
''އޭރު ގާތްގަނޑަކަށް އަޅުގަނޑުގެ ޢުމުރުން ވާނީ ދިހަވަރަކަށް އަހަރު. އަލްޤާރީ ޔޫނުސް ވަޑައިގެން ރާއްޖޭގައި ފުރަތަމަ ހިންގި ޕްރޮގްރާމްގައި ބައިވެރި މީހެއް ބޭބެއަކީ. ބޭބެ ޗުއްޓީ ތެރޭގައި ރަށަށް ގޮސް އަޅުގަނޑުމެންނަށް ކިޔަވައިދިނީ. އޭރު ކިޔެވި ކިޔެވުމުގައި އުފެދުނު ޝަޢުގެއްމީ. އޭގެއިތުރުން އަޅުގަނޑުގެ ދައްތައަކީ އެދުރު ދައިތައެއް. އެހެންވީމަ ގޭތެރޭގައިވެސް އެބައި ވަރަށްބޮޑަށް އޮވޭ. ރަށުގެ ވަރަށް ގިނަ ކުދިން އައިސް ދައްތަ ކައިރިން ކިޔަވާނެ. އޭރުންސުރެ ފަށައިގެން ޝަޢުގު ހުންނަ ކަމަކަށްވެފައި މިއޮތީ''. އަލްޤާރީ ސްޓާފް ސާރޖަންޓް މުޙައްމަދު އަސްލަމް ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވުމަށް ޝައުޤުވެރިކަން އުފެދުނު ގޮތް ހާމަކުރެއްވިއެވެ. އަސްލަމް އެންމެ ފުރަތަމަ ޤުރުއާން މުބާރާތެއްގައި ބައިވެރިވެލެއްވީ އޭނާގެ އުފަން ރަށް ކުޑަހުވަދޫގައި ދިރިއުޅުއްވި ދުވަސްވަރު މަޢުހަދުން 1984 ގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ޤައުމީ ޤުރުއާން މުބާރާތެއްގައެވެ.


'' ސިފައިންގެއަށް ވަނުމުގެ ކުރިން ފުރަތަމަ ޤާރީ ކޯހަށް އަޅުގަނޑުވަނީ. ވަދެހުއްޓަ ބޮންޑުގެ ދަށުން ސިފައިންގެއަށް ވެއްދީމަ ހިތަށް އެރި މިހިސާބުން މިދިޔައިއްޔޭ ދެން ކަންތައް. ކެރިއަރ ނިމުނީއޭ. އެކަމަކު އެހެނެއްނޫން އިރާދަކުރެއްވިއްޔާ ކަންތައްވީ.'' އަސްލަމް ބުނުއްވިއެވެ.
އަސްލަމް ބުނުއްވާ ގޮތުގައި ސިފައިންގެ ޙަޔާތުގައި އެންމެ ފުރަތަމަ ޖަލްސާއެއްގައި އޭނާއަށް ޤުރުއާން ކިޔަވަން ފުރުޞަތު ލިބިގެންގޮސްފައިވަނީ 1995 ވަނައަހަރު ބޭއްވި ސިފައިންގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާ ގައެވެ. އެރޭ އަސްލަމްގެ ކިޔެވުން ކަމުގޮސްގެން ގިނަ ބައެއްގެ ތަރުޙީބް ލިބިގެންދިޔައިރު، އޭރުގެ ސިފައިންގެ އެންމެމަތީވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ވަނީ ތަޢުރީފްކުރައްވާ އަސްލަމަށް ހިތްވަރު ދެއްވާފައެވެ.
އަސްލަމުގެ މިހާރު އެންމެ ބޮޑު މަސައްކަތަކީ މި ރޮނގުން މާލޭގެ ސްކޫލްތަކުގެ ދަރިވަރުން މުބާރާތްތަކަށް ތައްޔާރުކޮށްދިނުމެވެ. އެގޮތުން އަސްލަމްގެ މޭސްތިރިކަމުގައި އެ ސްކޫލްތަކުން ރަންވަނަތަކެއް ދަނީ ހޯދަމުންނެވެ. އޭގެތެރޭގައި އިސްކަންދަރު ސްކޫލް، ޖަމާލުއްދީން، ސްކޫލް އަމީނިއްޔާ ސްކޫލް އަދި ތާޖުއްދީން ސްކޫލް ހިމެނެއެވެ. މި ސްކޫލްތަކުގެ ތެރެއިން އަސްލަމް ޕްރެކްޓިސް ކޮށްދިން ހުރިހާ ސްކޫލެއް ރަން ވަނަތައް ޙާސިލް ކުރަމުންދާކަން މިއީ ފާހަގަކުރެވޭ ވަރުގެ ކަންތައްތަކެވެ.

ހއ. ހޯރަފުށީގައި އެމްއެންޑީއެފް އިން ހިންގި ތަޖްވީދު މަގަށް ކީރިތި ޤުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ކްލާސްތަކެއްގެ ދަރިވަރުންނަށް ޤުރުއާން އުނގަންނައިދޭން އަސްލަމް ކުރެއްވި މަސައްކަތަކީ މުޅިން އާ ތަޖްރިބާއެއް ލިބިގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން، ހއ. އަތޮޅު ޤުރުއާން މުބާރާތަށް 15 ދަރިވަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ތައްޔާރުކޮށް، މި މުބާރާތުގައި 13 ދަރިވަރަކު ކާމިޔާބީ ހޯދާފައިވާއިރު، ހއ. އަތޮޅު ޤުރުއާން ކިޔެވުމުގެ މުޅި މުބާރާތުން ހޯރަފުއްޓަށް އެއްވަނަ ހޯއްދަވައިދެއްވިއެވެ.
ސީޑީ އަޑުއައްސަވައިގެންނާއި ރޭޑިއޯއިން އޭރު ފަތިހު އަންނަ ކީރިތި ޤުރުއާން އަޑުއައްސަވައިގެން ކުރައްވަމުންދިޔަ މިންނަތް މަސައްކަތުގެ ފޮނިމޭވާ މިއަދު ޙާޞިލްވެއްޖެއެވެ. ޤާރީ ކޯހުން ފެށިގެން ޑިޕްލޮމާ އަށްފަހު، މިހާރު އަލްޤާރީ މުޙައްމަދު އަސްލަމަކީ ރީތިކޮށް ތަޖުވީދުމަގަށް ކީރިތި ޤުރުއާން ކިޔުއްވަމުން އަންނަ ކީރިތި ޤުރުއާނުން ޑީގްރީ ނަންގަވައިގެން ހުންނެވި ރާއްޖޭގައި ތިއްބެވި މޮޅު ޤާރީންގެ ތެރޭގައި ހިމެނިލައްވާ އެއް ޤާރީއެއްކަމާމެދަކު ޝައްކެތް ނެތެވެ.
އަލްޤާރީ މުޙައްމަދު އަސްލަމްގެ މިހުރިހާ މަސައްކަތެއްގެ ފަހަތުގައި އޭނާއަށް ހިތްވަރު ދޭން ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. އެ ލިސްޓް ދިގު ނަމަވެސް ފާހަގަކޮށްލެވޭ ފަރާތްތަކެއް ކިޔުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް އަސްލަމް ބޭނުންވެލައްވައެވެ. މިގޮތުން ލިސްޓްގެ އެއްވަނައަށް އަންނަ ފަރާތަކީ ސިފައިންގެ ލީޑަރ ޝިޕެވެ. ކުރީގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ޒާހިރާއި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރިޓަޔަޑް) މުޙައްމަދު ނާޒިމް ހިމެނިވަޑައިގަންނަވާއިރު، މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމްގެ ނަންފުޅު ފާހަގަކުރެއްވިއެވެ. އަދި އެ ހުރިހާ ކާމިޔާބެއްގެ ސިއްރަކީ އާއިލާގެ ފަރާތުންނާއި އަނބިކަނބަލުންގެ ފަރާތުން ލިބިލައްވާ އެހީތެރިކަން ކަމަށް އަސްލަމް ބުނުއްވައެވެ.
ހަފްތާ އައްޑަނަ ޓީމުން އެދެނީ އަލްޤާރީ ސްޓާފް ސާރޖަންޓް މުޙައްމަދު އަސްލަމަށް މި ރޮނގުން އިތުރަށް ކުރިއަށް ދިޔުމުގެ ހެޔޮ ނަޞީބު މިންވަރު ކުރެއްވުމެވެ.
No comments: