ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރެއްވި އެ ޕާޓީގެ އިންތިގާލީ
ނާއިބު ރައީސް އުމަރު ނަސީރު ޕީޕީއެމް އިން ކަނޑާލިކަމުގެ ރަސްމީ ލިއުން
އޭނާ އަށް ރައްދުކޮށްފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އަހްމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ
ޕާޓީން ކަނޑާލިކަމުގެ ރަސްމީ ލިޔުން އުމަރަށް ފޮނުވާފައި ވަނީ މިއަދު
2:00ގައި ކަމަށެވެ.
ޕީޕީއެމްގެ ސުލޫކީ ކޮމެޓީގެ މުގައްރިރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު
ވިދާޅުވީ އުމަރު ޕާޓީން ވަކިކުރި ނަމަވެސް ޕާޓީގެ އިސްތިއުނާފު ކޮމެޓީ އަށް
އެ މައްސަލަ ހުށަހެޅުމަށް 14 ދުވަހުގެ ފުރުސަތެއް އަސާސީ ގަވާއިދުގެ
ދަށުން އުމަރަށް ލިބިގެންވާ ކަމަށެވެ.
އުމަރުގެ ކެމްޕޭން މެނޭޖަރުގެ ގޮތުގައި ވެސް ހަރަކާތްތެރިވި މާޒް ސަލީމް
ވިދާޅުވީ މާދަމާ އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށް އުމަރު މިހާރު
ނިންމަވާފައިވާ ކަމަށެވެ.
"މާދަމާ އެ މައްސަލަ އަޅުގަނޑުމެން ޝަރީއަތަށް ހުށަހަޅާނަން،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރައިމަރީގައި މަކަރާއި ހީލަތް ހެދިކަމަށް އުމަރު ދެއްކެވި
ވާހަކަތަކާ ގުޅިގެން އޭނާ މައާފަށް ނޭދިގެން ޕާޓީން ވަކިކޮށްފައިވާ އިރު އެ
މައްސަލަ އަކީ ޝަރީއަތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
އެހެންކަމުން ޕްރައިމަރީގައި މަކަރު ހެދިކަމަށް ބުނާ މައްސަލައާ މެދު
ޝަރީއަތުން ވަކިގޮތެއް ކަނޑަނާޅަނީސް އުމަރު ޕާޓީން ވަކިކުރުމުގެ ސަބަބުން
އުމަރަށާއި އޭނާގެ ސަޕޯޓަރުންނަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް
ލިބިފައިވާ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
"ޕްރައިމަރީގައި މަކަރާއި ހީލަތް ހެދި މައްސަލަ އެ އޮތީ ޝަރީއަތަށް
ހުށަހަޅާފައި. ޝަރީއަތުން އަދި އެ މައްސަލައާ މެދު ވަކިގޮތެއް ނިންމާ.
އެހެންވީމާ ޕްރައިމަރީގައި މަކަރާއި ހީލަތް ހެދި މައްސަލައާ މެދު
ޝަރީއަތުން ވަކިގޮތެއް ނުނިންމަނީސް އުމަރު ނަސީރު ޕާޓީން ވަކިކުރުމުގެ
ސަބަބުން އުމަރަށާއި އޭނާގެ ސަޕޯޓަރުންނަށް ވަނީ އިއާދަ ނުކުރެވޭވަރުގެ
ގެއްލުމެއް ލިބިފައި،" ސަލީމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕްރައިމަރީ ބޭއްވި ދުވަހާ ޖެހިގެން އައި ދުވަހު ސަޕޯޓަރުންނާ
ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ޔާމީނަށް ވަރަށް ބޮޑަށް ފާޑު
ވިދާޅުވުމަށް ފަހު އުމަރު ވަނީ ޕްރައިމަރީގައި މަކަރުހަދައި އޮޅުވާލި
ކަމަށް ބުނެ ވާހަކަ ދައްކަވާފަ އެވެ. އެ ވާހަކަތަކާ ގުޅިގެން މައާފަށް
އެދުމަށް ސުލޫކު ކޮމެޓީން ތަކުރާރުކޮށް އުމަރަށް އެންގުމުން ވެސް އޭނާ
ވިދާޅުވެފައި ވަނީ މައާފަށް އެދެން ޖެހޭނީ ޕްރައިމަރީގައި ވޯޓު އޮޅުވައި
މަކަރު ހެދި މީހުން ކަމަށެވެ.
ޑީއާރްޕީން ވެސް އުމަރު ވަކިކޮށްފައި ވަނީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފަށް
މުޒާހަރާއެއް ބޭއްވި ކަމަށް ބުނެ އެވެ. އެ މައްސަލަ ވެސް އުމަރު ކޯޓަށް
ހުށަހެޅުއްވި އެވެ. ނަމަވެސް އޭގެ ފަހުން ޕީޕީއެމް އުފެއްދުމަށް ނިންމުމުން
އުމަރު ވަނީ ޑީއާރްޕީގައި ހުންނަވަން ބޭނުން ނުވާކަމަށް ވިދާޅުވެ ޕީޕީއެމް
އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާން ފައްޓަވާފަ އެވެ.
ޚަބަރު: ހަވީރު އޮންލައިން އިން
ކުއްލި ޚަބަރު
Recent Post
">
No comments: