ފަހުގެ ޚަބަރު


އިތުރަށް...

އަޅުގަނޑު ބުނީ 'ބާކީ ކޮބާހޭ؟" ، "ބާޣީ ކޮބޭހޭ؟" އެއް ނޫން

ލިޔުނީ: Unknown - Monday, September 10, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަޅުގަނޑު ރައްޓެއްސަކާއި ވާހަކަދައްކަން މަޑުކޮށްލައިގެން ރަށުގެ ބަނދަރުމަތީގައި ހުއްޓާ އެތަނަށް އައިސް މަޑުކޮށްލީ ފުލުހުންގެ ޖިޕެކެވެ. ޖިޕް ތެރެއިން ފުލުހުންގެ ތިން ބޭފުޅުން ފޭބުމަށްފަހު ވަރަށް ހަރުކަށިކޮށް ވާހަކަދައްކަން ފެށިއެވެ.
"ކަލޭ ބާޣީ ކޮބާހޭ ބުނިންދޯ ދެންމެ!"

"ނޫން، އަޅުގަނޑެއް ނުކިޔަން!" ހައިރާންވެ ހުރެ އަހަރެން ޖަވާބު ދިނީމެވެ. އަހަރެންގެ ރަޙްމަތްތެރިޔާވެސް ދިނީ ހަމަ އެ ޖަވާބެވެ.

"ނުވާނެ ތިހެންނެއް. ކަލޭމެން ތި ރީނދޫ ހުން ޖެހިފަ ތިބޭ އާލާތްގަނޑު މާ ފުއްޕާނެ ކަމެއްނެތް! އަހަރުންނަށް ބާޣީއަށް ގޮވާފަ ހީނުކުރާތި ކައޭ މެންނަށް ފުއްޕާފަ އުޅެނޭވެ ކަމަށް!" ޙަޤީޤަތުގައި ފުއްޕަން ފެށީ ފުލުސް މީހާއެވެ.

"އަޅުގަނޑުމެން ފުލުހުންނޭ، ބާޣީންނޭ ކިޔާ މިތާ ނަންވެސް ނުގަންނަން. އަހަރެން މީނަ ކައިރީ (ރަޙްމަތްތެރިޔާ ކައިރީ) މި އެހީ ބާކީ ކޮބާހޭ؟" ފުލުސް މީހާއަށް އަރާފައިވާ އޮޅުން ހައްލުކޮށްދިނުމަށް އަހަރެން މަސައްކަތް ކުރީމެވެ. ރަޙްމަތްތެރިޔާވެސް އަހަރެން ދެއްކިވާހަކަ އެއީ ކަން ހިނގިގޮތް ކަމަށް ބުންޏެވެ.

"ނުވާނެ ތިހެންނެއް! އަހަރުމެން އަޑުއެހިން ކައޭމެން ބާޣީ ކޮބާހޭ ބުނިއަޑު. އަރާ ޖިޕަށް. ހަމަ މިހާރު އަރާ!!" ފުލުހުން އަހަރުމެންގެ ވާހަކަ އަޑު ނުއަހާ ޖިޕަށް އެރުމަށް މަޖުބޫރު ކުރުވިއެވެ. ފުލުހުންނަށް ނުކިޔަމަންތެރި ނުވުމަށް ދެމީހުން އެކުގައި ޖިޕަށް އެރީމެވެ.

މަތީގައި އެވަނީ ޚިޔާލީ ޙާދިޘާއެކެވެ. ނަމަވެސް މިއަދު ދިވެހިރާއްޖޭގައި ހަމަ މިފަދަ ކަންކަންވެސް ހިނގަމުން އެބަ ދެއެވެ. އެގޮތުން މިމަހުގެ ދެވަނަ ދުވަހު ހެނދުނު ލ. ފޮނަދޫގައި ހުންނަ އެސްޓީއޯ 134 ނަންބަރު ފިހާރަ ދޮރުމަތިން ދުއްވާފައި ދިޔަ ފުލުސް ވެހިކަލެއްގައި ތިބި ފުލުހުންނަށް ބާޣީއަށް ގޮވިކަމަށް ބުނެ ފޮނަދޫ އެމްޑީޕީ ސިރާޖުއްދީން ގޮފީގެ ރައީސް އިބްރާހިމް މުޙައްމަދު (ވާޑް) ފުލުސް ޖިޕަށްލައިގެން ގެންގޮސް ސައުވީސް ގަޑިއިރު ގަމުގައި ހުންނަ ޕޮލިސް ގޮޅީގައި ބޭއްވިއެވެ. ނަމަވެސް ވާޑް ގެންދިޔައީވެސް ފުލުހުންނާއި ދިމާއަށް ބާޣީއޭ ގޮވިކަމަށް ހީކޮށެވެ. ޙަޤީޤަތަކީ ވާޑްވެސް އަދި އޭނާއާއި އެކު އެތާނގައި ވާހަކަ ދައްކަން ތިބި އެއްވެސް މީހަކު ބާޣީ އަށް ނުގޮވާކަމެވެ.

"އަހަރުންތިބީ ހަފީޒާމެންގޭ (ވާޑް މެން ވާހަކަ ދައްކަންތިބި އަންހެންމީހާ) ގެންގުޅޭ ބޮންދެއް ގެއިން ނެރެލިވާހަކަ ދައްކަން. އެތާނގަ އެހެން ވާހަކައެއް ނުވެސް ދެކެވޭ." އެތާނގައި ތިބި އެސްޓީއޯ މުވައްޒަފުން އެދުވަހުގެ ޙާދިޘާ ސިފަކުރަމުން ބުނެފައިވެއެވެ. ވާޑް އާއިއެކު ތިބި މީހުން ބުނީ ފުލުހުން އެހެން ދިޔަކަމެއްވެސް ނޭނގޭ ކަމަށާއި ކުއްލިއަކަށް ފެނުނީ ވެހިކަލް އަނބުރާލާފަ އައިސް މަޑުކޮށްލިތަން ކަމަށެވެ.

"ވެހިކަލް މަޑުކޮށްފަ އޭގެއިން ފޭބި ފުލުހުން ވާޑްއާ ދިމާއަށް ބުނީ ދެންމެ ބާޣީ އޭ ކިޔައި ގޮވިންނޫންހޭ. އެހެން ބުނީމަ ވާޑް ބުނީ ނުކިޔަމޭ. ޒުވާބެއްވެސް ނުކުރޭ. ހަމަ އެކަނި ނުކިޔާ ވާހަކަ ބުނީ. އެކަމަކު ވެހިކަލް އަށް އަރާށޭ ކިޔާފަ ގެންދިޔައީ."

މި ޙާދިޘާ ހިނގިއިރު އެތާނގައި ހުރި ހަފީޒާ އާއި ބައްދަލުކޮށް ވާހަކަ ދައްކާލުމުން އޭނާބުނީ އިބްރާހިމް މުޙައްމަދު (ވާޑް) އެފަދަ އެއްވެސް އެއްޗެކޭ ނުކިޔާކަމަށެވެ.

"އަހަރެންވެސް ފުލުހުން ކައިރީގަ ތިން ފަހަރަށް ބުނިން، ވާޑް ނުކިޔައޭ، ނުގޮވައޭ ބާޣީ އޭ ކިޔާފައެއް." ޕީޕީއެމް އަށް ސަޕޯޓްކުރާ ހަފީޒާ ކިޔައިދިނެވެ.

"އެކަމަކު އެމީހުން އަޑެއް ނުއެހި. އަދި އަހަރެން ބުނިން ވާޑް ކިތަންމެ އެމްޑީޕީއަސް ކަލޭމެންނަށް (ފުލުހުންނަށް) އެނގޭ ނޫންހޭ އަހަންނަކީ ކިހިނެތް ހުރި މީހެއްކަން. އެކަމަކުވެސް ވާޑް ނުކިޔަންޏާ ބުނެވޭނީ ނުކިޔައޭ ނޫންހޭވެސް ބުނިން."

އަނެއްކާވެސް އެހެން ޙާދިޘާއެކެވެ. މިފަހަރު މިއީ ގިނަބަޔަކު ބުނަމުންދާ ބަޣާވާތުގެ ސަރުކާރު ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރި މަހުޖަނު ޤާސިމް އިބްރާހިމްގެ އިންސާފު ހުރިގޮތުގެ ވާހަކައެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފޮނަދޫ އެމްޑީޕީއަށް ނިސްބަތްވާ ދެމަފިރިންނެއް އެމީހުންގެ ކާރުގައި ފޮނަދޫން ގަމަށް ދުއްވާފައި ދަމުން، ކައްދޫ ޗެކްޕޯސްޓްގައި ތިބި ސަލާމަތީ ބާރުތަކުގެ ބަޔަކާއި ދިމާއަށް ކާރުގައި އިން އަންހެންމީހާ ވަރަށް ފާޅުކޮށް ބާޣީއަށް ގޮވިއެވެ. ނަމަވެސް ކާރުގައި އިން އޭނާގެ ފިރިމީހާއަކީ ބަސްމަދު މީހެއްކަމުން އެފަދަ އެއްވެސް އެއްޗެކޭ ނުގޮވައެވެ. ކޮންމެއަކަސް އެކަން ހިނގާދިޔައީ މިދެންނެވި ގޮތަށެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަންހެން މީހާގެ ކޮއްކޮއެއް އޭނާގެ ދޮންތަ ކައިރީގައި ބުނެލިއެވެ.
"ދޮންތަމެން ތިހެން ނުކިޔަބަލަ. މިހާރުވެސް ޒަކަރިއްޔާ މަންސޫރު ބުނެފަޔޯ އޮތީ ދޮންތަބެ ވަޒީފާއިން ކަނޑާލުމަށް ޤާސިމް ކައިރީ ބުނާނަމޭ."

"އަހަރެން އެމީހުންނަށް ބާޣީއަށް ގޮވައިގެން އަހަރެންގެ ފިރިމީހާ ވަޒީފާއިން ކަނޑާލަން ޖެހޭތަ؟ ހެޔޮ ކަނޑާލިޔަސް! ރިޒުޤު ދެއްވަނީ މާތް ﷲ. އެހެންވީމަ ޤާސިމްގެ ވަޒީފާގަ ނޫޅުނަސް އަހަރުމެން ތިބޭނީ ކައިގެން ބޮއެގެން." އަންހެންމީހާ އެމްޑީޕީގެ ރޫޙްގައި ޙަޤީޤަތް ހާމަކުރިއެވެ.

އޭގެ ދެތިން ދުވަސްފަހުން އަންހެން މީހާގެ ފިރިމީހާ މަސައްކަތް ނިންމާފައި ލޮގް އައުޓްވުމަށް ކާޑު ޖަހަން މާންދޫ ހޮރައިޒަން ފިޝަރީޒްގެ އޮފީހަށް ދިއުމުން އެތާނގެ އިސް މުވައްޒަފަކު އޭނާގެ އަތަށް ދިއްކޮށްލީ ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުމެކެވެ. އެ ލިޔުމުގައިވަނީ "..... މިތާނގެ ވަޒީފާގައި އިތުރަށް ގެންގުޅެން ބޭނުން ނުވާތީ މިއަދުން ފެށިގެން ވަޒީފާއިން ވަކިކޮށްފީމެވެ."

ލިޔުން ކިޔާލުމާއިއެކު އެމީހާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އޭނާގެ އެއްވެސް ކުށެއް ނެތި ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމުންނެވެ.

"މިތާނގަ އަޅުގަނޑު އިތުރަށް ގެންގުޅެން ބޭނުން ނުވަނީ ކީއްވެގެންކަން ބުނެދީފާނަންތަ؟" އެމީހާ އޮފިޝަލް ކައިރީ ސުވާލު ކުރިއެވެ.

"..... ކަނޑާލަން ޖެހޭތީ އަހަރެންވެސް މިހުރީ ވަރަށް ދެރަވެފަ. އެކަމަކު 'ވެރިޔާ' އެންގީ ކަނޑާލަން. ކަނޑާލަން ޖެހުނީ .... ގެ އަންހެނުން ސަލާމަތީ ބާރުތަކުގެ މީހުންނަށް ބާޣީއަށް ގޮވީމަކަމަށްވެސް ވެރިޔާ ބުނި. އެކަމަކު އަހަރެން ބުނިން ތިއީ މިތަނަށް ވަރަށް ބޭނުންތެރި ސްޓާފެކޭ ތިހެން ނުހަދާށޭ. ބުނީމަވެސް އެންގީ ކަނޑާލަން."


އަނެއްކާވެސް އެހެން ހާދިޘާއެކެވެ. ފޮނަދޫގައި ހުންނަ ލ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ގްރޭޑެއްގައި ކިޔަވަމުން އަންނަ އުމުރުން އެންމެ ބާރަ އަހަރުގެ ކުއްޖަކު ރަށުގެ ބަނދަރުގައި ހުރެގެން އޭނާގެ ރައްޓެހިންތަކެއްތެރޭ ހުރެ ބާޣީ އޭ ކިޔައިގެންވެސް އެކުއްޖާވެސް ފުލުހަށް ގެންގޮސްފައި ވެއެވެ.

ކޮންމެއަކަސް މިހިރަމިހިރަ ކަންތައްތަކުން އެނގި ފެންނަމުންދަނީ ރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމަށް ބަޔަކުމީހުން މަސައްކަތް ކުރަމުން އަންނަ ތަނެވެ. ވަޒީފާގައި ދެމިތިބެވިދާނެ ކަމުގެ އެއްވެސް ޔަޤީންކަމެއް ނެތްކަމެވެ. އިންތިޚާބަކުން ހޮވިފައިވާ ސަރުކާރެއް 'ބަޣާވާތަކަށް ނުވި އައު ބާވަތެއްގެ ބަޣާވާތަކުން' ވެރިކަން ވައްޓާލުމުން އިޖްތިމާޢީ ފޭރާމަށް އަންނަމުންދާ ބަދަލުތަކެވެ.

ބާކީކޮބާހޭ ބުންޏަސް މިހާރު ބާޣީ ކޮބާހޭ ބުނިކަމަށް ބަޔަކު މީހުންނަށް ހީވަމުންދިއުމަކީ ހަތެއް ފެބްރުއަރީ ގައި ކަން ހިނގައިދިޔަގޮތުން ވެދާނެ ކަމެކެވެ. މިހާރު 'ބ' ކިޔުމުން ދުރުހެލިވާން ޖެހިއްޖެޔޭ ހީވާހާވެސް ބިރުވެރިވާން ފަށައިފިއެވެ. ނަމަނަމަ 'ބާރީ' ބާކީ' 'ބާނީ' ބާބީ' 'ބާލީ' ބާޑީ' 'ބާޒީ' 'ބާޗީ' ފަދަ ލަފުޒެއް މިހާރު ބޭނުން ކުރާއިރު ފުލުހަކު ނުވަތަ ސިފައިންގެ މީހަކު ފެންނާން ހުރިތޯ ރަނގަޅަށް ބަލަފަ ނޫނީ ބޭނުން ނުކުރާށެވެ. ތިމާގެ އަނގައިން ބާޣީ އަށް ނުގޮވިޔަސް ތިމާގެ ގާތް މީހަކު ބާޣީއޭ ގޮވިޔަސް ވަޒީފަ ގެއްލިދާނެ ކަމުގެ ބިރު އޮތްކަން ހަނދާނުގައި ބެހެއްޓުންވެސް ބުއްދިވެރިއެވެ. އެކަމަކު ނިންމާލަމުންވެސް ބުނެލާހިތް އޮތީ ބަޣާވާތްކުރި މީހުންނަށް ބާޣީ ނުކިޔާ ދެންކިޔާނީ ފަހެ ކީކޭ ހެއްޔެވެ؟
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް