![]() |
ލ. ގަމު އެމްޑީޕީ ޙަރަކާތެއްގެ ތެރެއިން - ފޮޓޯ: ސަންގޯރު |
އެމްޑީޕީއިން ބުނީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ލ.ގަމުން ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްއަށް ވޯޓް ދެއްވި ގިނަ އަދަދެއްގެ މީހުން އެމްޑީޕީ އާއި ގުޅި،ޖަގަހަތައް ހަދާ ކެމްޕެއިން ހަރަކާތްތަކުގައި މިހާރު ބައިވެރިވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ލ.ގަމުން ރައީސް ނަޝީދަށް ވޯޓު ދޭން ބުނާ ގިނަމީހުން ވޯޓު ލާ ދުވަހު އެމްޑީޕީގެ މެންބަރުންނާއެކު ވޯޓުލާން ދިއުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ތާއީދް އިތުރުކުރުމުގެ ގޮތުން ލ.ގަމުގައި ޚާއްސަ ހަރަކާތްތަކެއް ފެށިގެން ކުރިއަށްދާ ކަމަށެވެ.
އެގޮތުން މިމަހުގެ 18ވީ ބުދަ ދުވަހު ލ.ގަމުގައި ރައީސް ނަޝީދަށް ތާއީދް އިތުރުކުރުމުގެ ގޮތުން ފެށުނު ކެމްޕެއިން ޙަރަކާތްތަކުގައި އެދުވަހު ގަމު ތުނޑީ އަވަށުގައި ދޮރުން ދޮރަށް ހިނގާފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
އަދި މީގެ އިތުރުން 19 އަދި 20 ވަނަ ދުވަހު ގަމުގައި އަލަށް އާބާދުވީ ސަރަހައްދާއި، މަތިމަރަދޫ އަވަށުގައި ދޮރުން ދޮރަށް ހިނގައި އެމްޑީޕީގެ މެނިފެސްޓޯއާއި ބެހޭ މައުލޫމާތު ރައްޔިތުންނާއި ހިއްސާކޮށް، ސިޔާސަތުތަކަށް ހޭލުންތެރިކުރުވުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
ލ.ގަމު ކެމްޕެއިން ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ގަމު ދާއިރާގެ ރައީސް ރަގީބް އަލީ ވިދާޅުވީ ފުރަތަމަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދަށް ލިބުނު %42.4 ޕަސެންޓް މިހާރު ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކާއެކު ދެވަނަ ބުރުގައި %50 ޕަސެންޓަށް ވުރެ މައްޗަށްދާނެ ކަމަށެވެ.
އެމްޑީޕީން ބުނީ ލ.ގަމުގައި ހަރަކާތްތެރިވަމުން އަންނަ ކެމްޕެއިން ޓީމުން ދެވަނަ ބުރުގެ ކެމްޕެއިންގައި އެމްޑީޕީއަށް މެންބަރުން އިތުރުކޮށް ކުރިން ވޯޓު ނުދޭ މީހުންގެ ވޯޓު ކަށަވަރުކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން ލ.ގަމުގައި މިހާރު ކުރިއަށްދާ ކެމްޕެއިން ހަރަކާތްތަކުގައި ކުރިއަށް އޮތް 4 ދުވަހު އެމްޑީޕީގެ މެނިފެސްޓޯގެ މައުލޫމާތު އޮޅުންފިލުވައި ދިނުމާއި ވޯޓުލާ ދުވަހު ކަންތައްތައް ކުރަންވީ ގޮތުގެ މައުލޫމާތު ދިނުމަށް ހާއްސަ ބައްދަލުވުންތަކެއް ކުރިއަށްދާނެ ކަމަށް އެމްޑީޕީން މައުލޫމާތުދެއެވެ.
No comments: