ސ. ހުޅުމީދޫގައި
ހުރި އިންޖީނެއް ލ. އަތޮޅަށް ގެންދަން ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށް، އެ އިންޖީނު އެ އަތޮޅަށް
ގެންދިއުމަށް މަސައްކަތްކުރަމުންދާތީ
އެކަމާ އައްޑޫ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކައުންސިލުން މިމަހުގެ
18 ވަނަދުވަހު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ އައްޑޫ ސިޓީގެ ތަރައްގީ އަށް ކުރީގެ ސަރުކާރުން ހޯދައިދިން 180 ކިލޯވޮޓްގެ ކަމިންސް އިންޖީނެއް ލ. އިސްދު އަށް ގެންދަން
އިއުލާންކޮށްފައިވާ ކަމަށެވެ. އަދި މިއީ 2013ގެ ރިއާސީ އިންތިހާބަށް މިހާރުގެ ސަރުކާރުގައި ހިމެނޭ ސިޔާސީ ޕާޓީތަކުން ލ. އަތޮޅުގެ
ރައްޔިތުންގެ ތާއީދު ހޯދުމަށް ހިންގާ އެޖެންޑާއެއް ކަމަށް ގަބޫލްކުރާ ކަމަށް ވެސް އެމްޑީޕީ އަށް ނިސްބަތްވާ ކައުންސިލަރުން ތިއްބަވާ ކައުންސިލުން ނެރުނު
ބަޔާނުގައި ބުނެފައިވެ އެވެ.
"ރައީސް ވަހީދު އުފައްދާފައިވާ
ފެނަކަ ކޯޕަރޭޝަނުން ހުޅުމީދޫ އިންޖީނު ގޭގައި ހުރި މި އިންޖީނު އައްޑޫ ސިޓީން ބޭރުކުރުމަށް މަސައްކަތްކުރާ އިރު، ހިތަދޫ އިންޖީނުގެ އިން ވެސް ޖަނަރޭޓަރު ސެޓެއް
ބޭރުކުރުމުގެ ވިސްނުންފުޅެއް
ސަރުކާރުން ގެންގުޅުއްވާ ކަމުގެ މައުލޫމާތު ލިބިފައިވުމުން މި ކަމަކީ މި ސިޓީގެ ތަރައްގީ އަށް ސަރުކާރުން ހުރަސްއަޅާ
ވަރު ހާމަކޮށްދޭ ކަންކަމެވެ. އަދި
މިކަމާ އައްޑޫ ސިޓީގެ ރައްޔިތުން އަޑު އުފުލުމަށް ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.
ހުޅުމީދޫ އިންޖީނު
ގޭގައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން ބޭނުންނުކޮށް ހުރި ޖަނަރޭޓަރެއް ލ. އަތޮޅަށް ގެންދަން ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
ކައުންސިލުން އިތުރަށް
ބުނީ އައްޑޫގެ ތަރައްގީ އަށް ފަށާފައިވާ ކަންކަމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުން އަމަލުކުރަމުން ގެންދާތީ
އެކަމާ ހިތާމަކޮށް ކަންބޮޑުވާ
ކަމަށެވެ. އަދި އެކަމާ ރައްޔިތުން ވިސްނުމަށް ވެސް ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.
"ސާކް ސަމިޓްގެ ދުވަސްވަރުން
ފެށިގެން އައްޑޫގެ ތަރައްގީ އަށް އާ ސޮފުހާއެއް ހުޅުވި، ދުރު މުސްތަގްބަލްގެ ތަރައްގީ އަށް ޕްލޭން ހެދި، ކުރަން ފަށާފައިވާ ކަންކަމަށް ހުރަސް އެޅޭ ގޮތަށް
ސަރުކާރުގެ އަމަލުތައް ބަހައްޓާކަމީ
އައްޑޫގެ ތަރައްގީ އަށް މި ސަރުކާރުންނާއި ސަރުކާރާ ގުޅިފައިވާ ޕާޓީތަކުން ހުރަސްއަޅާ މިންވަރު ހާމަކޮށްދޭ
ކަމެކެވެ."
ކައުންސިލްގެ
ބަޔާނުގައިވެ އެވެ.
މިކަމާ ބެހޭ ގޮތުން
ފެނަކަ ކޯޕަރޭޝަންގެ މެނެޖިން ޑިރެކްޓަރު މުހައްމަދު ނިމާލް މިމަހުގެ 19 ގައި ވިދާޅުވީ ހުޅުމީދޫގައި ބޭނުންނުކޮށް ހުރި 180 ކިލޯވޮޓްގެ އިންޖީނު އިސްދު އަށް ގެންދަން
އިއުލާންކުރީ އެ ރަށުގެ ކަރަންޓްގެ ހާލަތު
ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އެކަމަށް ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
"ކުންފުނީގެ އެސެޓްތައް އެއް
ރަށުން އަނެއް ރަށަށް ބަދަލުކުރުމަކީ މީގެ ކުރިން ވެސް ހަމަ ކުރަމުން ގެންދިޔަ ކަމެއް. އެ އުސޫލުގެ ދަށުން ހުޅުމީދޫގައި ބޭނުންނުކޮށް ހުރި ޖަނަރޭޓަރު
އިސްދު އަށް ގެންގޮސް ދޭނެ ބަޔަކު ހޯދުމަށް
އަޅުގަނޑުމެން ގެޒެޓްގައި އިއުލާންކުރީ،" ނިމާލް ވިދާޅުވި އެވެ. "އަޅުގަނޑުމެން އިންޖީނު ގެންދާނީ
އެކަމާ ބެހޭ މައުލޫމާތު ވެސް ރައްޔިތުންނަށް
ދީފައި ރައްޔިތުންގެ ރުހުމާ އެކު. އެއްވެސް ހާލެއްގައި ގަދަ ބާރުން އިންޖީނު ބޭރުކުރާކަށް މަސައްކަތެއް އަޅުގަނޑުމެން
ނުކުރާނަން.
އަދި އަޅުގަނޑުމެންނަށް ވަރަށް
ބޮޑަށް ޔަގީންކުރެވޭ މިކަން ކުރިއަށް ގެންދާ ގޮތް ރައްޔިތުންނަށް އޮޅުން ފިލުވައިދިނީމަ ރައްޔިތުން
މިކަމަކާ ދެކޮޅަށް އިހުތިޖާޖްކުރަން
ނުނިކުންނާނެ ކަމަށް."
ނިމާލް އިތުރަށް
ވިދާޅުވީ ބޭނުންނުކޮށް ހުރި 180 ކިލޯވޮޓްގެ ޖަނަރޭޓަރަކީ ހުޅުމީދޫގައި ބޭނުންކުރެވޭނެ
އިންޖީނެއް ވެސް ނޫން ކަމަށެވެ.
"އެ ރަށަށް ބޭނުން ވަނީ
އެއަށްވުރެ ކެޕޭސިޓީ ހައި އިންޖީނެއް. އެ ޖަނަރޭޓަރެއް ހުޅުމީދޫގައި ބޭނުމެއް ނުކުރެވޭނެ ކެޕޭސިޓީ ދަށްކަމުން،"
އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު ވެސް އެބަ މަސައްކަތް ކުރަން އެ ރަށަށް ކެޕޭސިޓީ ހައި އިންޖީނެއް ހޯދުމަށް."
ނިމާލް އަދި
ވިދާޅުވީ ހުޅުމީދޫގައި ހުރި 180 ކިލޯވޮޓްގެ އިންޖީނުގެ އިތުރަށް، އައްޑޫގެ އެއްވެސް ރަށަކުން އިތުރު
އެއްވެސް އިންޖީނެއް އެހެން ތާކަށް ގެންދަން
ފެނަކަ ކޯޕަރޭޝަނުން މަސައްކަތްނުކުރާ ކަމަށެވެ.
އަދި އެފަދަ ވާހަކަތަކެއް
ދައްކަނީ ކަންކަން "ސިޔާސީ" ކުރަން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ
އެވެ.
ޚަބަރު: ހަވީރު
އޮންލައިން
No comments: