މި ދެންނެވި އަޅުކަމުގެ އިތުރުން ރޯދަމަހަށް ޚާއްޞަ ކުޅިވަރުތައް ރާއްޖޭގެ ހުރިހައި ކަންކޮޅެއްގައިވެސް ކުޅެމުން އާދެއެވެ. މިދެންނެވިފަދަ ގިނަ ކުޅިވަރުތަކަކީ އަޅުގަނޑަށް އެނގިހުރި މަޢުލޫމާތު ކުށް ނޫންނަމަ ދީނީ ގޮތުންވެސް ފުށު އެރުންތަކެއް ހުރި ކުޅިވަރުތަކެއް ނޫނެވެ. މިދެންނެވި ކުޅިވަރުތަކުގެ ތެރޭގައި އޮށްވަޅު ކުޅުން، ފަސްއޮށް ކުޅުން، ތިންމުގޯލި ކުޅުން، ރާޒުވާ، ތިންހަމަ އާއި ވަގުފުލުސް ފަދަ ކުޅިވަރުތައް ހިމެނެއެވެ.
އަޅުގަނޑުގެ މި މަޒުމޫނުގައި އަލިއަޅުވައިލެވޭތޯ މަސައްކަތް ކޮށްލާނީ ރަމަޟާން މަހުގެ ތިން ދިހަ، ހައްދުންމަތީ ފޮނަދޫގައި ސަގާފީގޮތުން ފާހަގަ ކުރަމުން އައިސްފައިވާ ގޮތުގެ މައްޗަށެވެ. އެ ގޮތުން މި މަޒުމޫނުގައި އަމާޒު ކުރެވޭ ކަންތައްތައް އަތޮޅުގެ އެހެން ރަށްރަށުގައި ކޮށްއުޅޭތޯ ބަލައިލުމަށް ކުރެވުނު މަސައްކަތުން އެނގިގެން ދިޔައީ މިފަދަ ކަންކަން އަތޮޅުގެ އެހެން އެއްވެސް ރަށެއްގައި ވަކި ރަމަޟާން މަހުގެ ދިހަތަކަށް ޚާއްޞަކޮށްގެން ކޮށްފައި ނުވާކަމެވެ. ފޮނަދޫގެވެސް ތިން އަވަށް އޮންނައިރު ރޯދަ މަހަށް ޚާއްޞަކޮށްގެން މިކަންކަން ކޮށް އުޅުނީ ހަމައެކަނި ބަރާސިލު އަވަށުގައެވެ.
ރަމަޟާންމަހުގެ ތިން ދިހަ ބަހައިލެވިފައި އޮންނަނީ ވައިބަޑި ދިހަ އާއި ބުރަފަތި ދިހަ އާއި އަޑަސަރަކަ ދިހައިގެ މައްޗަށެވެ. މި ގޮތުގެ މަތީން ރަމަޟާން މަހުގެ ތިން ދިހައަށް ނަން ދީފައި މިވަނީ ހުނަރުވެރި، އުފެއްދުންތެރި 3 ކުޅިވަރެއްގެ މައްޗަށް ބިނާކޮށެވެ. އާދެ! ވައިބަޑި، ބުރަފަތި އަދި އަޑަސަރަކައިގެ މައްޗަށެވެ.
ފުރަތަމަ ދިހަ : ވައިބަޑި ދިހަ
ރޯދަމަހުގެ ފުރަތަމަ ދިހައަކީ ވައިބަޑި ދިހައެވެ. ވައިބަޑި ދިހައިގައި ކޮންމެ މީހަކުވެސް ވައިބަޑިއެއް ހެދޭތޯ މަސައްކަތް ކުރާނެއެވެ. އަދި ވައިބަޑި ހެދުމަށްފަހު ބަޑިއަށް އެންމެ އެކަށޭނަ އުންޑަ ނުވަތަ ވަޒަން ހޯދައިގެން ބާރަށް ގޮއްވޭތޯ ވެސް މަސައްކަތް ކުރާނެއެވެ.

ގާކޮޅޭ ކިޔައި އުޅޭ ސަރަޙައްދުގެ ހޭޅިތެރެ އޮންނަނީ ރީތިކޮށް ނޮޅައި ސާފުކޮށްފައެވެ. އެހިސާބު މެދުގައި ހިކިފަނުން ބޮޑު ފަންފުންޏެއް ޖަހައިފައި ހުންނާނެއެވެ. ގައުކޮޅަށް ގޮސް ވައިބަޑި ތައްޔާރު ކުރުމަށް ބޭނުންވާ މައިގަނޑު ސާމާނު އެހިސާބުން ފަސޭހަކަމާއެކު ލިބެން ހުރެއެވެ. ބަޑީގެ ހޮޅިއަށް ބޭނުންކުރަނީ ހިކިފައި ހުންނަ މަގޫ ގަހުން ކަނޑައިލާ މަގޫ ދަނޑީގެ މަދު ނަގައިގެންނެވެ. ނުވަތަ ހެޔޮވަރުގެ އޮނުބަދައެކެވެ. ބަޑީގެ ފޮލިސާއަކަށް ނުވަތަ ޕިސްޓަނަކަށް ބޭނުންކުރަނީ ދަކަނދާ ގަހުގެ ލަކުޑި އެވެ. ކޮންމެއަކަސް، ރަނގަޅު ފޮލިސާއަކާއި ރަނގަޅު އޮނުކޮޅެއް ހޯދުމަށްފަހު އޭގެއިން ވައިބަޑި އެއް ތައްޔާރުކޮށް އެއަށް ވަޒަން ހޯދަނީ ކުރިން ބުނިހެން ގޮބޮޅި އާއި މިރީގެ ކިހާއް ގަނޑުން ނުވަތަ ވަނދު ބަނބުކެޔޮ، ފަޅޯ ފަދަ ތަކެތިންނެވެ.

ވައިބަޑީގެ ވަޒަން ގޮބޮޅިން ނުވަތަ ވަނދު ބަނބުކޭލުން ހަދައި އުޅުނީ ދޯރިއެއް (ކޯންއެއް) ގެ ސިފައިގައެވެ. ވަޒަން ހެދުމަށްފަހު ބަޑީގެ ހޮޅިގަނޑަށް ވަޒަން ޖެހުމަށްފަހު ފޮލިސާ ބޭނުންކޮށްގެން ގަދަބާރުން އެ ވަޒަން، ބަޑީގެ ފޮލިސާއާއި ވީކޮޅުން ކޮއްޕާލުމަސްފަހު ހޮޅިގަނޑުގެ ކޮޅުން ކުޑަތަންކޮޅެއް ނެރެލައެވެ. އެއަށްފަހު އަނެއްކާ ވެސް އެހެން ވަޒަނެއް ބަޑީގެ ތެރެއަށް އިހު ބުނިފަދައިން ލައްވައެވެ. މިފަހަރު ވަޒަން ލައްވަނީ ބަޑީގެ ހޮޅިގަނޑުގެ ތެރެއަށް އަނގައިން ފުމެ، ވައިކޮޅެއް ފޮނުވައިލުމަށް ފަހުގައެވެ. މި ވަޒަން ލެއްވުމަށްފަހު ފޮލިސާއިން ބާރަށް ކޮއްޕައިލުމުން 'ޕޮއް' ކިޔައިފައި އަޑެއް އިވުމާއެކު ބަޑީގެ ކޮޅުން ފުރަތަމަ ލެއްވި ވަޒަން ނިކުމެގެން ދެއެވެ. (ކުރިއަށް އޮތީ ....... ދެވަނަ ދިހަ : ބުރަފަތި ދިހަ)
-------------
(ނުނިމޭ)
No comments: