ޗުއްޓީއެއް ހޭދަކޮށްލުމަށް ހެނދުނު އެމިރޭޓްސް ފްލައިޓްގައި މަރަޑޯނާ ރާއްޖެ އައިސްފައިވާއިރު އޭނާގެ ރާއްޖޭގައި ހޭދަކުރާ އެއް ހަފްތާގެ ޗުއްޓީއަށް އެއްވެސް ނޭދެވޭ އަސަރެއް ކުރިޔަ ނުދިނުމަށް ޓަކައި ޗުއްޓީގެ އެންމެހާ ކަންތައްތައް ވަނީ ސިއްރު ކުރެވިފަ އެވެ.
މިވަގުތު ރާއްޖޭގައި ހުރި މަރަޑޯނާ އަކީ ދުނިޔޭގަ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް 91 މެޗު ކުޅެ 31 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި ކްލަބް ލެވެލްގައި އޭނާ ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި އާޖެންޓީނޯ ޖޫނިއާސް، ނެވެލްސް އޯލްޑް ބޯއީސް، ބޮކަ ޖޫނިއާސް، ސްޕެއިންގެ ބާސެލޯނާ، ސެވިއްޔާ، އިޓަލީގެ ނަޕޯލީ ހިމެނެ އެވެ.
އުމުރުން 56 އަހަރުގެ މަރަޑޯނާ އަކީ އާޖެންޓީނާގެ ފުޓްބޯޅަ ބަތޮލެއްގެ ދަރަޖަ ދެވިފައިވާ ފަރާތެކެވެ. އާޖެންޓީނާގެ ގައުމީ ޓީމުގެ ކޯޗްކަން ވެސް ކޮށްފައިވާ މަރަޑޯނާ ވަނީ ފީފާއިން ހޮވި 20 ވަނަ ގަރުނުގެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.
މަރަޑޯނާގެ ކާމިޔާބު ފުޓްބޯޅަ ހަޔާތް ނިމުމަކަށް އައީ އިޓަލީގައި ކުޅެން އުޅުނު ދުވަސްވަރު، މަސްތުވާ ތަކެތީގެ ބޭނުން ކުރުމާއި އަހުލާގީ ގޮތުން ދައްފެންވަރުގެ ކަންތައްތަކެއްގެ ތެރެއަށް ވަނުމުގެ ސަބަބުންނެވެ. އެއަށް ފަހު މަސްތުވާ ތަކެތީން ސަލާމަތްވުމަށް މަރަޑޯނާ ވަނީ ގިނަ އަހަރުތަކެއް ކިޔުބާގައި ހޭދަކޮށްފަ އެވެ.
No comments: