ފަހުގެ ޚަބަރު


އިތުރަށް...

ފިންގަރ ޕްރިންޓް ވެރިފައި ކުރުމަށް އިލެކްޝަންގެ މަށްޗައް އަމުރުކޮށްފި

ލިޔުނީ: Unknown - Monday, October 14, 2013 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ގުޅިގެން ރީ-ރަޖިސްޓްރީކުރުމަށް ހުށައެޅި ފޯމްތަކުގެ ފިންގަރ ޕްރިންޓް ވެރިފައި ކުރުމަށް އިލެކްޝަން ކޮމިޝަނުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒަ ހުސެއިން ސޮއިކުރައްވާ ރޭ މެންދަމުގެ ވަގުތެއްގައި ނެރުނު އަމުރުގައި ބުނެފައި ވަނީ، ރަށްވެހިވެފައިވާ ރަށްނޫން ރަށްރަށެއްގައި ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީ ކޮށްދިނުމަށް އެދި، ހުށަހަޅާ ފޯމްތަކުގައި ޖަހަންޖެހޭ ފިންގަރ ޕްރިންޓްތައް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނާއި ގުޅިގެން ވެރިފައިކުރުމަށް އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

އަދި ފިންގަރ ޕްރިންޓް ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅޭ ޙާލަތްތަކާއި މިނޫންވެސް ސުޕްރީމް ކޯޓުގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަންތައްތައް ދާކަން ކަށަވަރުކުރުމަށް، އިންތިޚާބީ ޝަކުވާގެ ހައްގު ލިބިގެންވާ ފަރާތްތަކުން ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން، އެ ޝަކުވާތައް ހައްލުކުރުމަށް ޖާގަދިނުމަށްވެސް ވަނީ އަމުރުކޮށްފައެވެ.

"އިންތިޚާބުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި، ދުސްތޫރު އަދި ޤާނޫނީ އިޖްރާއާތާ އެއްގޮތްވާ ގޮތުގެމަތިން ބޭއްވި އިންތިޚާބުތަކަކަށް ހެދުން ކަމަށްވާއިރު، އެ ގައިޑްލައިންތަކާއި އެއްގޮތުގެ މަތިން، އެއްވެސް ފަރާތަކުން އެފަރާތެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނަކަމަށް ދެކިގެން ހުށަހަޅާ ޝަކުވާ ބެލުމުގެ ނިޒާމްގެ ތެރެއިން އެ ޝަކުވާތައް ހައްލު ލިބިދީގެން ކުރިއަށް ގެންދިޔުމަށް، ބުނެވިދިޔަ ޤަޟިއްޔާގައި ބަޔާންކޮށްފައިއޮތްއިރު، އެމީހަކު ރަށްވެހިވެފައިވާ ރަށްނޫން ރަށްރަށަށް ވޯޓުލުމަށްޓަކައި ރީ-ރަޖިސްޓްރީކޮށްދިނުމަށްއެދި ހުށަހަޅާ ފޯމްތަކުގައި ޖަހަންޖެހޭ ފިންގަރ ޕްރިންޓްތައް ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން މެދުވެރިވެގެން ކަށަވަރުކޮށްދިނުމަށް އެދި ހުށަހެޅޭ ހަލާތްތަކުގައި އެފަދައިން އަމަލުކުރުމަށް އަމުރުކުރާކަމަށް" ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އިތުރަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު 2013/SC-C/42 ޤަޟިއްޔާގެ ހުކުގައި ދީފައިވާ ގައިޑްލައިންތަކުގައި ބުނެފައިވާ ކަންތައްތައް އެ ގައިޑްލައިންތަކުގައި ބުނެފައިވާގޮތުގެ މަތިން އިންތިޒާމް ކުރުމަށް އިލެކްޝަން ކޮމިޝަނުގެ މައްޗަށާއި ކަމާއިބެހޭ އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކުރާކަމަށެވެ.

އިލެކްޝަން ކޮމިޝަންގެ މަށްޗައް މިފަދައިން އަމުރުކުރިއިރު، ރަށްވެހިވެފައިވާ ރަށްނޫން ރަށެއްގައި ވޯޓްލާ ފަރާތްތަކުން ރަޖިސްޓްރީވުމަށް ހުށަހަޅާ ފޯމްތަކުގައި ފިންގާޕްރިންޓް ޖެހުމަށް ސުޕްރީމް ކޯޓްގެ ޙުކުމުގައި ބުނެފައި ވީނަމަވެސް، ފިންގަޕްރިންޓް ވެރިފައި ކުރަން ޙުކުމުގައި ބުނެފައި ނުވާތީއާއި، ވެރިފައިކުރުމުގެ ޤާބިލްކަން ނެތުމުން އެކަން ނުކުރެވޭނެކަމަށް އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ ބުނެފައެވެ.

އިންތިހާބާއި ގުޅިގެން ސްޕްރީމް ކޯޓުން މިފަދަ އަމުރުތައް ރޭގަނޑުގެ ދަން ގަޑިތަކުގައި ނެރެމުންދާއިރު، އިންތިހާބުގެ ތާރީޚުގައި އިންތިހާބު ނުބޭއްވިދާނެކަމުގެ ބިރު އެބައޮތް ކަމަށް ބައެއް ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް