ފަހުގެ ޚަބަރު


އިތުރަށް...

ރިސޯޓު ތަރައްގީ ކުރަން ނިންމި 14 ރަށަށް ދުނިޔޭގެ ބޮޑެތި އިންވެސްޓަރުުން ޝައުގުވެރިވެއްޖެ

ލިޔުނީ: Unknown - Saturday, September 22, 2012 ކޮމެންޓް 0
Unknown
ސޭވްކޮށްފައިވާ ކެޓަގަރީ:
ޓޫރިޒަމް ފުޅާ ކުރުމުގެ ގޮތުން ޓޫރިސްޓު ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ސަރުކާރުން އަލަށް ނިންމައި ދިރާސާކުރި 14 ރަށް ތަރައްގީ ކުރަން ބޭރުގެ ވަރަށް ގިނަ ބޮޑެތި އިންވެސްޓަރުން ޝައުގުވެރިކަން ފާޅުކުރަމުންދާކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ސިންގަޕޫރުގައި މިވަގުތު ހުންނަވައިގެން މިނިސްޓަރު އަދީބު ސަން އޮންލައިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ބޭރުގެ އެކި ގުރޫޕްތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅު ކުރަމުން އަންނަ ކަމަށާއި އެ ފަރާތްތަކުގެ ތެރޭގައި ތައިލެންޑާއި ސްރީލަންކާ އަދި ސިންގަޕޫރުގެ ބޮޑެތި އިންވެސްޓަރުން ހިމެނޭ ކަމަށެވެ. އޭގެ ތެރޭގައި މިހާރުވެސް ރާއްޖޭގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކާއި މުޅިން އަލަށް އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރުވެސް ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފައިވާ ވަރަށް ބައިވަރު ގްރޫޕްތައް ހިމެނޭ. މިސާލަކަށް ތައިލެންޑުގެ ބޮޑު ހަތަރު ގުރޫޕަކުން ބޭނުންވޭ އިތުރު ރަށްތަކެއް ނަގަން. ސްރީލަންކާގެ އިންވެސްޓަރުން ވެސް އެބަތިބި، ހަމަ އެހެންމެ ސިންގަޕޫރުގެ ވަރަށް ބޮޑެތި އިންވެސްޓަރުވެސް ތިބީ ވަރަށް ޝައުގުވެރިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.

ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި މި 14 ރަށުގައި ރިސޯޓް ތަރައްގީ ކުރަން ޝައުގުވެރިކަން ފާޅުކުރި އިންވެސްޓަރުންގެ ތެރޭގައި ގަތަރުގެ އަމީރާއި އަދި ސައުދީ ޕްރިންސާއި އެނޫން ވެސް މެދުއިރުމަތީގެ ބޮޑެތި ވިޔަފާރިވެރިން ހިމެނެ އެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުތައް ތަރައްގީ ކުރަން އިންވެސްޓަރުންނަށް ރަށްތައް ހަވާލު ކުރާނީ ހުޅުވާލެވިގެން ކުރިއަށްދާ ބީލަމެއްގެ ތެރެއިން އެންމެ ބޮޑު އަގެއް ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ. ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރަން ކަނޑަޅާފައިވާ 14 ރަށް ނުހިމެނޭ އަތޮޅުތަކަކީ އެ ސަރަހައްދުތަކުގައި އިތުރު އެއާޕޯޓްތައް ތަރައްގީ ކުރުމަށް ވިސްނަމުންދާ އަތޮޅުތައް ކަމަށާއި އެ ޕްލޭންތައް ނިމުމުން އެ އަތޮޅުތަކުގައި ވެސް ރިސޯޓުތައް ތަރައްގީ ކުރާނެ ކަމަށް އަދީބު މިއަދު ވިދާޅުވި އެވެ.

"ވަރަށް ގިނަ ފަރާތްތަކުގެ ސުވާލެއް ހއ އާއި ހދ. އާއި ނ އަދި ށ. ކޮބައިހޭ؟ ދެން ގއ. ފިޔޯރީއާ ދިމާކޮބައިހޭ؟ އެކަމުގެ ޖަވާބު އެބަ އޮތް، މިހާރުން މިހާރަށްވެސް ޓްރާސްޕޯޓް މިނިސްޓަރު އެ ޕްލޭން ކުރައްވާ އިތުރު އެއާޕޯޓްގެ ގޮތުގައި، އޭގެ ތެރޭގައި ހއ. ހިމެނޭ، ށ. ހިމެނޭ. އެކަމަށްވެސް ރަށްތަކެއް ވެސް އެބަ ޖެހޭ ކަނޑައަޅަން. އެހެންވީމަ އެކަމަށް ވެސް ޖާގަ ދީފައި އެއޮތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަލަށް ރިސޯޓް ތަރައްގީ ކުރަންސަރުކާރުން އިއުލާން ކުރި ރަށްތަކަކީ ރ. ފަސްމަންދު އާއި ޅ. އޫކޮޅު ފިނޮޅާއި، ވ. ބޮޑުމޮހަރާއާއި، މ. ދިއްތުނޑިއާއި، ލ. އަތޮޅުގެ ތިން ރަށް ކަމަށްވާ ހުޅިޔަންދޫ އާއި އޮޅުތޮޅާއި އުވަދެވިފުށްޓާއި، ގއ. އަތޮޅުގެ ފަސް ރަށް ކަމަށްވާ ބިހުރެހާއާއި ބޮޑުބޮނޑެއްޔާ އާއި ފަޅުވެއްރެހާ އާއި މާމުޓާ އާއި ޅޮއްސާ އަދި ގދ. ދެރަށް ކަމަށްވާ ކަންނިގިއްލާ އާއި ރަހަދުވާ އެވެ.
ސޭވްކޮށްފައިވާ ކެޓަގަރީ:

No comments:

ކޮމެންޓް ކުރައްވާ

ބިނާކުރަނިވި ޚިޔާލާއި ފާޑުކިޔުންތައް ފޮނުއްވާ! ޝާއިޢުކުރެވޭނީ ތާނައިން (ދިވެހިބަހުން) ލިޔެފައިވާ ޚިޔާލާއި ފާޑުކިޔުންތަކަށް