތުރުތުރު އަޅަމުން ދެއެވެ.

ޝަދީދު: ރަސީ.. މަގޭ އަތުންފައިން ގޯސް ހައްދަން ނޫޅޭ....

ޝަދީދު ފަހަތަށް ޖެހެމުން ދިއައެވެ. ރަސީމާ ކުރިއަށް، އޭނާއާއި ދިމާއަށް ޖެހެމުން ދިޔައެވެ.

ޝަދީދު: ޕްލީސް ރަސީ..... މަޑުން ހުރެބަލަ! ރުޅިމަޑުކޮށްބަލަ!

ޝަދީދު ފަހަތަށް ޖެހެމުން ދިޔައެވެ. އޭނާ ފޮށިގަނޑެއްގައި ލައިގަތުމާއި އެކު ބިންމައްޗަށް ވެއްޓިއްޖެއެވެ. ވަރަށް ބާރަށް އޭނާގެ ބޯ ތަޅުންގަނޑުގައި ޖެހުނެވެ.
ރަސީމާގެ ކަރުގައި ޖަހާފައިއޮތް ޗޭނުގަނޑު ދަމަމުން އޭނާއާއި ކައިރިވަމުން އާދެއެވެ.

ޝަދީދު: އައި. ލަވް. ޔޫ ރަސީ.

ރަސީމާ ޝަދީދާއި އަރާހަމަކުރިއެވެ. ވެއްޓިފައި އޮތް ޝަދީދާއި ދިމާއަށް ގުދުވެފައި އޭނާގެ އަނގަ ތަންމިނަށް ހުޅުވާލިއެވެ. އަނގައިން ކުރިންވެސް ލައްވަމުން ގެންދިޔަ އަޑު ބާރަށް ލައްވަމުން ދިޔައެވެ.

ޝަދީދުގެ ދެފައި ބާރަށް ތަޅުވަމުން ގެންދިޔައެވެ. ސަލާމަތްވުމަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އޭނާގެ ފަޔާއި ދާދި ކައިރީގައި ފޮޓޯގަނޑު އޮތެވެ.

ޝަދީދު: (ސްކްރީނަށް)  ނޫންންންންންން!

ލޯބިން ފުރިފައިވާ ފޮޓޯ ގަނޑަށް ކެމެރާ އަޅުވާލައެވެ. ލޭ ދިކިތަކެއް ފޮޓޯގަނޑަށް ޖެހިގެން ދިޔައެވެ. ޝަދީދާއި ރާޔާގެ ސޫރަ ލެއިން ކަޅިވިއެވެ. މިހާރު ފޮޓޯއިން ފެންނަންހުރީ ރަސީމާ އެކަންޏެވެ.

މަސްގަނޑުވީދަމުން ހަފަމުން ކަމުންދާ އަޑު އިވެމުން ދެއެވެ.
ޝަދީދުގެ ފުރާނަނެތް މަސްގަނޑާއި ދިމާއަށް ގުދުވެގެން ރަސީމާ އޮތެވެ. އޭނާގެ އަނގައިން ޝަދީދުގެ މޫނުން މަސް ވީދާ ކަމުން ގެންދިޔައެވެ. ވަލު ޖަނަވާރެއް އެސޮރުގެ ޝިކާރައަށް އިންސާފުކުރަމުން ދާ ގޮތަށެވެ.
ކުއްލިއަކަށް ގޭގެ ދޮރު ހުޅުވިގެން ދިޔައެވެ. އިރުގެ ދޯދިތަކުން ގޭތެރެ އަލިކޮށްލިއެވެ. ރަސީމާ އަވަދިނެތި ކަމުން ގެންދެއެވެ.
ދޮރުހުޅުވިގެން ދިޔައިރު ދޮރުމަތީގައިހުރީ ރާޔާއެވެ. އޭނާގެ ފަހަތުގައި ބައިވަރު މީހުންތަކެއްވެސް ތިއްބެވެ. ނޫކުލައިގެ ޔުނިފޯމް އަޅައިގެން ތިބި ދެތިން މީހުންވެސް ތިއްބެވެ.

ރާޔާ: (ސްކްރީނަށް) ބައްޕާ؟
ރަސީލާ އެ އަޑު ޖެހުމާއިއެކު އެދިމާއަށް ބަލާލައެވެ. މުޅި އަނގަމަތީގައި ހުރީ ހުސް ލެއެވެ. އޭރުވެސް މަސްގަނޑެއް ހަފަމުން ދެއެވެ.
(ފޭޑް އައުޓް ބްލެކް)

ޓައިޓްލްސް


ނިމުނީ
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް