އެމްޑީޕީން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގެސްޓު ހައުސް ވިޔަފާރި އަކީ “ރަލާއި އޫރުމަހާއި” ނުލައި ޓުއަރިޒަމް ތައާރަފް ކުރުން ކަމަށެވެ.
“އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ ގެސްޓު މީހާ ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކުރަން ބޭނުންވަނީ ބޮއެގެން އޮވެކަމަށް. އެކަން އޮތީ އެހެނަކުން ނޫން. އެމްޑީޕީގެ ގެސްޓުހައުސް ވިޔަފާރިން އަޅުގަނޑުމެން މި ތައާރަފް ކުރަނީ ޓޫރިޒަމް ރަލާއި އޫރުމަހާއި ނުލައި،” ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި އެމަނިކުފާނު ވިދާޅުވީ، ރަލާއި އޫރުމަހާއި ނުލައި ވެސް ފަތުރުވެރިކަން ކުރެވޭނެކަން، މާފުއްޓާއި ތުލުސްދޫ ފަދަ ރަށްރަށަށް ވިސްނާލުމުން ވެސް އެނގޭ ކަމަށެވެ.
އަދި އެމްޑީޕީ ސަރުކާރުގައި ސިވިލް ސާވަންޓުންގެ މުސާރަ ކުޑަކުރި ކަމަށް ގިނަބަޔަކަށް ހީވެފައި އޮތް ނަމަވެސް އެކަން އޮތީ އެހެން ނޫންކަމަށާއި، 2009 ވަނަ އަހަރުގެ ކުރީ ކޮޅުގައި އެސިސްޓަންޓު ޑިރެކްޓަރުން ފެންވަރުގެ ވަޒީފާއަށް ވުރެ ދަށް ހުރިހާ ސިވިސް ސާވަންޓުންގެ މުސާރަ 20 ޕަސަންޓާއި 30 ޕަސަންޓާއި ދެމެދުގެ އަދަދަކަށް ބޮޑުކޮށްފައި ވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
އަދި ސިވިލް ސާވަންޓުންގެ މުސާރައިން އުނިކުރި ބައި އެއްއަހަރު ދުވަހުގެ ތެރޭގައި އަލުން އިއާދަ ކުރުމަށް ނިންމީ ވެސް އެމްޑީޕީ ސަރުކާރުގައި ކަމަށާއި، މިހާރު އެފައިސާވެސް އަނބުރާ ރައްދުކުރެވިފައިވާނެ ކަމަށް ރައިސް ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގެ ފުރަތަމަ ބުރު ބާތިލުކުރަން ޖުމްހޫރީ ޕާޓީން ސްޕުރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާއި ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ “މިހާރު ރާއްޖެއޮތް ވަޅު ގަނޑަށް ވުރެ ބޮޑު ވަޅުގަނޑަކަށް ވައްޓާލަން ބޭނުން ނަމަ މިރޭން މިރެއަށް ވެސް އިންތިހާބު ބާތިލު ކުރަން ސްޕްރީމްކޯޓުން ހުކުން ކުރަންވީ” ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ރޫހާއި ދެކޮޅަށް ސްޕްރީމް ކޯޓަށް ވެސް ކަންކަން ނުނިންމޭނެކަން ރައީސް ނަޝީދު ފާހަގަ ކުރެއްވި އެވެ.
ރޭގެ ބައްދަލުވުމަގައި ވެސް ގިނަބަޔަކު އެމްޑީޕީއާއި ގުޅިފައިވާކަން ފާހަގަ ކޮށްލެވެ އެވެ.
No comments: