"ސްޓޭޓް އޮފް ދަ ވޯލްޑް ޕޮޕިއުލޭޝަން" ރިޕޯޓް ނެރުމަށް ޔޫއެންއެފްޕީން މިއަދު ނަސަންދުރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހުށަހަޅާދިން ވީޑިއޯ ޕްރެޒެންޓޭޝަނެއްގައި ބުނެފައިވަނީ ފާއިތުވި އަހަރުތަކުގައި ޔޫއެންއެފްޕީއޭއިން ރާއްޖޭގައި ހަދާފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ޒުވާނުންގެ ތެރެއިން ކައިވެނީގެ ކުރިން ޖިންސީގުޅުން ހިންގާ ފަރާތްތަކުގެ ތިންބައި ކުޅަ ދެބައި މީހުން ފުރަތަމަ ފަހަރަށް ޖިންސީ ގުޅުން ހިންގަނީ އުމުރުން 18 އަހަރުވުމުގެ ކުރިން ކަމަށެވެ. އަދި ކައިވެނީގެ ކުރިން ޖިންސީ ގުޅުންތައް ހިންގާ ޒުވާނުންގެ ތެރެއިން އުމުރުން 18 އަހަރާއި 21 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން 92 އިންސައްތަ މީހުން އެކަން ކޮށްފައިވަނީ އަމިއްލައަށް ބޭނުން ވެގެންނެވެ.
މީގެ އިތުރުން ކައިވެނީގެ ކުރިން ބަދުއަހުލާގީ އަމަލު ހިންގާ އުމުރުން 16 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 85 އިންސައްތަ ކުދިން އެކަން ކޮށްފައިވަނީ ވެސް އަމިއްލައަށް އެކަމަށް ބޭނުންވެގެން ކަމަށް ވެސް ދިރާސާއިން ވަނީ ހާމަވެފައެވެ. އަދި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ މެދުގައި ރައްކާތެރި ކަމެއް ނެތި ޖިންސީ އަމަލުތައް ކަންބޮޑުވާ ވަރަށް ހިންގާ ކަމަށް ވެސް ވަނީ ހާމަވެފައެވެ.
އެގޮތުން ބަދުއަހުލާގީ އަމަލު ހިންގާއިރު ރާއްޖޭގައި ހުރަސް ބޭނުންކުރާ މިންވަރު މަދު ކަމަށާއި، އެއީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވެސް ޕްރެޒެންޓޭޝަންގައި ފާހަގަ ކޮށްފައިވެއެވެ. އަދި ދެމީހުންނަށްވުރެ ގިނައިން ބައިވެރިވެގެން ޖިންސީ އަމަލުތައް ހިންގުމުގެ އަމަލުތައްވެސް ރާއްޖޭގައި ހިންގާ ކަމަށާއި، ނުވަތަ ހުރަހާއި ނުލާ އެކަކަށްވުރެ ގިނަ މީހުންނާއި އެކު ބަދުއަހުލާގީ އަމަލު ހިންގާ ފަރާތްތަކުގެ މެދުގައި ބަލިތައް އުފެދުމުގެ ބިރު ހީވެފައިވާ ކަމަށްވެސް އެ ރިޕޯޓްގައި ބުނެފައިވެއެވެ.
ސިއްހަތަށް ގެއްލުންވާ ގޮތަށް އެބޯޓް ކުރާ ކަމަށާއި ނަމަވެސް އެފަދަ ކަންކަމުގެ ވަކި ހާއްސަ އަދަދެއް ސާފު ނުވާ ކަމަށް ވެސް އެ ޕްރެޒެންޓޭޝަންގައި ބުންޏެވެ. އެގޮތުން ހޮސްޕިޓަލުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކައިވެނީގެ ކުރިން ބަނޑުބޮޑުވާ މީހުންގެ 68 އިންސައްތައަކީ އުމުރުން 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުންނެވެ.
ޔޫއެންއެފްޕީއޭއިން ބުނީ މިފަދަ ކަންކަން ކަންކަމުގެ ސަބަބުން ސިއްހީ މައްސަލަތަކުގެ އިތުރުން، އިޖްތިމާއީ، އިގްތިސާދީ އަދި ގާނޫނީ ގޮތުންވެސް ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން ޅަ އުމުރުގައި ބަނޑުބޮޑުވުމާއި، ކުޑަކުދިން ކައިވެނި ކުރުން ހުއްޓުވުމަށް ހޭލުންތެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގަން ޖެހޭ ކަން ވެސް ޔޫއެންއެފްޕީއޭއިން ފާހަގަ ކުރި އެވެ. އަދި ކައުންސިލިންގެ ހިދުމަތްތައް ގާއިމްކޮށް، ގާނޫނުތަކަށް ވެސް ބައެއް ބަދަލުތައް ގެންނަން ޖެހޭ ކަމަށް ވެސް ޔޫއެންއެފްޕީއޭއިން ވަނީ ފާހަގަ ކޮށްފައެވެ.
ސްޓޭޓް އޮފް ދަ ވޯލްޑް ޕޮޕިއުލޭޝަން ރިޕޯޓް މިއަހަރު ނެރިފައިވަނީ "މަދާހުޑް އިން ޗައިލްޑްހުޑް - ފޭސިން ދަ ޗެލެންޖް އޮފް އެޑޮލެސެންޓް ޕްރެގްނެންސީ"ގެ ނަމުގައެވެ. ޔޫއެންއެފްޕީއޭގެ ރިޕޯޓްގައި ރާއްޖޭގައި އާންމު ގޮތެއްގައި ޒުވާނުން ކައިވެނީގެ ކުރިން ޖިންސީ ގުޅުންތައް ހިންގާކަމަށް ބުނެފައިވާއިރު، ރާއްޖޭގެ އާބާދީގެ 51 އިންސައްތަ އަކީ 51 އިންސައްތަ މީހުންނަކީ 25 އަހަރުން ދަށުގެ މީހުންނެވެ. އޭގެ ތެރެއިން 22 އިންސައްތަ މީހުންނަކީ 15 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުންނެވެ.
No comments: